ގައުމާއި ރައްޔިތުންނާ މެދު ނުވިސްނާ ބަޔަކަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖާގަ ނުދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
މަޖިލިސް އިންތިހާބުގައި ތިމަރަފުށި ދާއިރާ އަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ރިޔާޒުގެ ކެމްޕެއިން އިވެންޓެއްގައި ރޭ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ މަޖިލީހަކީ ޝަރަފުވެރި އަދި ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށްޓަކާ އުއްމީދު ހާސިލުކޮށްދޭ ތަނެއް ކަމަށާއި، އެތަނަކީ ގައުމަށްޓަކާ މަސައްކަތް ކުރާ މީހުން ފިޔަވައި އެހެން ބަޔަކަށް ޖާގަދޭންޖެހޭ ތަނެއް ނޫން ކަމަށެވެ.
އަދި ފާއިތުވި ފަސް އަހަރު މަޖިލީހުގައި ކަންކަން ވެގެންދިޔަ ގޮތާ މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި އިހުލާސްތެރި އަދި އާމާނަތްތެރި ބަޔަކަށް ނޫނީ ވޯޓު ނުދެއްވުމަށް ވެސް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.
"އިހުލާސްތެރި އަމާނާތްތެރި، ގައުމާއި ރައްޔިތުންނަށްޓަކާ ނުވިސްނަވާ އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިފަހަރު ޖާގަ ނުދެއްވާށޭ. މިކަމާ ތިބޭފުޅުން ފުންކޮށް ވިސްނަވާށޭ" ފައިސަލް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ރާއްޖޭ ތަރައްގީ ކުރުމުގެ ގިނަ ވައުދުތަކާއެކުގައި ކަމަށާއި 19 ވަނަ މަޖިލިސް ވެގެންދާނީ ސަރުކާރަށް އެއްބާރުލުންދޭ އަދި ސަރުކާރަށް މެޖޯރިޓީ ލިބޭ ފަދަ މަޖިލީހަކަށް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ފައިސަލް ނަސީމް ވިދާޅުވީ ދިވެހިން މިއަދު ތިބީ ދިވެހިންނަށް ލިބެންޖެހޭ މިންވަރުގައި ނޫންކަމަށެވެ. އަދި ރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކަށް ބަލާއިރު މިއަށްވުރެ ފުދުންތެރި ތަނަވަސް ދިރިއުޅުމެއް ދުނިޔޭގެ އެހެން ޤައުމުގެ ތަކުގެ ނިސްބަތުންވެސް ހޯދި ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށާއި، ދައުލަތުގެ ހުރިހާ ވަޒީރުންވެސް ދެމިތިބީ އެމަސައްކަތުގައި ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.