އިންޑިއާގެ މުމްބާއިގެ ޗަތުރަޕަތީ ޝިވާޖީ ޓާމިނަލް ކައިރީގައި މަތިން އަޅާފައިވާ ފައިމަގު ބްރިޖެއްގެ ބައެއް ވެއްޓި ހިނގި ހާދިސާގައި ފަސް މީހުން މަރުވެ، އިތުރު 34 މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންނާއި ހަވާލާދީ "ހިންދުސްތާން ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ އަޕޫރްވާ ޕްރަބޫ (35 އ.) އާއި ރަންޖަނާ ތަމްބޭ (40 އ.) އަދި ޒާހިދް ޝިރާޖް ޚާން (32 އ.) ކަމަށާއި، ހަތަރުވަނަ މީހާގެ ނަން އަދި އެނގިފައި ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރަންޖަނާ އާއި އަޕޫރްވާ އަކީ ގޯކުލްދާން ތޭޖްޕާލް (ޖީޓީ) ހޮސްޕިޓަލްގެ ނައިޓް ޝިފްޓްގައި ތިބި ނަރުހުން ކަމަށެވެ.
އަނިޔާވި މީހުންގެ ތެރެއިން 15 މީހަކު ޖީޓީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާއިރު، 21 މީހަކު ވަނީ ސެއިންޓް ޖޯޖް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގާފައި ވަނީ އިންޑިއާ ގަޑިން މިރޭ 19:30 (ރާއްޖެ ގަޑިން 19:00) ހާއިރު އެވެ. އަދި ބްރިޖް ވެއްޓުނުއިރު އޭގެ ދަށުން ވެހިކަލްތައް ދުއްވަމުން ދިޔަ ކަމަށް "ޕްރެސް ޓްރަސްޓް އޮފް އިންޑިއާ" އިން ރިޕޯޓްކުރެއެވެ.
މި ހާދިސާ އާއި ގުޅިގެން ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުއްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ. އަދި މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް މަހަރާޝްތްރާގެ ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށްވެސް މޯދީ ވިދާޅުވި އެވެ.
މަހަރާޝްތްރާގެ ޗީފް މިނިސްޓަރ ދެވޭންދްރަ ފަދްނަވިސް ވިދާޅުވީ މުމްބާއީގެ ފައިމަގު ބްރިޖު ވެއްޓުނު ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
ހާދިސާ ހިނގި ސަރަޙައްދުގައި ފަޔަރ ބްރިގޭޑް އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮފިޝަލުން ޙަރަކާތްތެރިވަމުންދާއިރު، ރެސްކިއު އޮޕަރޭޝްންތައް ވެސް މިހާރު ކުރިއަށް އެބަދެއެވެ.
ޗަތުރަޕަތީ ޝިވާޖީ ޓާމިނަލް އަކީ އިންޑިއާގެ އެންމެ ބާރުބޮޑު އެއް ރޭލު ސްޓޭޝަނެވެ.