އެމްޑީޕީއާ އަދާލަތު އެކުގައި ތިއްބާ ވެރިކަން ގުޑުވާލެވޭނެ އިތުރު ސިޔާސީ ބައެއް ރާއްޖޭގައި ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގދ.ފަރެސްމާތޮޑާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ފަތުހުﷲ އަހުމަދުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލަނީ އެންމެން އެކުގައި ކަމަށާއި ނަމަވެސް މަޖިލިސް އިންތިހާބާ ދިމާކޮށް ދިމާވާ ކަންކަމުގެ ސަބަބުން އެކުވެފައި އޮންނަ އެކުވުން ރޫޅިގެންދާ ކަމަށެވެ.
އޭގެ ސަބަބުން ސަރުކާރު ހިންގުމަށާއި އަދި ވައުދުތައް ފުއްދުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވާ ކަމަށާއި ނަމަވެސް ކުރިޔާ ހިލާފަށް މިހާރު ކަންކަމުން ހިނގަމުންދާ ގޮތަށް ބަދަލެއް އަންނަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މި ބަދަލާއެކު ދާންވީ މިސްރާބު ވަރަށް ސާފު ކަމަށާއި އެއީ ހަމަޖެހޭ ދިރިއުޅުމާއި ހަމަޖެހޭ ސިޔާސީ ނިޒާމުގެ މިސްރާބު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަދާލަތު ޕާޓީއާ އެމްޑީޕީ އެކުގައި ތިއްބާ ދެނެއް ނެތް، މި ދިވެހިރާއްޖޭގައި އިރާދަކުރެއްވިއްޔާ އެހެން ސިޔާސީ ބައެއް އަޅުގަނޑުމެންގެ ސަފުތައް ފޫއަޅުވާލެވޭނެ އަދި މި ދިވެހިރާއްޖޭގެ ވެރިކަން ގުޑުވާލެވޭނެ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު މިރޭގެ ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ހަތަރު ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމެވިކަން ވެސް އިއުލާން ކުރައްވާފައެވެ. އެގޮތުން އަދާލަތުން ތާއީދުކުރަން ނިންމާފައިވަނީ ނ.ކެނދިކުޅުދޫ އާއި ހއ،ހޯރަފުށި އާއި ރ.އަލިފުށިގެ އިތުރުން ގދ.ފަރެސްމާތޮޑާގެ އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ.
އަދާލަތުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު އެމްޑީޕީން މިއަދު ވަނީ މަހިބަދޫ ދާއިރާ އާއި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ އަދާލަތުގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާފައެވެ.