އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ބާއްވަން އުޅުނު ޖަލްސާއަށް ދިން ހުއްދަ ކައުންސިލުން ކުއްލި ގޮތަކަށް ބާތިލުކޮށް އެ ޖަލްސާ ނުބޭއްވޭ ގޮތް ހަދައިފިއެވެ.
ދީނާއި ގައުމިއްޔަތު ހިމާޔަތް ކުރުމަށް ކަމަށް ބުނެ އުމަރު ފަށާފައިވާ ކެމްޕޭނުގައި މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާ ފުލުހުން ހުއްޓުވީ އެކަން ކުރުމަށް ދީފައިވާ ހުއްދަ ބާތިލުކޮށްފައިވާކަން އިއުލާން ކުރުމަށް ފަހުގައެވެ. އޭރު ޖަލްސާ ފެށިފައިވާއިރު އުމަރު ވާހަކަ ދެއްކުމުގެ ފުރުސަތު، ހުއްދަ ބާތިލުވުމުން ފުލުހުން ދީފައެއް ނުވެއެވެ.
މިޖަލްސާ އުމަރު ބާއްވާފައިވަނީ އިދިކޮޅު ޕީޕީއެމްއަށް ދީފައިވާ ހުއްދައެއްގެ ދަށުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ އުމަރު އަމިއްލައަށް ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދުމުން ހުއްދަ ނުދީފައެވެ.
އުމަރު ވަނީ ރާއްޖޭގައި ބޭނުންކުރާ އިންޑިޔާ ހެލިކޮޕްޓަރުތަކުގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިންނަކީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރާ ބަޔެއް ކަމަށް ތުހުމަތު ކޮށްފައެވެ.
ނަމަވެސް ޑިފެންްސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އުމަރުގެ ވާހަކަތަކަށް ނުސީދާ ގޮތުން ރައްދު ދެއްވައި އެއީ ހޮޅި ވާހަކަތަކެއް ގޮތުގައި ސިފަ ކުރައްވާފައެވެ.