Last Updated: November 30, 11:39
Saturday, November 30, 2024
ޚަބަރު

މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ކުރެވޭނެ: ރައީސް

އަސާސީ ހައްގުތަކުން ރައްޔިތުން މަހްރޫމް ކުރުމަށް ހެދި ގާނޫންތައް އުވާލައި ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއި އެކު ހިޔާލުފާޅުކޮށް، މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ ފުރުސަތު ފަހިކޮށްދީފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވ. ކެޔޮދޫގައި ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ފެއްޓި މަސައްކަތަކީ ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ އަސާސީ ހައްގުތައް އަނބުރާ ރައްޔިތުންނަށް ހޯދައި ދިނުން ކަމަށެވެ.

" އަސާސީ ހައްގުތައް ހުއްޓުވުމަށްޓަކައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ހުއްޓުވުމަށްޓަކައި ހެދިފައި ހުރި ގާނޫނުތައް އުވާލުމުގެ މަސައްކަތް އެދުވަހުން އެދުވަހަށް އަޅުގަނޑުމެން ކުރީން، އިރާދަކުރެއްވިއްޔާ މިއަދު މިރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް، ހިޔާލުފާޅު ކުރުމުގެ ނޫސްވެެރިކަމެއް އަނެއްކާވެސް އަނބުރާ މިއޮތީ ރައްޔިތުންނަށް ލިބިފައި"

ރައީސް ސޯލިހު ވަނީ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހަދާފައިވާ ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން މަޖްލިސްއަށް ހުށަހަޅައި އެގާނޫނު އުވާލާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ވަނީ ހަނިކޮށްފައެވެ. އަދި ނޫސްވެރިންނަށް ބިރު ދައްކައި ނޫސް އިދާރާތައް ބޮޑެތި އަދަދުން ވަނީ ޖުރިމަނާކޮށްފައެވެ.