ބަޢާވާތުގެ ވާހަކަ އެމްޑީޕީ އަށް ނުދެއްކޭނެ ކަމަށާއި ބަޢާވާތް ކުރުމުގެ ރެކޯޑް ވެސް އޮތީ އެމްޑީޕީ އަތުގައި ކަމަށާއި ބަޣާވާތޭ ކިޔައިގެން ވާހަކަ ދެއްކުމަށް އެމްޑީޕީ މީހުން ލަދު ގަންނަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީ ވެސް ހިމެނޭ ކޯލިޝަނަކުން ކަމަށާއި ފިންގާ ޕްރިންޓް ޖަހާފައިވާ އެގްރީމަންޓްގެ ދަށުން އެ ޕާޓީ އަށް ސަރުކާރުގެ 30 ޕެސެންޓް ދިނުމަށް ދެ ފަރާތުން އެއްބަސްވި ކަމަށެވެ.
ނަމަވެސް އެއްބަސްވުމާ ހިލާފަށް ފަހުން ސަރުކާރުން "ބޭރުކޮށްލި" ކަމަށާއި އެ އަށްވުރެ "ބޮޑު ބަޣާވާތެއް" ނެތް ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެއްފަރާތުން ޓޫރިސްޓް ގެސްޓް ހައުސްތައް ހެދުމުގެ ވާހަކަ އެމްޑީޕީން ދައްކާ އިރު، އަނެއް ފަރާތުން ޓޫރިޒަމް ބޮއިކަޓް ކުރުމަށް ގޮވުމުން އެ ދައްކާ ވާހަކައިގެ ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި އެ ފަދަ "ދަންތުރާގައި" ދިވެހިން ޖެއްސޭ ވަރަށް ވުރެ މިއަދު ދިވެހީން ހޭލާ ތިބި ކަމަށާއި އެމްޑީޕީގެ އެ ދަޅާފައި މިއަދު ދިވެހިން ނުޖެއްސޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ބަޔަކު ބޭނުންކޮށްގެން ހިންގި ތަހުގީގުން މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ބަޔަކު ބަޣާވަތްކޮށްގެން ނޫން ކަން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށާއި ބަޣާވާތޭ ބަޣާވާތޭ ކިޔައިގެން އެމްޑީޕީ މީހުން ވާހަކަ ދައްކަނީ ހަގީގަތް އޮޅުވާލުމަށް އަދި އަމިއްލަ އަށް ކޮށްގެން ތިބި "ބަޣާވާތުގެ" މަތި އަޅަން ކަމަށް ވެސް ޤާސިމް އިތުރަށް ވިދާޅުވި އެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، އެ މަނިކުފާނު މަޖިލީހުގައި ތަމްސީލް ކުރައްވާ މާމިގިލީގައި ނަރުދަމާ އާއި ފެން ހޮޅި ވެސް ވަޅުނުލެވި ވަނީ އޭރު އެމްޑީޕީގެ ސަރުކާރުގެ ނުކުޅެދުންތެރި ކަމުން ކަމަށެވެ.