ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ އާއި އާސެނަލް ޖާގަ ހޯދިއިރު، ސެވިއްޔާ އަދި އިންޓަ މިލާން ކަޓައިފިއެވެ.
ޑީނަމޯ ކިއޭވްގެ ދަނޑުގައި ރޭ ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ޗެލްސީ އިން ކުއާޓާ އަށް ދަތުރުކުރީ 8-0 ގެ އެގްރިގޭޓުންނެވެ.
ޗެލްސީން ރޭގެ މެޗަށް ނިކުތީ ލީގުގައި އެ ޓީމު އެންމެފަހުން އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް 1-1 އިން އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައަށް ހަތް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗަށް އެ ޓީމުން ނެރުނު ފުރަތަމަ އެގާރައިގައި އަންދްރެއަސް ކްރިސްޓެންސަން އާއި މާކަސް އަލޮންސޯ އާއި ޑެވިޑޭ ޒަޕަކޮސްޓާ އަދި ރުބެން ލޮފްޓަސް-ޗީކް އަދި އޮލިވިއޭ ޖިރޫގެ އިތުރުން ވިލިއަން އާއި ކެލުމް ހަޑްސަން-އޮޑޯއީ ވަނީ ހިމަނާފައެވެ.
މި މެޗުގައި ޗެލްސީ އިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑުޖަހައިދިނީ ފްރާންސްގެ ފޯވާޑް ޖިރޫ އެވެ. އެ ޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަލޮންސޯ އާއި ޒުވާން ކުޅުންތެރިޔާ ހަޑްސަން-އޮޑޯއީ އެވެ.
މި މުބާރާތުގެ ރޭ ކުޅުނު އަނެއް މެޗުގައި އާސެނަލް ވަނީ ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ފްރާންސްގެ ރެނެސްގެ ދަނޑުގައި 3-1 އިން ބަލިވުމުން އޭގެ ބަދަލުހިފައި އަމިއްލަ ދަނޑުގައި 3-0 އިން އެ ޓީމު ބަލިކޮށް 4-3 ގެ އެގްރިގޭޓުން ކުރިހޯދައި ކުއާޓާ އިން ޖާގަ ހޯދައިފައެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ދެލަނޑުގެ ލީޑެއް ނަގައިފައެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޕިއޭރް-އެމެރިކް އޯބަމަޔަން އެ ޓީމަށް ލީޑް ނަގައިދިންއިރު އޭގެ 10 މިނެޓުފަހުން އޭނާ ނަގައިދިން ހުރަހަކުން އާސެނަލްގެ ދެވަނަ ލަނޑުޖަހައިދިނީ އުމުރުން 21 އަހަރުގެ އެއިންސްލީ މެއިޓްލަންޑް-ނައިލްސް އެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން އާސެނަލް ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގައި ރެނެސް އަށް ލަނޑުޖެހުމަށް ރަނގަޅު ފުރުޞަތުތައްލިބި ބޭކާރުވެފައިވެއެވެ. އެގޮތުން، އެ ޓީމުން ފޮނުވާލި ދެ ހަމަލާއެއް ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައިވެއެވެ.
އާސެނަލުން މެޗުގެ ފަހު 20 މިނެޓަށް އަލެކްސް އިވޯބީ އާއި ހެންރިކް މިކިތާރްޔަން ކުޅެން ނެރުމުން އެ ޓީމުގެ އެޓޭކްތައް އިތުރަށް އަވަސްވެގެންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 72 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑުޖަހައިދިނީ އޯބަމަޔަން އެވެ. މި ލަނޑުޖަހައިދިނުމަށް އެހީތެރިވެދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސެއަދް ކޮލާސިނަޗް އެވެ. މީގެއިތުރުންވެސް އާސެނަލްގެ އޯބަމަޔަން އަށް ވަނީ އެ ޓީމުގެ ލީޑް ފުޅާކުރުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ.
ޔުރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފައިވާ ސެވިއްޔާ ކެޓީ ޗެކް ރިޕަބްލިކް ސްލާވިއާ ޕްރާގް އަތުން އިތުރު ވަގުތުގައި 4-3 އިން ބަލިވެ 6-5 ގެ އެގްރިގޭޓުންނެވެ.
މި މުބާރާތުން ކެޓި ނަން މަޝްހޫރު އިތުރު ކްލަބްތަކަށް ބަލާއިރު އިންޓަ ފާހަގަކޮށްލެވެއެވެ. އެ ޓީމު އަމިއްލަ ދަނޑުގައި ޖަރުމަންގެ ފްރާންކްފާޓް އަތުން ބަލިވީ 1-0 އިންނެވެ. މީގެއިތުރުން، އިޓަލީ އަށް ނިސްބަތްވާ ނަޕޯލީ ވަނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގު އަތުން 3-1 އިން ބަލިވި ނަމަވެސް އެގްރިގޭޓުން 4-3 އިން ކުރިހޯދައިގެން ކުއާޓާ އަށް ދަތުރުކޮށްފައެވެ.
ރޭގެ މެޗުތަކަށްފަހު، މި މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދި ޓީމުތަކަކީ، އިނގިރޭސި ދެ ކްލަބުކަމަށްވާ އާސެނަލް އާއި ޗެލްސީ އަދި ސްޕެއިނަށް ނިސްބަތްވާ ވިޔަރެއާލް އާއި ވެލެންސިއާގެ އިތުރުން ފްރޭންކްފާޓާއި ބެންފީކާ އަދި ސްލާވިއާ ޕްރާގް އެވެ.