Last Updated: November 24, 18:44
Sunday, November 24, 2024
މުނިފޫހިފިލުވުން

ލޯބިވެރިޔާގެ މައާފް

(ޖޫން 6، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ފިޔާޒާ…އަހަރެމެންގެ މި ގުޅުމުގެ ވާހަކަ އިތުރު އެއްވެސް މީހަކަށް އެނގިގެން ނުވާނެ. އަހަރެންގެ އާއިލާ މީހުން އަހަރެން ކައިވެނި ކުރަން ބޭނުންވާނީ ވަރަށް ކިޔަވައިގެން ހުރި މޮޅު ކުއްޖަކާ. މީ މަ ވެސް އެދޭ ގޮތް. އެހެން ނޫނަސް މިރަށު ކުދިން ގުރޭޑް ފަހެއްް ނިމޭ އިރަށް ތި ތިބެނީ މީހުންނާ ހިތާވެފަ. އަހަރެންގެ ހިތަށް އަރާ މި ކުދިންނަށް ކިޔެވުމުގެ މޮޅުކަން ކިޔާ ދެވޭނެ ނަމައޭ." ރިޔާސް ގެ ކޮންމެ ޖުމްލައެއް ތީރެއްހެން އަހަރެންގެ މޭގަނޑު ފޫ އަޅަމުން ދިޔަ އެވެ.

ރިޔާސް އަހަރެން މިރޭޭ މިތަނަށް ގެނައީ މަލާމަތް ކުރަން ނޫނީ ލަދު ގަންނަވަން ބާވަ އެވެ. އަހަރެންނަށް ޖަޒުބާތީ ވެވުނެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ.

"ފިޔާޒާ ވެސް ދުވަސްކޮޅަކުން ފެންނާނީ މީހަކާ އިންތަން. ހަނދާންކޮށް މަށައް ދައުވަތު ކާޑު ފޮނުވާތި. ފިޔާޒާ ކަހަލަ ނުކިޔަވާ ހުރި ކުއްޖަކާ މަށަކަށް ގުޅުމެއް ނުބޭއްވޭނެ. ފިޔާޒާ ވެސް ފެންނާނީ ކޮންމެވެސް މަސްވެރިޔަކާ އިންނަ ތަން. މަ ވެސް ކައިވެނި ހަފްލާ އަށް އަންނާނަން."

އަހަރެން ދެ ކަންފަތުގައި އަތް އެޅީމެވެ. ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ އަސަރެއް އަހަރެންނަށް ކުރި އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އަހަރެންގެ އަމިއްލަ ލޯބީގެ ގަނޑުވަރު އަހަރެންގެ ކުރިމަތީ ފުނޑުފުނޑު ވެގެން ދިޔައީ އެވެ. ތަފަތަކީ އެއިން އެއްވެސް އަޑެއް ނުކިޔާ ދިޔަ ކަމެވެ.

އަހަރެން މޫނު ނާޒިމް އާ ވީ ފަރާތަށް އަނބުރާލީމެވެ. ހުރި ގޮތަށް ހުރެފަ އެވެ. އޭނާގެ ލޮލުންނާއި ބޮލުން ނޫނެކޭ ބުނާ ކަހަލަ އިޝާރާތެއް އޭނަ ކުރަމުން ދިޔަ އެވެ. ވީއިރު ދެންމެ ރިޔާސް އަހަރެންނާ ދިމާއަށް ދެއްކި ހުރިހާ ވާހަކައެއް ނާޒިމް އަށް އަޑު އިވުނީ އެވެ. އަހަރެން ވަރަށް ލަދު ގަތެވެ. ހޯސްލާފައި އަހަރެންގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ. އެ ވަގުތު ރިޔާސް އަހަރެންނަށް ގޮވި އެވެ.
އަހަރެން އެނބުރި ބަލައި ވެސް ނުލާ ދުއްވައި ގަތީމެވެ. ފަޅު ހިސާބުތަކުން އެކަނި ދުވަމުން ދުވަމުން ދިޔައީމެވެ. ރޮމުން ކަރުނަ ފޮހެމުން ނެވެ. ބޮޑު ގަހެއްގައި ލައިގަތުމަށް ފަހު އަހަރެން ހޭވެރިކަން ވި އެވެ. ވަށައިގެން ހޯދާލެވުނެވެ. ސުބުހާނަﷲ އެވެ.

އަހަރެންނަށް މިހިރީ އަންނަން ނުޖެހޭ ހިސާބަކަށް އާދެވިފަ އެވެ. ވަށައިގެން އެ މީހުން އަހަރެންގެ ފަހަތުން އައިތޯ ހޯދާލެވުނެވެ. ނަމަވެސް އެ މީހުންނެއް ނާދެ އެވެ. ރިޔާސް ނައިތާ ނާޒިމް ވެސް ނައީ އެވެ. އެވަގުތު އަހަރެންނަށް މި ދުވެވުނީ އަވާ މެންދުރެއްގެ ފަހަތުންކަން އެނގުނެވެ. އަދި އިހުނަށް ވުރެ ބޮޑަށް ރޮވުނެވެ. ދުލަށް އައިހާ ހެޔޮ އެއްޗިހި ކިޔަމުން އަހަރެން އައިކޮޅަށް ދުއްވައި ގަތީމެވެ.

ގެޔަށް އައިސް ވަދެވުނު ކަމެއްނޭނގެ އެވެ. އަހަރެން ހެލެވުނު އިރުު އޮތީ ހަސްފަތާލުގަ އެވެ. އައިވީ ގުޅާފަ އެވެ. މަންމަ ބުނީ ނިދިފައި އޮންނަތާ ދެ ދުވަސް ވެއްޖެ ކަމަށެވެ. ހަގީގަތުގައި އަހަރެންނަށް ވީގޮތެއް އަހަރެން ވެސް ހަނދާނެއް ނެތެވެ. ޖެހިގެން އައި ދުވަހު އަހަރެން ހަސްފަތާލުން ގެއަށް އައީމެވެ. އެއްވެސް އެކުވެރިޔަކު ގޮވާލާކަށް ނާދެ އެވެ.

އެއްމަސް ދުވަސް ވެއްޖެ އެވެ. އަހަރެން އެއް ގޮތަކަށް ވެސް ގޭގެ ދޮރާ ހަމައަށް ވެސް ނުދަމެވެ. ގިނަ މީހުން ހީކުރީ ވެސް އަހަރެން ބޮޑު ޗުއްޓިގައި މާލެ ދިޔައީ ކަމަށެވެ. މަންމަ އަހަރެންގެ ޔުނިފޯމާއި އާ ފޮތްތަށް ހިފައިގެން އަ އެވެ. ހަގީގަތުގައި އަހަރެންގެ ހިމޭންކަން ވެގެން ދިޔައީ މަންމަމެން އެންމެ އެދޭ ކަމަކަށެވެ. އެހެންވެ ވީ ކީއްތޯ ވެސް އަހާ ނުލަ އެވެ. މަންމަމެން ފޮތްތައް ގެނެސް އަހަރެންގެ އަތަށް ދިނުމާ އެކު ފޮތްތަކުގެ މަތީގައި އޮތް ފޮތެއްގެ ސަބަބުން އަހަރެން ގަނޑުވިއެވެ.
ބޯ އަނބުރާގޮތްވި އެވެ. އަދި ވެއްޓުނެވެ. މަންމަ ވެސް ފޮތްތައް ބަހައްޓާލުމަށް ފަހު އަހަރެންގެ ގައިގައި ހިފަހެއްޓި އެވެ. ނަސީބަކުން މި ފަހަރު އަހަރެން ނުވެއްޓި ސަލާމަތް ވި އެވެ.

ބޮޑުދައިތަ އަހަރެންނަށް ލުނބޯ ހުތު ފަނިތަށްޓެއް ގެނެސް ދިނެވެ. އެކަމަކު ބޮޑު ދައިތަގެ މޫނުމަތީގައި އުފާވެރިކަމެއް ނެތެެވެ. ބޮޑުދައިތަ ބޭރަށް ނިކުތުމާ އެކު މަންމަ ފަހަތުން ނިކުތެވެ.

"ސާއިރާ. ކަލޭ ތި ގޮތަށް އައުމުން އެމަންޖެ ހީކުރާނީ ކީކޭ؟ އޭނަ ދެރަވާނެއެެއްނު؟"

"ދައްތާ. ކަލޭ އޭނަ މާ ކުޑަކޮށްގެން ނުގެން ގުޅޭ. ޔަގީނުން އޭނާ އަހަރެމެންގެ އާއިލާ ބަދުނާމު ކުރާނެެ."

"ސާއިރާ…ކަލޭގެ ދޫ ހިމޭނުން ބާއްވާ. އެ މަންޖެއަކީ އަދި އަންހެނުންތެރޭ ވެސް ވީ ކުއްޖެއް ނޫން. ކަލޭ އަޑެއް ނާހަމުތަ ޑޮކްޓަރު ޒުލްފިގާރު އެ މަންޖެގެ ހިތް ބަލި ކަމުގެ ވާހަކަ ބުނި އަޑެެއް. އެ މަންޖެ އަށް ބަރުދާސްތު ނުކުރެވޭ ހަބަރެއް ނުވަތަ ހިތާމައެއް ލިބުނީ. އެކަމަކު ޑޮކްޓަރު ބުނި އެވާހަކަ ނުދައްކާށޯ."

"ދައްތާ އަހަރެންނަށް މާފްކުރޭ. ހިނގާ އެ މަންޖެ ގޮވައިގެން މާލެ ދާން ފަހަރެއްގަ މި އާއިލަގަ އުޅޭ ކުދިން ފެނިގެން ރަނގަޅު ވެސް ވެދާނެ ތޯއްޗެއްނު؟"

މަންމަ އާއި ބޮޑުދައިތަގެ ވާހަކަ އަޑު އިވުމުން އަހަރެން ވަރަށް ހައިރާންވި އެވެ. އަސްލު އަހަރެންނަށް ވީ ކީއްބާ އެވެ؟ މަންމަ އާ ސުވާލު ކުރަން އަހަރެން ބޭނުން ވި އެވެ.

"މަންމާ…އަހަަރެންނަށް ވީ ކީއް؟" މަންމަ އަހަރެން އެނދުގައި ބޭންދި އެވެ.

"ދަރިފުޅަށް މާ ބޮޑު ކަމެއް ނުވޭ. މިދެތޭރޭ ކުޑަކޮށް ބަލިވީ ދޯ. އަދި މާ ބޮޑަށް ގޭތެރޭ ހުންނާތީ ބޮޑުދައިތަ ކަންބޮޑުވަނީ. ދަރިފުޅު މާލެ ދާނަން؟ މޮޅަށް ކިޔަވައިގެން ހުރި މޮޅު ކުއްޖަކަށް ވާނަން؟" މަންމަގެ މި ޖުމްލަ އިން އަހަރެންގެ ލޯ ބޮޑުވެގެން ދިޔައެވެ. ލޯ މަރާލެވުނެވެ. މީގެ އެތައް ދުވެއް ކުރީގެ ހަނދާންތައް އާ ވެގެން ދިޔަ އެވެ. ކުއްލިއަކަށް އަހަރެންނަށް އިވެން ފެށީ…

"ފިޔާޒާ.. އަހަރެމެންގެ މި ގުޅުމުގެ ވާހަކަ އިތުރު އެއްވެސް މީހަކަށް އެނގިގެން ނުވާނެ…އަހަރެންގެ މީހުން އަހަރެންނާ…ކައިވެނި ކުރަން ބޭނުންވާނީ ވަރަށް ކިޔަވައިގެން ހުރި މޮޅު ކުއްޖެއް…މީ މަވެސް އެދޭ ގޮތް. އެހެން ނޫނަސް މިރަށު ކުދިން ގްރޭޑް ފަހެއްް ނިމޭ އިރަށް ތި ތިބެނީ މީހުނާ ހިތާވެފަ….އަހަރެންގެ ހިތަށް އަރާ މި ކުދިންނަށް ކިޔެވުމުގެ މޮޅުކަން ކިޔައި ދެވޭނެ ނަމައޭ…ފިޔާޒާ ވެސް ދުވަސްކޮޅަކުން ފެންނާނީ މީހަކާ އިންނަތަން. ހަނދާންކޮށް މަށަށް ދައުވަތު ކާޑު ފޮނުވާތި…"

އަހަރެންނަށް އަޑު އެހުނީ މި ހިސާބަށެވެ. އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ. އެއްވެސް އިޙްތިޔާރަކާ ނުލަ އެވެ.

"މަންމާ…މަންމާ…" އަހަރެންނަށް ބާރަށް ގޮވަމުން ދިޔައީމެވެ. ދެ ކަންފަތުގައި އަތް އަޅާފަ އެވެ. ބޮޑުދައިތަ ވެސް ދުވަމުން އަ އެވެ. މި ގޭގައި އަހަރެންގެ އަޑު އެ ގުގުމާލީ އެއް މަސް ފަހުންކަން އެނގުނީ އެ ވަގުތު އެވެ. މީގެ ކުރިން ނަން ރީތި ގޭގަ ގުގުމަމުން ދިޔައީ އަހަރެންގެ ހުނުމުގެ އަޑެވެ. ރުއިމުގެ އަޑެއް ނޫނެވެ.

ކޮކާލެއް ފަދައިން ގޭގެ އެތަން މި ތަނުގައި އުފާވެރިކަމާ އެކު އަހަރެން އެނބުރުނީމެވެ. ބޮދުދައިތަ އަހަރެންނަށް ފެން ތަށްޓެއް ގެނެސް ދިނެވެ. އަހަރެން ފެން ބޯލުމުން ހަމަ ޖެހުނެވެ. މަންމަ އާއި ބޮޑުދައިތަ އަހަރެންގެ ދެ ފަރާތުގައި އިށީނެވެ. މިހާރު ހުރިހާ ކަމެއް އަހަރެން ހަނދާންވެއްޖެ އެވެ. އެއީ ހިތި ހަނދާނެކެވެ. މަންމަ މެން އަހަރެން އޮށޯތީމާ ދިޔައީ އެވެ. އެވަގުތު ދުރުން އަހަރެންނަށް ލަވައިގެ އަޑު އިވެން ފެށި އެވެ. ހީވީ މީހަކު އަހަރެންގެ ޒަހަމްތަކުގައި ފިއްތަން ފެށި ހެންނެވެ.

"އެއްވެސް ފަރާތަކާ އަހަރެން ޝަކުވާއެއް ނުކުރާނަމެވެ.
އެއްވެސް މީހަކީ އަހަރެންނާ ދިމާވި ކަންތަކުގެ ކުށްވެރިޔެކޭ އަހަރެން ނުބުނާނަމެވެ.
އަހަރެންގެ ނަސީބު ގާ ވާން ހުރި ގޮތެއް ހަމަ ވާނެ އެވެ.
އެއްވެސް ފަރާތަކާ އަހަރެން ޝަކުވާއެއް ނުކުރާނަމެވެ
އަހަރެންގެ ނަސީބުގާ އަހަރެންނަށް ލިބެން ނެތް މީހަކު ނުލިބޭނެ އެވެ." އިހްތިޔާރަކާ ނުލާ އަހަރެންނަށް އަޑު ގަދަކޮށް އެ ލަވަ ކިޔަން ފެށުނެވެ.

"މިއަދު އަހަރެންނަށް ކުޑަ ނަމަވެސް ތަސައްލީއެއް މި ލިބުނީ ކަލެއާ ދުރުވީމަ އެވެ.
އަހަރެންނަށް ކަލެއާ ނުލާ ވެސް ބަހާރު މޫސުމް އަންނާނެ އެވެ. އަދި މި ހަޔާތުގައި މާ ފޮޅޭނެ އެވެ.
އަހަރެންގެ ހިތުގާވި އެދުން މިއަދު ފުރިހަމަ ނުވީ އެވެ. އަހަރެން ބޭނުންވި މާ ވެސް ނުފޮޅުވުނީ އެވެ.
އެއްވެސް ފަރާތަކާ އަހަރެން ޝަކުވާއެއް ނުކުރާނަމެވެ.
އަަހަރެންގެ ނަސީބުގާ އަހަރެންނަށް ލިބެން ނެތް މީހަކު ނުލިބޭނެ އެވެ.
އަހަރެންގެ ހަނދާންތަކުން އަހަރެން ކަލޭ ދުރުކޮށް ލާނަމެވެ."

ރޮމުން ރޮމުން ގޮސް އަހަރެންގެ ވަރު ދެރަވި އެވެ. އެވަގުތު ބޮޑުދައިތަ އާއި މަންމަ ކޮޓަރިއަށް އައެވެ. އެއްވެސް އިހުތިޔާރަކާ ނުލާ އަހަރެންނަށް މަންމަ ގައިގައި އޮޅުލައި ގަނެވުނެވެ.
އަހަރެން ރޮމުން ރޮމުން ދިމާވި ހާދިސާ އެއްކޮށް މަންމަ އާއި ބޮޑު ދައިތައަށް ކިޔައި ދިނީމެވެ. ހީވީ ވަރަށް ބޮޑު ލުއިކަމެއް އިހްސާސްވި ހެންނެވެ.

"ދަރިފުޅާ…ދިރިއުޅުމުގެ ކޮންމެ މަންޒިލަކީ ހަނގުރާމައެެއް. ވާދަ ވެރިކަމެއް. ދަރިފުޅު ތީ ވަރަށް ހިތް އަލި ކިޔެވިދާނެ ކުއްޖެއް. ކިޔަވާ މޮޅު ކުއްޖަކަށް ވެގެން އޭނައަށް ދައްކާ. އަހަރެމެން ވާނީ ދަރިފުޅާ އެކުގަ. އެހެން ނޫނަސް އެއީ ދަރިފުޅާ އެކަށީގެންވާ މީހެއް ނޫން. ކިޔަވާ މޮޅު ފައިސާވެރި ކުއްޖަކަަށް ވީމާ އެ އެންމެނަށް ވެސް ދަރިފުޅު ފެންނާނެ. ބޭނުން ވަނީ ދަރިފުޅުގެ ހިތްވަރު."

(ނުނިމޭ)