Last Updated: November 27, 18:13
Wednesday, November 27, 2024
ޚަބަރު

މުޢުނީގެ ސަޕޯޓަރުން- "އަންނި ބޮނިއަސް ނޯޑަންނާ"!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް އަބްދުލްމުޣުނީ އަށް އެމްޑީޕީން ކުރި ތާއީދު އަނބުރާ ނެގުމުން އޭނާގެ ސަޕޯޓަރުން އެމްޑީޕީއާ ނަޝީދާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލަން ފަށައިފިއެވެ.

އެމްޑީޕީގެ ތިނަދޫ ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައިވާއިރު މުޣުނީގެ ސަޕޯޓަރުން ވަނީ އޭނާގެ ފަހަތުގައި ތިބިކަން ހާމަކޮށްފައެވެ. ގެވެށި އަނިޔާގެ ތުހުމަތުގައި އެމްޑީޕީން މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާއިރު މުޣުނީގެ ސަޕޯޓަރުން ވަނީ އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި، ހެއްކެއް ގަރީނާއެއްގެ މައްޗަށް ބިނާކުރުމެއް ނެތި މުޣުނީއަށް ކުރި ތާއީދު ނެގުމުން އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބުނެފައެވެ.

އެމްޑީޕީން ވަނީ އެޕާޓީގެ ލީޑަޝިޕުން މުޣުނީގެ ކެމްޕޭނުގައި ދެން ބައިވެރިނުވާނެ ކަމަށާއި ރައީސް ނަޝީދުވެސް އޭނާގެ ކެމްޕޭނުގައި ބައިވެރިނުވާނެ ކަން ބުނެފައެވެ. އަދި ނަޝީދު ވަނީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހަކާ ބައިވެރިނުވާނެ ކަމަށް ބުނެފައެވެ.

މުޣުނީގެ އާއިލާ މެމްބަރުންނާއި ސަޕޯޓަރުން އޭނާގެ މައްޗަށް ކުރާ ތުހުމަތު ދޮގުކުރާއިރު އެމީހުން ވަނީ އެމްޑީޕީން ބުންޏަސް މުޣުނީ ނޫން ކެންޑިޑޭޓަކަށް ވޯޓު ނުދޭނެ ކަމަށް ބުނެ އަޑުއުފުލާފައެވެ.

މުޣުނީގެ މައްސަލަ ސޯޝަލް މީޑިޔާގައި ފެންމަތިވެފައިވާއިރު އޭނާއަށް ތުހުމަތު ކުރެވެނީ އޭނާގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރިކަމުގެ ތުހުމަތެވެ. މުޣުނީގެ އަންހެނުން، ރިޒްނާ ވަނީ އަނިޔާ ކުރި މައްސަލަ ފުލުހަށް ވެސް ހުށައަޅާފައިވާ ކަމަށް ބުނެފައެވެ.

ނަމަވެސް ފުލުހުން މިހާތަނަށް އެކަމާ ގުޅޭ ގޮތުން ތަފްސީލެއް މީޑިޔާއަށް ހާމަކޮށްފައެއް ނުވެއެވެ.