ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ހިމެނޭ މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކޮށްގެން ހިންގާ ފުރަތަމަ މަޝްރޫއަކީ އައްޑޫ އާއި ފުވައްމުލަކުން އުފެދޭ ކުނިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއުކަމަށް އެންވައިރަމެންޓު މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ގްރީން ފަންޑުގެ 16 މިލިއަން ޑޮލަރުގެ މަޝްރޫއާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ވިދާޅުވީ މި ސަރުކާރަކީ ގްރީން ޓެކްސްގެ ބޭނުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ސަރުކާރެއް ކަމަށާއި ކުނިން ހަކަތަ އުފައްދާ މަޝްރޫއަކީ އޭގެ ހެއްކެއް ކަމަށެވެ.
ޑރ. ހުސެއިން ވިދާޅުވީ އައްޑޫ އަދި ފުވައްމުލަކުން ނަގާ ކުނި މެނޭކްކޮށް އެ ކުނިން ދުވާލަކު 1.5 މެގަވޮޓްގެ ކަރަންޓް އުފައްދާނެ އެވެ. އަދި އޭގެ ތެރެއިން އެއް މެގަވޮޓް ކަރަންޓް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދޭ މައި ވިއުގަ އާއި ގުޅާލުމަށް ހަމަޖެހިފައިވާ އިރު ބާކީ 500 ކިލޯވޮޓްގެ ކަރަންޓު ބޭނުން ކުރާނީ އެ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ހިންގަން ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ކުނިން ހަކަތަ އުފެއްދުމަށް ޕްލޭން ކުރިއެެވެ. އަދި މި މަޝްރޫއު އެސަރުކާރުން ފަންޑު ނުލިބިގެން ހުއްޓާލަން ނިންމިއެވެ. ނަމަވެސް އެކަން އެންވައިރަމެންޓު މިނިސްޓަރ ޑރ. ހުސެއިންގެ ސަމާލުކަމަށް ގެނައުމާއި އެކު މަޝްރޫއު ކުރިއަށް ގެންދަން ނިންމިއެވެ. އަދި އެކަމަށް ގްރީން ފަންޑުން އެހީ ހޯދިކަމަށް މިނިސްޓްރީން ބުންޏެވެ.
ޑރ. ހުސެއިން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޭސްޓް މެނޭޖްމެންޓު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްގެންދާ ކަމަށެވެ. އަދި އައްޑޫގައި ސޮއިކުރެވިގެންދިޔަ 16 މިލިއަން ޑޮލަރުގެ މަޝްރޫއު ނިމި އޭގެއިން އުފައްދާ އިއާދަ ކުރަނިވި ހަކަތަ މައި ވިއުގައާއި ގުޅާލުމުން ހިތަދޫގެ ޕަވަރހައުސްއިން ކަރަންޓު އުފެއްދުމަށް އަންދަމުންދާ ޑީސަލްގެ މިންވަރު މަދުވެ އެކަމަށް އެ ކުންފުނިން ކުރަމުންދާ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ޑރ. ހުސެއިން ވިދާޅުވީ ގްރީން ފަންޑު އުފައްދައި، އޭގެ މަންފާ ރާއްޖޭގެ ރައްޔިތުންނަށް ދެއްވުމުގެ މޭސްތިރިއަކީ ރައީސް ސޯލިހުކަމަށެވެ. އެހެންވެ އެކަމަށްޓަކައި ރައީސް ސޯލިހުއަށް ޝުކުރު ދަންނަވާ ކަމަށެވެ.