ޕެންޝަން ފައިސާއިން ދެމަފިރިންނަށް ހައްޖަށް ދެވޭ ގޮތަށް ހެދުމަށް ވިސްނަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނައިފަރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ކާރިމްގެ ކެމްޕެއިން އިފްތިތާހުކުރުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރަށްރަށައް އެމަނިކުފާން ވަޑައިގަތުމުން ޕެންޝަން ފައިސާއިން ދެމަފިރިންނަށް ހައްޖަށް ދެވޭނެ ގޮތަށް ހެދުމަށް ރައްޔިތުން އެދެމުންދާކަމަށެވެ.
ރައީސް ވިދާޅުވީ ބައެެއް ފަރާތްތަކުން ޕެންޝަން ފައިސާއިން އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ހައްޖަށް ފޮނުވޭ ގޮތް ހަދަން އެދެމުންދާ ކަމަށެވެ. އަދި މިކަމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިސާލަކަށް ހައްޖު ފަރުޟެއް އަދާކޮށްފައި ހުރި މީހެއްގެ އަނބިމީހާ އަށް ދެވޭ ކަހަލަ ފުރުސަތެއް ހޯދައިދިނުން. ހައްޖު ފަރުޟެއް އަދާކޮށްފައި ހުރި މީހެއްގެ ފިރިމީހާ އަށް އެ ފައިސާ އިން ހައްޖަށް ދެވޭނެ ފުރުސަތު ހޯދައި ދިނުން އެއީ ވިސްނާލަން ޖެހޭ ކަމެއް،"
ރައީސް ވިދާޅުވީ މިކަމަކީ ކުރެވިދާނެކަމެއްތޯ ޕެންޝަން އޮފީހާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ރައީސް ނުދެއްވައެވެ.
ޕެންޝަން ފައިސާއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ރައީސް ސޯލިހުވަނީ ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް ޕެންޝަން ފައިސާއިން ހައްޖަށް ދެވޭނެ ގޮތް ހައްދަވާފައެވެ.