(ޖޫން 7، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ދަރިފުޅާ…ދިރިއުޅުމުގެ ކޮންމެ މަންޒިލަކީ ހަނގުރާމައެެއް. ވާދަ ވެރިކަމެއް. ދަރިފުޅު ތީ ވަރަށް ހިތް އަލި ކިޔެވިދާނެ ކުއްޖެއް. ކިޔަވާ މޮޅު ކުއްޖަކަށް ވެގެން އޭނައަށް ދައްކާ. އަހަރެމެން ވާނީ ދަރިފުޅާ އެކުގަ. އެހެން ނޫނަސް އެއީ ދަރިފުޅާ އެކަށީގެންވާ މީހެއް ނޫން. ކިޔަވާ މޮޅު ފައިސާވެރި ކުއްޖަކަަށް ވީމާ އެ އެންމެނަށް ވެސް ދަރިފުޅު ފެންނާނެ. ބޭނުން ވަނީ ދަރިފުޅުގެ ހިތްވަރު. ތެދުވޭ، އަތްފަައި މީނު ދޮވޭ. އަދި ނަމާދުކޮށް ﷲ ކިބައިން ވާގިއަށް އެދޭ. ކޮންމެވެސް ދުވަހަކުން އޭނަ އަށް އެ ގެއްލުނީ ކިހާ ރަނގަޅު ޖަވާހިރެއްކަން އޭނަ އަށް އެނގޭނެ." މަންމަގެ ނަސޭހަތާއި ލޯބިން އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައެވެ.
* ބާބު 4:
އާނއެކެވެ. އެ ދުވަހުހެ ފަހުން އަހަރެންގެ ދިރިއުޅުމުގެ ހުރިހާ މަގުސަދެއް މުޅިން އާ ޖޯޝަކާ އެކު ދިރިއުޅުމުގެ ހަނގުރަމަ އާ ކުރިމަތިލީމެވެ. އާނއެކެވެ. ކިޔެވުމަކީ މޮޓޯ އެވެ. ކިޔެވުމަކީ ދިރިހުރުމެވެ. ކިޔެވުމަކީ ބަދަލު ހިފުމެވެ. ކިޔެވުމަކީ ހާސިލް ކުރުމުވެ. މިއީ އަހަރެންގެ މޮޓޯ އެވެ. އަހަރެން އޭނަގެ އަތުން އަހަރެންނަށް ލިބުނު ފޮތުގައި ކަފުން ކުރީމެވެ. ރޮމުންނެވެ. ހީވީ މަރުވެފައިވާ އެއްޗެއް ހެންނެވެ. ގޭގެ އެންމެ އެތެރޭ ކަބަޑަކަށް ލާ ފޮރުވީމެވެ. އެ ފޮތަކީ އޭނާ ނާޒިމްގެ އަތަށް ދީ އަހަރެންނަށް ފޮނުވި ދީނީ ފޮތެކެވެ.
މާލެ ދިޔުމަށްޓަކައި ފަހު ފަހަރަށް އަހަރެންގެ ގެއާ ދިމާއަށް ބަލާލީމެވެ. ގޭގެ ތަންތަން ކޮޅުން އަހަރެންނަށް އަހަރެން ދުވަމުން ދިޔަ މަންޒަރު ސިފަވެގެން ދިޔަ އެވެ. ގޭގެ އެތެރެއިން ފެނުނު ދިގު ކަބަޑާ ދިމާއަށް އަހަރެން ފުންކޮށް ބަލާލީމެވެ.
ދުވަސްތަށް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔަ އެވެ. އެމްއީއެސްގެ ގުރޭޑް 8 އިން އަހަރެން ފެށި ކިޔެވުން ނިމިގެން ދިޔައީ ބީ އޭ ސްރިލަންކާ އިން ހެދުމަށް ފަހު އެމްއޭ އިންޑިޔާއިން ހެދީމެވެ. މި އަދަކީ 21 އަހަރު ފަހުން ފުރިހަމަ ކާމިޔާބީ އާ އެކު އަހަރެންގެ އަމިއްލަ ވަޒަނަށް އެނބުރި އަންނަ ދުވަހެވެ.
ފޮނި ރިހުމެއް އަހަރެންގެ ހިތުގައި އުފެދުނެވެ. މިއަދު އަހަރެން 21 އަހަރު ފަހުން ރަށަށް މި އައީ އާއިލާ އާ އެކުގަ އެވެ. އަހަރެންގެ ހިތުގައި މޯލިޔަކަށް ރިޔާސް ގެ ހަނދާންތަށް އާވި އެވެ. އެކަމަކު އަހަރެން އެ އަނިޔާވެރިޔާގެ ނަން ހަނދާން ކުރަންވީ ކީއްވެ ހެއްޔެވެ؟
މިހާރު އޭނަ ހުންނާނީ ކޮންމެވެސް ތައުލީމީ މީހަކާ ކައިވެނިކޮށްގެން އަމިއްލަ ސްކޫލެއް ހުޅުވައިގެން ތޯއްޗެކެވެ.
"ރާނިޔާ…ކަލޭ ތި ވިސްނަނީ ކޯޗެއް؟" އަހަރެންގެ ދައްތަ އަހަރެންނާ އަރާ ހަމަކުރަމުން ބުނެލި އެވެ. ތެދެކެވެ. ލަގެޖްތައް ވެސް ބަހައްޓާފައި އަހަރެން ހިޔާލީ ދުނިޔެ އަށް ގެއްލުނީ އެވެ. އަނެއްކާ ވެސް ދައްތަ އަހަރެންނަށް ގޮވާލި އެވެ. ތެދެކެވެ. ފިޔާޒާ މި ނަން އަހަރެންގެ އާއިލާ މީހުން ބަދަލުކޮށްލީއެވެ. މިއަދު އަހަރެންގެ ނަމަކީ ރާނިޔާ އެވެ. އަހަރެންގެ މި ނަމަކީ އަހަރެންގެ ރަށަށް އާ ނަމެކެވެ. އެއްވެސް މީހަކަށް އަހަރެންނަކީ ކާކު ކަމެއް ނޭނގޭނެ އެވެ. މި ރަށުން ފުރައިގެން 21 އަހަރު ކުރިން ފުރައިގެން ދިޔަ 14 އަހަރުގެ މައުސޫމް ކުއްޖާ މިއަދު އެނބުރި އައިސް މިހިރީ ތައުލީމު ލިބި އަމިއްލަ ރަށުގައި ތިމާގެ އިލްމުން ޙިދުމަތް ކުރެވޭ ފެންވަރުގެ ކުއްޖަކަށް ވެގެން އައިހެވެ.
އަހަރެންގެ އަމިއްލަ ޕްރީ ސްކޫލްގެ މޭޒު ކައިރީ އަހަރެން އިށީނދެގެން އިން އިރު އަހަރެންގެ ވިޔަފާރި ފުޅާ ކުރުމުގައި ދެން ކުރަންވީ ކަންތަކާ މެދު އަހަރެން ވިސްނަމުން ދިޔައީމެވެ. ނޫސްތަކުގެ އެހީގައި މިހާރު ވެސް އަހަރެންގެ ސްކޫލާއި ވިޔަފާރި ވަނީ ދިވެހި ރާއްޖޭގެ ކަންކޮޅުތަކުގައި މަޝްހޫރު ވެފަ އެވެ. އަހަރެން ނުދަންނަ ގިނަ މީހުން ވެސް ތަފާތު ކަންކަމުގައި އަހަރެންގެ މަޝްވަރާ ހޯދަ އެވެ.
އަހަރެންގެ ބިޒީ ދުުވަސްތަކުން ދުވަހެކެވެ. ބިޒްނަސް މީޓިންއަކަށް ދާން ޖެހުނީ އެވެ. ކައިރީގައި ހުރި ރެސްޓޯރަންޓަކަށެވެ. ކިތަންމެ ކިޔަވަައިގެން ސޯޝަލް މީހަކަށް ވެފައި ހުއްޓަސް ފިރިހެނުންނާ އެކު ގައިގޯޅިވެ ރެސްޓޯރަންތްތަކަށް ދިޔުމަކީ އަހަރެންނަށް އެހާ ކަމުދާ ކަމެއް ނޫނެވެ.
އަހަރެންގެ މަންމަގެ ނަސީހަތް އަހަރެންގެ ސުލޫކްގައި ހުރެ އެވެ. ލަދުވެތިކަމަކީ އަންހެން ކުދިންގެ ގަހަނާ ކަން އަހަރެން ގަބޫލް ކުރަމެވެ.
އަހަރެން ބައްދަލުވުމަށް ދިޔައީ އަހަރެންގެ ބިޒްނަސް ޕާޓްނަރަކާ އެއްކޮންނެވެ. ޝަހުދު އެވެ. ޝަހުދުގެ ވިޔަފާރީގައި އަހަރެން އެހީވަމެވެ. ޑޮކިޔުމަންޓްތައް ހެދުމަށެވެ. ބިޒްނަސް އިމްޕުރޫވް ކުރުމަށެވެ.
"ރާނިޔާ…އަހަރެން މިއަދު ރާނިއާ އަށް އިންޓުރޮޑިޔުސްކޮށްމިދެނީ އަހަރެންގެ ބިޒްނަސްގެ ޙާއްސަ ޕާޓްނަރުން." ޝަހުދުގެ މި ވާހަކަ އާ މެދު އަހަރެން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލީމެވެ. އަހަރެމެން ރެސްޓޯރަންޓަށް ވަން އިރު އެތާ ވަށް މޭޒެއްގެ ވަށައިގެން މީހުން ތިއްބެވެ. އަހަރެންނަށް އިންތިޒާރު ކުރަނީ އެވެ. އެންމެ ފުރަތަމަ ލަހުން އާދެވުނު ކަމަށްޓަކައި ޝަހުދު އާއި އަހަރެން މާފަށް އެދުނީމެވެ.
"މީ ރާނިޔާ…މީ ވަރަށް ކިޔަވައިގެން ހުރި މޮޅު ކުއްޖެއް. އަހަރެެމެންގެ މި ކުޑަ ރަށާއި މުޅި ދިވެހި ރާއްޖެ ރާނިޔާ އާ މެދު ފަހުރުވެރިވޭ. މިއަދު ރާނިޔާއަކީ އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ މުއްސަނދި ކުއްޖެއް."
"ޝަހުދު ދެން އަޅުގަނޑުގެ ވާހަކަ ބާއްވާފަ މީކޮން ބޭކަލުންނެއްތޯ ކިޔައި ދެއްވާ؟" އަހަރެން ލަދުން ހުރެ ޝަހުދުގެ ވާހަކަ ހުއްޓުވީމެވެ.
"އާނ.. ތެދެއް. މިއިނީ މިސްބާހް. މިއީ އަމިއްލަ ވިޔަފާރި ވެރިއެއް. ދެން މި އިނީ ސައީދު. މި ވެސް މި ރަށުގެ ނަން ހިނގާ ވިޔަފާރި ވެރިއެއް. މި އިނީ ސަތީހު…ބޭރު މީހެއް." ޝަހުދު އަހަރެންނަށް ހުރިހާ އެންމެން ވަކިވަކިން ތައާރަފްކޮށް ދިނެވެ.
އެ ހުރިހާ މީހުން ވެސް ވަރަށް އެކުވެރި އެވެ. އެތަނުން މިސްބާހް މާ ގިނަ ވަގުތު ހިމޭނުން ހުރިކަން އަހަރެން ފާހަގަ ކުރީމެވެ. އަހަރެންގެ ފޯނު ނަންބަރު އެ މީހުންނާ ހިއްސާކޮށްލީމެވެ.
ޖެހިގެން އައި ދުވަހެވެ. ނުދަންނަ ނަންބަރަކުން އަހަރެންނަށް ގުޅާލި އެވެ.
"މިއީ މިސްބާހް…އަހަރެން ބޭނުން ރާނިޔާ އާ ބައްދަލުކޮށްލަން. ވެދާނެތަ؟"
"ތިއީި އެއްވެސް ކަމެއް ނޫން. އަހަރެން މި އިނީ ސްކޫލްގަ އާދޭ މިތަނަށް."
"މި އަންނަނީ" މިސްބާހް މިހެން ބުނެލުމަށް ފަހު ދިހަ ވަރަކަށް މިނެޓް ތެރޭ އަތުވެއްޖެ އެވެ.
"އަޅުގަނޑު ބޭނުން ވަނީ ރާނިޔާ އަށް އުނދަގޫ ކަމަކަށް ނުވާނަމަ އަޅުގަނޑުމެންގެ އޮފީހަށް ދުރުވަން."
އަހަރެން ހިނދުކޮޅަކު މަޑުކޮށްލީމެވެ.
"އަސްލު ބޭނުން ވަނީ ބައެއް އޮފީހުގެ ކަންތަކުގަ ރާނިޔާގެ ހެލްޕެއް އެހެންވެ މި އައީ. ބިރު ގަންނާކަށް ނުޖެހޭނެ. އިތުރު ދެ ކުދިން އޮފީހުގަ ތިބޭނެ." އަހަރެން ހިމޭނުން ހުރިތަން ފެނިފައި މިސްބާހް ބުުނެލި އެވެ. އަހަރެން ވަރަށް ލަދުުގަތެވެ.
"ނޫނޭ ހިނގާ ދާން. ވިސާމާ އަހަރެން އަންނާނަން ބައްދަލުވުމަކަށް ގޮއްސަ. އެއްވެސް ކަމެއް އޮތިއްޔާ މަށަށް ގުޅާތި." އަހަރެން އޮފީހުގެ އަހަރެންގެ ސެކްރެޓަރީ ކާރި ބުނެލުމަށް ފަހު މިސްބާހް އާ އެކު ބޭރަށް ނިކު ތީއެވެ. ކާރުގައި އިން އިރު ވެސް އަހަރެމެން ދެ މީހުން ވެސް މާގިނަ ވާހަކައެއް ނުދައްކަ އެވެ. މިސްބާހް ކުޑަ ގޮތަކަށް ވިޔަފާރީގެ ވާހަކަ ހިއްސާ ކުރި އެވެ. އަހަރެމެން އޮފީހަށް ވަން އިރު އިތުރު ފިރިހެނަކު ވެސް ބައިވަރު ފޮތްތަކަކާ ޕޭޕަރުތަކަކާއި ފައިލްތަކެއް ކުރިމަތީ ބަހައްޓައިގެން ބޮލުގައި ހިފަހައްޓައިގެން އިނެވެ.
"އެއީ މުނީރު އަހަރެމެންގެ ކުންފުނީގެ ހިއްސާދާރެއް."
"މިސްބާހް ތި އައީތަ…ކޮބާ ތިގެންނަން ބުނި ހައްލު؟"
(ނުނިމޭ)