Last Updated: November 30, 10:44
Saturday, November 30, 2024
ޚަބަރު

މަސްވެރިއަކަސް، ރޫމްބޯއި އަކަސް ގައުމަށް ހިދްމަތް ކޮށްދެވޭނެ: ދުންޔާ

ދުންޔާ މައުމޫން

މަސްވެރިއަކަށް ވިޔަސް އަދި ރޫމް ބޯއިންނަށްވެސް ގައުމަށް ހިދްމަތްކޮށްދެެވޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މައުމޫން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން މަސްވެރިންނާއި، ރޫމް ބޯއިންގެ ގަދަރު ކުޑަވާ ގޮތަށް ވާހަކަ ދެއްކުމާއި ގުޅިގެން ފާޑު ކިއުން އަމާޒުވެފައިވަނިކޮށެވެ.

ޕީއެސްއެމް އިން ގެނެސްދޭ ދާއިރާތަކުގެ ބަހުސްގައި ބ. އޭދަފުށީ ދާއިރާގެ ބަހުސްގައި ވާހަކަ ދައްކަވަމުން މިހާރުވެސް އެދާއިރާ ތަމްސީލު ކުރައްވާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ އެދާއިރާއަށް ވާދަކުރައްވާ އެހެން ކެންޑިޑޭޓަކަށް އަމާޒުކޮށް ރޫމްބޯއިން މަޖްލިސްއަށް އަންނަން ނުޖެހޭ ކަމަށާއި އެއީ އެއްވެސް އަގެއް ނެތް ބައެއްކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

އަދި މަސްވެރިންނަށް ގަދަރު ކުޑަވާގޮތައް ވާހަކަ ދެއްކެވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއުއެވެ.

އެގޮތުން ސުޖާއު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަން މަހައްދާ މީހަކު ހުރެގެން އެ ނިޒާމު ހިންގެން ނޯންނާނެ ކަމަށެވެ.

"ބައެއް ކައުންސިލްތަކުގައި އެބައުޅޭ މަހަށްދާ މީހުން. ކިހިނެއްތޯ މަހައްދާ މީހުން ޕާޓީއަށްޓަކައި، ތިލަފަތައްޓަކައި ހޮވައިގެން ކިހިނެއްތޯ އަޅުގަނޑުމެން ކައުންސިލްތައް ހިންގާނީ. އެހެންވީމާ ގާބިލް ރައްޔިތުން ކައުންސިލްތަކަށް އިންތިހާބުވެގެން، މި ނިޒާމުގެ އޮނިގަނޑަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްގެން މެނުވީ އަޅުގަނޑުމެންނަށް ލާމަރުކަޒީ ގާނޫނު ހިންގޭކަށެއް ނެތް،" ސުޖާއު ވިދާޅުވެފައިވެއެވެ.