މި ދުވަސްވަރަކީ ސިޔާސީ ދުވަސްވަރެކެވެ. ބޯމަތިވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބެވެ. ޖޯޝާއި ފޯރީގައި ކުރަމުންދަނީ އިންތިޙާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިންތަކެވެ.
ސިޔާސީ ފިކުރެއްގެ ސަބަބުން ކެމްޕެއިން ފޯރީގައި ކޮންމެ އިންތިޙާބެއްވެސް ނިމެނީ އެތައް ކަމެއް ހިނގުމަށްފަހުއެވެ. ތިމާ ތާޢިދުކުރާ ޕާޓީގެ ފިކުރާ ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ މީހަކީ ބައެއް މީހުންގެ ނަޒަރުގައި އެމީހެއްގެ ދުޝްމަނެކެވެ. އެއީ މަންމަ ނުވަތަ ބައްޕަ ކަމުގައިވިޔަސް އެވެ. އެމީހެއްގެ ސިޔާސީ ފިކުރުގެ ސަބަބުން ބާކީ ކޮށްލެވިފައިވާ އާއިލާ ތައް މިއަދު ވަނީ ގިނަވެފައެވެ. ދުވަސްވީ ރަހްމަތްތެރި ކަން ނިމި، އަނބިމީހާ ފިރިމީހާ މަތިން ފޫހިވެ އަދި ފިރިމީހާ އަނބިމީހާ މަތިން ފޫހިވެ ބައެއް ފަހަރު ވަރިއާ ހިސާބަށްވެސް ގޮސްފައި އެބަ ހުއްޓެވެ. އެއް ސުފުރާ މަތިން ނުކެވި ގެއިން ބޭރުން ކައިގެން ދިރި އުޅުމުގެ ކަންތައް ގެއިން ބޭރުން ހަމަޖައްސައިގެން އުޅޭ މީހުން ވެސް މިއަދު އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. ސިޔާސަތާއި ރަހްމަތްތެރިކަމާއި އާއިލީ ގުޅުންތައް އެކައްޗަކަށް ހަދާނަމަ ގައުމުގެ އެއްބައިވަންތަ ކަމަކީ ދުވަހަކުވެސް ފެނިގެންދާނެ މަންޒަރެއްނޫނެވެ.
އެހެން ކަމުން ވިސްނާލަން ވީ ކަމަކީ އަހަރެމެންގެ އިސްލާމްދީން ދައްކުވައިދެނީ އެގޮތަށް ހެއްޔެވެ؟ ނޫނެކެވެ. އެކުވެރިކަން އާލާ ކުރުމަށާއި އާއިލީ ގުޅުން ބަދަހި ކުރުމަށް ވަނީ އަމުރު ކުރައްވާފައެވެ. އަވަށްޓެރިންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް އެކަކު އަނެކާއަށް އެހީތެރިވުމަށްވަނީ އިރުޝާދު ދެއްވާފައެވެ. ކަމަކާމެދު ހިތްހަމަ ނުޖެހުނީމާ ވާހަކަ ދައްކައިގެން ހައްލުކުރުމަށްވަނީ އުނގަންނައިދެއްވާފައެވެ. އެކުވެރިޔާގެ މުޅަ މަސްކެއުންހާ ނުބައިކަން ހުރި ދެބަ އޮޑުވުމާއި ނެތިމޮށުމުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ވަނީ ނަޞޭހަތް ދެއްވާފައެވެ.
ޣީބަ ބުނުމަކީ ތިމާ ނުރުހޭ ވާހަކައެއް ތިބާ ނެތް ތަންތާގައި ދެއްކުމެެވެ. ޣީބަ ބުނުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށް ވާއިރު ޣީބަ ބުނުމަކީ މުސްލިމަކަށްވެ ހުރެ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ޣީބަ ބުނުމުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ފިތުނަ ފަސާދަ އުފެދި މުޖުތަމަޢު ބައިބައިވުމަށް މަގުފަހިވާތީއެވެ
އެހެންނަމަވެސް މިއަދު ގެ ޙާލަތަކީ މިއީތޯއެވެ؟ ޑިމޮކްރަސީ ގެނެސް ދެމުންދާ ދުނިޔަވީ ތަރައްޤީއާއި އެކު އަނެކާއަށް ކުރަމުން ދިޔަ އިހްތިރާމާއި ލޯބި މިއަދު މިވަނީ އުންމީދެއްނެތް މިންވަރަށް ކުޑަވެގޮސްފައެވެ.
މީސްމީޑިއާގައި އެކަކު އަނެކާއަށް ހުތުރުބަހުން މުޢާމަލާތު ކުރުމާއި އަބުރު ނަގާލުން ފަދަ ކަންތައް ކުރުން މިވަނީ އާންމުވެފައެވެ. ކެމްޕެއިން ގެ ނަމުގައި އެންޓިކެމްޕެއިން ކުރުން މިއަދު ވަނީ ގިނަވެފައެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާ ދިނުމާއި، ރިޝްވަތު ހިފުން ވެސް މިއަދު ވަނީ ޢާއްމު ވެފައެވެ. މިކަންތަކުގެ ސަބަބުން ދިވެހީންގެ ޒަމާނީ އެކުވެރިކަމުގެ ފޭރާން މިވަނީ ބަލިކަށިވެފައެވެ.
ލޯމަތީގައި އެޅިފައިވާ ސިޔާސީ ފަރުދާ އެއްފަރާތްކޮށް އަމިއްލަ ސިކުނޑިން ވިސްނަން މިއަދު ވެއްޖެއެވެ. ސިޔާސީ އަނދުންތަކުގައި ތިމާގެ އަމިއްލަ ވިސްނުމެއް ނެތް މިންވަރަށް ދިއުމަކީ ސިޔާސީ ގޮތުން އަޅުވެތިވުމެވެ. ހަގީގަތަކީ އަޅުގަނޑުމެން ދިވެހިންނަކީ އަމިއްލަ ސަގާފަތެއްގައި ތިބި އަމިއްލަވަންތަ އިސްލާމީ ރީތި ވައްޓަފާޅިން ނަމޫނާ ދައްކަމުންދިޔަ އެއްބައިވަންތަ މުޖުތަމައުއެއްގެ ވެރި ބައެއްކަމެވެ. އަޅުވެތިކަމަށް ނޫނެކޭ ބުނެ އަމިއްލަ ވިސްނުމުގައި މުޖުތަމައު ހޭލައްވަން ވެއްޖެއެވެ. އެކުވެރިކަމާއި އެކު ހީސަމާސާކޮށް އެކެއް އަނެކާގެ ހާލު ބަލައި ހިނިތުންވެލާނެ ބަޔަކަށް ވާންވެއްޖެއެވެ.
މައްސަލައަކީ އިންތިޙާބާއި ގުޅިގެން އަންނަ ޙިޔާލު ތަފާތު ވުން ކަމުގައި ވަނީ ނަމަ ކޮންމެ ފިކުރަކަށްވެސް އިހުތިރާމް ކުރަން ދަސްކުރަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށް ވޯޓަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށް ދެކި ވޯޓު ލާނެ މީހެއް ނުވަތަ ތާއީދު ކުރާނޭ މީހެއް އެނގޭނީ ހަމަ އެމީހަކަށް ކަން ޤަބޫލު ކުރަން ހިނގާށެވެ. އެއީ ތިމާ ތާޢިދު ކުރާ މީހަކަށް ނުވި އަސް އެ ފިކުރަކަށްވެސް ތިމާ އިހުތިރާމް ކުރަން ދަސްކުރަމާ ހެއްޔެވެ؟ އޭރުން މިކަމުގެ ސަބަބުން ޖެހޭ މައްސަލަތައް ހައްލުވެގެން ދާނެކަން ޔަގީނެވެ.