Last Updated: November 27, 11:35
Wednesday, November 27, 2024
ރިޕޯޓް

ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކަކަށް ޕެރިސް، ހޮންގ ކޮންގ އަދި ސިންގަޕޫރު

ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓްގެ އެއްވަނައިގައި ޕެރިސް އާއި ހޮންގ ކޮންގ އަދި ސިންގަޕޫރު ހިމެނިއްޖެ އެވެ.

މިއީ އަހަރަކު އެއްފަހަރު އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓް އިން ހިންގާ ސާވޭގެ 30 އަހަރުގެ ތާރީޚުގައި ވެސް އެއްވަނަ މަޤާމް ތިން ސިޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ލިސްޓްގެ ދެވަނައިގައި އޮތް ފްރާންސްގެ ވެރިރަށް ޕެރިސް އަކީ މި އަހަރުގެ ލިސްޓްގެ ގަދަ 10ގައި ހިމެނޭ ޔޫރަޕްގެ ސިޓީތަކުގެ ތެރެއިން އެއް ސިޓީ އެވެ.

މި ސާވޭގައި 160 ބާވަތެއްގެ އެއްޗެހީގެ އަގު އަޅާކިޔައެވެ. އެގޮތުން 133 ސިޓީއެއްގެ ކާބޯތަކެއްޗާއި، ދަތުރުފަތުރާއި، ކަރަންޓާއި ފެނާއި ކުލީގެ އަގުތަކަށް މި ސާވޭގައި ބަލައެވެ. އެއަށްފަހު އެ އަގުތައް ނިއު ޔޯކްގައި ދިރިއުޅުމުގެ އަގާއި އަޅާބަލައެވެ.

މި ސާވޭގެ މަޤްޞަދަކީ ބިދޭސީ މުވައްޒަފުންނާއި ވިޔަފާރިއަށް ދަތުރުކުރާ ފަރާތްތަކުގެ ދިރިއުޅުމުގެ ޚަރަދުތަކުގެ ހިސާބު ހެދުމުގައި ކުންފުނިތަކަށް ފަސޭހަކޮށްދިނުމެވެ.

އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓް އިން ފާހަގަކުރާ ގޮތުގައި އަގުހެޔޮ ސިޓީތަކުގެ އަގުތައް ހުޅަނގުގެ މިންގަނޑުތަކާއި އަޅާބަލާއިރު ވަރަށް ކުޑަ ކަމަށާއި، މުސާރަ ކުޑަވުމުގެ ސަބަބުން ގޭގެ ޚަރަދުތަކަށް ހޭދަކުރާ މިންވަރު ވަކި މިންގަނޑެއްގައި ހިފަހައްޓުމަކީ އެފަދަ ސިޓީތަކުގައި އާންމުކަމެއް ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ނުވަތަ އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުން އަގުހެޔޮ ސިޓީތަކުގެ އަދަދު އިތުރުވަމުންދާ ކަމަށްވެސް އެ ޔުނިޓުން ފާހަގަކުރެއެވެ. އަދި އަގުހެޔޮ ސިޓީތަކުގައި ދިރިއުޅުމަކީ ދަތިކަމެއް ކަމަށްވެސް އެ ޔުނިޓުން ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓްގެ ލިޔުންތެރިއެއް ކަމުގައިވާ ރޮކްސާނާ ސްލެޗެވާ ބުނާ ގޮތުގައި 2003 ވަނަ އަހަރުން ފެށިގެން އެންމެ އަގުބޮޑު 10 ސިޓީތަކުގެ ލިސްޓްގައި ޕެރިސް ހިމެނިފައިވާ ކަމަށާއި، ޕެރިސް އަކީ ދިރިއުޅެން "ވަރަށް އަގުބޮޑު" ތަނެއް ކަމަށެވެ. ޔޫރޮޕްގެ އެހެން ސިޓީތަކާއި އަޅާބަލާއިރު ޕެރިސްގައި އަގުހެޔޮ ވަނީ ހަމައެކަނި ބަނގުރަލާއި ދަތުރުފަތުރާއި ދުންފަތް ކަމަށްވެސް އޭނާ ބުނެއެވެ.

އެގޮތުން ޕެރިސްގައި އަންހެނެއްގެ އިސްތަށިގަނޑު ކޮށުމަށް އެވަރެޖުކޮށް 119.04 ޑޮލަރު ނަގާއިރު، ޒޫރިކްގައި ނަގަނީ 73.97 ޑޮލަރެވެ. އަދި ޖަޕާންގެ އޮސާކާގައި ނަގަނީ 53.46 ޑޮލަރެވެ.

މީގެ އިތުރުން ގޭގައި ހިފާގެންގުޅޭ ތަކެއްޗާއި، އަމިއްލަ ބޭނުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން މުނިފޫހިފިލުމުގެ ބައިންވެސް ތަކެތި އެންމެ އަގުބޮޑީ ޔޫރަޕްގެ ސިޓީތަކުގައި ކަމަށް އޭނާ ބުނެއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތައް:

1. ސިންގަޕޫރު، ސިންގަޕޫރު
1. ޕެރިސް، ފްރާންސް
1. ހޮންގ ކޮންގ، ޗައިނާ
4. ޒޫރިކް، ސްވިޓްޒަލޭންޑް
5. ޖެނީވާ، ސްވިޓްޒަލޭންޑް
5. އޮސާކާ، ޖަޕާން
7. ސޯލް، ސައުތު ކޮރެއާ
7. ކޯޕެންހޭގެން، ޑެންމާކް
7. ނިއު ޔޯކް، ޔޫއެސް
10. ތެލް އަވީވް، އިސްރާއީލް
10. ލޮސް އެންޖެލިސް، ޔޫއެސް

ދުނިޔޭގެ އެންމެ އަގުހެޔޮ ސިޓީއަކަށް ހޮވުނީ ކެރަކަސް އެވެ.

އިންފްލޭޝަން އާއި ފައިސާގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މި އަހަރު އާޖެންޓީނާ، ބްރެޒިލް، ތުރުކީ އަދި ވެނެޒުއެލާގެ ދިރިއުޅުމުގެ އަގު ވަނީ ދަށަށް ގޮސްފައެވެ.

މިދިޔަ އަހަރު ވެނެޒުއެލާގެ ކެރަކަސްގައި އިންފްލޭޝަން ވަނީ ގާތްގަނޑަކަށް 1،000،000% އާއި ގާތްކޮށްފަ އެވެ. އޭގެ ސަބަބުން އެޤައުމުގެ ސަރުކާރަށް ވަނީ އާ ފައިސާ ތަޢާރަފްކުރަން މަޖުބޫރުވެފައެވެ. ކެރަކަސް އަކީ މި އަހަރުގެ ސާވޭގައި އެންމެ އަގުހެޔޮ ސިޓީގެ ޖާގަ ހޯދި ސިޓީއެވެ.

"ބްލޫމްބާގް" އިން ރިޕޯޓްކުރާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހު ހަފްތާގެ ތެރޭގައި ކެރަކަސްގައި ކޮފީ ތަށްޓެއްގެ އަގު ވަނީ ދެގުނަ މައްޗަށް (0.62 ޑޮލަރަށް) އަރާފައެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ އަގުހެޔޮ ސިޓީ އަކަށް ހޮވުނީ ސީރިއާގެ ޑެމަސްކަސް އެވެ.

ދުނިޔޭގެ އެންމެ އަގުހެޔޮ ސިޓީތައް:

1. ކެރަކަސް، ވެނެޒުއެލާ
2. ޑެމަސްކަސް، ސީރިއާ
3. ތަޝްކެންޓް، އުޒްބެކިސްތާން
4. އަލްމާޓީ، ކަޒަޚްސްތާން
5. ބެންގަލޫރު، އިންޑިއާ
6. ކަރާޗީ، ޕާކިސްތާން
6. ލީގޯސް، ނައިޖީރިއާ
7. ބުއެނޮސް އައިރެސް، އާޖެންޓީނާ
7. ޗެންނާއި، އިންޑިއާ
8. ނިއު ދިއްލީ، އިންޑިއާ