ރަައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް މިއަދުގެ ޖަލްސާގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ގޮތެއް ހާމަނުކުރެއްވޭނެއެވެ.
ޤާސިމް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ ޤާސިމް ލީޑަރުކަން ކުރައްވާ ޖޭޕީގެ މަޖިލިސް މެންބަރު އަލީ ޙުސައިން ދެއްކެވި ވާހަކަފުޅަށް ފަހުގައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޚުގެ ސަރުކާރުގެ އެއްވެސް މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ ފަދަ ކަމެއް
އެއްވެސް ބޭފުޅަކު މިހާތަނަށް ކުރައްވާފައި ނުވާކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އަލީ ހުސައިން ވަނީ ވަޒީރުން ވަކިކުރުން ފަސޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ އިޞްލާޙަކީ ޤާނޫނުއަސާސީގެ މަގަށް ރުޖޫޢަވުމަށް ޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަލީ ހުސައިން އިތުރަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަކީ ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ކަމަށެވެ.
އަލީ ހުސައިންގެ ވާހަކަފުޅު ނިންމަވާލެއްވީ "އެއްވެސް މީހަކަށް ޤާނޫނުއަސާސީއާ ޚިލާފަށް ކަމެއް ކުރާކަށް ނުބުނެވޭނޭ. ރައްޔިތުންގެ މަޖި ލީހުން ވެސް އެއާއި (ޤާނޫނު އަސާސީ އާއި) ޚިލާފަށް ގަވާއިދެއް ހަދާކަށް ވެސް ނުބުނެވޭނޭ ކަމަށް ވިދާޅުވަމުންނެވެ.
އަލީ ހުސައިންގެ ވާހަަކަފުޅު ނިންމަވާލެއްވުމާއި އެކު ޤާސިމް ވަނީ، ޤަވާއިދު އެކުލަވާލެވިފައިވަނީ ޤާނޫނު އަސާސީގެ ހަމަތަކާއި މިންތަކުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. އަދި ޤަވާއިދަށް ގެންނަ އިސްލާޙުތަކަކީ "އަޅުގަނޑުމެންނަށް ގެންނަންޖެހޭ ކަމަށް ގަބޫލުކުރެވޭ އުސޫލުތަކަކަށް" ގެންނަ އިސްލާހުތަކެއް ކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.
ޤާސިމް އިތުރަށް ވިދާޅުވި ގޮތުގައި ކޮމިޓީ ލެވެލްގައި ކަންތައް ފާސްވެގެން ދިއުމުން ބައެއް މެންބަރުން ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެވުމަކީ އެއީ މެޖޯރިޓީއަށް ޑިމޮކްރަސީގައި ކަންތައް ނިމިގެންދާ އުސޫލުން ކުރިއަށް ދިޔަ ކަމެއް ކަމަށެވެ.
"މި އިސްލާޙު އެކުލަވާލެވިފައި މި ވަނީ ޤާނޫނުއަސާސީގެ ހަމަތަކާއި އިންތަކާއި މިންތަކުގެ ތެރެއިން. ސުޕްރީމް ކޯޓަށް ދީފައިވާ ބާރާއި އެ ބޭފުޅުންނަށް ދީފައިވާ ބެލެނިވެރިކަމުގެ އިޚްތިޞާސްގެ ތެރެއިން އަޅުގަނޑުމެންނަށް ގެންނަންޖެހޭ ކަމަށް ގަބޫލުކުރެވޭ އުސޫލުތަކަކަށް" ޤާސިމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ޤާސިމް މިގޮތަށް ވާހަކަ ދެއްކެވުމާއި ގުޅިގެން ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ މަޖިލީހުގެ ރައީސް ޤަވާއިދާއި ޚިލާފަށް އަމަލުކުރައްވަނީތޯ ސުވާލު އުފައްދަވާފައެވެ. އަލީ އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވައި ޤާސިމް ވިދާޅުވި ގޮތުގައި، އެބޭފުޅާ މަސައްކަތް ކުރެއްވީ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ގޮތުން ނޫން ކަމަށް ވިދާޅުވެފައެވެ.
އެހެން ވިދާޅުވުމަށް ފަހު ޤާސިމް ފެއްޓެވީ 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ކުރީގެ ބަންޑާރަ ނައިބު ވަކިކުރުމަށް އެދި ހުށަހެޅި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ ވާހަކައެވެ. އަދި އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ބައްލަވައިގެން ކަމަށް ވިދާޅުވެ ޤާސިމް ވަނީ މަޖިލީހުގެ ގަވާއިދަށް މިހާރު ހުށަހަޅާފައިވާ އިސްލާޙު ދިފާޢުކުރައްވައި ވާހަކަ ދައްކަވާފައެވެ.
ޤާސިމް މިގޮތަށް ވާހަކަ ދެއްކެވުމުން ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްބާރީ ޢަބްދުﷲ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި މަޖިލީހުގައި ކުރެވެމުންދާ "ބަހުސްގެ ތެރެއަށް ވެދެވަޑައިގެންފައި، އެ ބަހުސް ޖަސްޓިފައިކޮށްދޭން ވާހަކަފުޅުދައްކަވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.
މެންބަރު އަބްދުލްބާރީގެ ވާހަކަތަކަށް ރައްދު ދެއްވައި ޤާސިމް ވަނީ މަޖިލީހުގެ ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވަނީ ނޫންކަމަށް އަނެއްކާ ވެސް ވިދާޅުވެފައެވެ. ޤާސިމް ވިދާޅުވި ގޮތުގައި ރިޔާސަތުގައި އިންނަވައިގެން މަސައްކަތްޕުޅު ކުރެއްވީ "ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަފުޅުދައްކަވާތީ، މި މައްސަލަ އައި ގޮތާއި ވީގޮތް ދަންނަވާލަން" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި، ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސްކަމެއްގައި، މަޖިލީހުގެ ރައީސް ޚިޔާލެއް ފާޅުކޮށް، މަޖިލީހުގެ ރައީސް އެކަމާމެދު ދެކޭގޮތް ހާމަކުރުމަކީ މަޖިލީހުގެ ޤަވާއިދާއި ޚިލާފު ކަމެކެވެ.
މަޖިލީހުގެ ޤަވާއިދުގެ 2 ވަނަ މާޢްދާގެ (ނ)ގައި ބުނެފައިވަނީ "މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި، ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސްކަމެއްގައި، މަޖިލީހުގެ ރައީސް ޚިޔާލެއް ފާޅުކޮށް، މަޖިލީހުގެ ރައީސް އެކަމާމެދު ދެކޭގޮތް ހާމަކޮށްގެން ނުވާނެއެވެ."
އަދި މަޖިލީހުގެ ޤަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ރައީސަކީ، ވަކި ފަރާތަކަށް ޖެހުމެއް ނެތި، ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން، މަޖިލީހުގެ ކަންތައް ބަލަހައްޓަވާ ބޭފުޅަކަށް ވާން ޖެހެއެވެ.