އިޓާލިއަން ސެރިއޭގައި އިއްޔެ ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ޔުވެންޓަސް ކުޅުނު މެޗުން ރަށުން ބޭރުގައި ޖެނޯއާ އަތުން އެ ޓީމު 2-0 އިން ބަލިވިއިރު މިލާން ޑާބީގައި 3-2 އިން އޭސީ މިލާން ބަލިކޮށް އިންޓަ މިލާން ވަނީ އަލުން ތިންވަނަ އަށް ޖެހިލައިފައެވެ.
ރޭގެ ނަތީޖާއާއެކު ލީގު ތާވަލްގެ އެންމެކުރީގައި އުޅޭ ޔުވެންޓަސް އަށް 28 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 60 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އިންޓަ އަށް 28 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު މިލާން އޮތީ އޭގެ ދެ ޕޮއިންޓް ފަހަތުން ހަތަރުވަނައިގައެވެ.
ރޭގެ މެޗަށް ޔުވެންޓަސް އިން ނުކުތީ ރޮނާލްޑޯ އަށް އަރާމްކުރަން ފުރުސަތު ދިނުމަށް ފަހު އެ ޓީމުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އާއި ބްލައިޒް މަޓުއިޑީގެ އިތުރުން އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު ވޮޝިއެކް ޝެޒްނީ ވެސް ކުޅެފައެއްނުވެއެވެ.
ޖެނޯއާގެ ކޮމިއުނާލޭ ލުއިޖީ ފެރާރީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު މި ހާފުގައި ޖެނޯއާގެ ކްރިސްޓިން ރޮމެރޯ އާއި އެންޓޯނިއޯ ސަނާބްރިއާ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޔުވެންޓަސްގެ ގޯލްކީޕަރު މަޓިއާ ޕެރިން އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ގޯލެއް ކާމިޔާބުކުރިނަމަވެސް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އޮފްސައިޑްކަމަށް ނިންމާފައެވެ. އޭގެފަހުން، ޖެނޯއާގެ މެސެޑޯނިއާ ފޯވާޑް ގޯރަން ޕަންޑޭވް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު ޕެރިން މަތަކުރިއިރު ޔުވެންޓަސްގެ މާރިއޯ މަންޒުކިޗް އާއި ޑިބާލާ އަށް ލިބުނު ފުރުޞަތުތަކުގައި މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
މި މެޗުގައި ޖެނޯއާ އިން ކާމިޔާބުކުރި ފުރަތަމަ ގޯލް، މެޗުގެ 72 ވަނަ މިނެޓުގައި ޖަހައިދިނީ ޔުވެންޓަސް އިން ލޯން އެއްބަސްވުމެއްގެ ދަށުން ޖެނޯއާ އަށް ކުޅެމުން އަންނަ ސްޓެފާނޯ ސްޓުރާރޯ އެވެ. އޭގެފަހުން، މެޗު ނިމެން 9 މިނެޓަށްވެފައިވަނިކޮށް، ޖެނޯއާ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ފުރަތަމަ ލަނޑުޖަހަން އެހީތެރިވެދިން ޕަންޑޭވް އެވެ.
މިއީ 2011/2012 ވަނަ އަހަރުގެ ސީޒަނަށްފަހު ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ޖެނޯއާ ކުޅުނު ދެ މެޗުންވެސް ބަލިނުވެ ނިންމާލި ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި މި ދެ ޓީމު އެންމެފަހުން ޔުވެންޓަސްގެ ދަނޑުގައި މިދިޔަ އޮކްޓޫބަރު މަހުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ޔުވެންޓަސް އަށް ލަނޑުޖަހައިދިނީ ރޮނާލްޑޯ އެވެ.
ލީގުގައި ރޭ ކުޅުނު ފޯރިގަދަ މިލާން ޑާބީގައި، ހީކުރިގޮތާއި މުޅިން ހިލާފަށް އިންޓަ ވަނީ މިލާން އަތުން މޮޅުވެފައެވެ. މި މެޗު ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، މެޗުގެ ތިންވަނަ މިނެޓުގައި މަޓިއަސް ވެސީނޯ ވަނީ އިންޓަ އަށް ލީޑް ނަގައިދީފައެވެ. އޭގެފަހުން، މިލާނަށް އެއްވަރުކޮށްދިނުމަށް ލޫކަސް ޕަކޭޓާ އާއި ހަކާން ޗަނައޮގްލޫ އަށް ލިބުނު ފުރުޞަތުތައް ބޭކާރުވެފައިވާއިރު އިންޓަގެ ލީޑް ފުޅާކުރުމަށް މަޓެއޯ ޕޮލިޓާނޯ ފޮނުވާލި ހަމަލާ މިލާންގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ މަތަކުރިއެވެ. މި ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން އިންޓަ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، މެޗުގެ 51 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ޑިފެންޑަރު ސްޓެފަން ޑި ވްރާ އިންޓަ އަށް ދެލަނޑުގެ ލީޑެއް ނަގައިދިންއިރު އޭގެ ހަ މިނެޓުފަހުން ޓިމޮއޫ ބަކަޔޯކޯ މިލާނަށް ފަރަގު ކުޑަކޮށްދިނެވެ.
އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި އިންޓަގެ ޕޮލިޓާނޯ އަށް މިލާންގެ ސަމޫ ކަސްޓިލޭހޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް ލޮޓާރޯ މާޓިނޭޒް ވަނީ އިންޓަ އަށް އަލުން ދެލަނޑުގެ ލީޑް ނަގައިދީފައެވެ. މިލަނޑުޖެހިތާ މާގިނައިރުތަކެއްނުވަނީސް، މެޗުގެ 71 ވަނަ މިނެޓުގައި މިލާންގެ ޑިފެންޑަރު މަޓެއޯ މުސާޗިއޯ ވަނީ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ.
އޭގެފަހުން، މެޗު ނިމެން ދަނިކޮށް މިލާންގެ އިޓަލީ ފޯވާޑް ޕެޓްރިކް ކުޓްރޯނޭ އަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އިންޓަގެ ޕެނަލްޓީއޭރިޔާގެ މެދު ތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްދިނީ އިންޓަގެ ޑެނިލޯ ޑިއަމްބްރޯސިއޯ އެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނަޕޯލީ ވަނީ 4-2 ގެ ނަތީޖާއަކުން އުދިނޭޒީ އަތުން މޮޅުވެފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަމީން ޔޫނެސް އާއި ހޯސޭ ކަޔެހޯން އަދި އާކަޑިއުޝް މިލިކްގެ އިތުރުން ޑްރީސް މާޓެންސް އެވެ. އުދިނޭޒީ އަށް ލަނޑުޖަހައިދިނީ ކެވިން ލަޒާނާ އަދި ސެކޯ ފޮފާނާ އެވެ.