ތ.ތިމަރަފުށީ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ ކެންޑިޑޭޓަކީ އޭނާ ކަމަށް އެ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ތިމަރަފުށީ ދާއިރާގެ ބަހުސްގައި ވާހަކަދައްކަމުން ކިނބިދޫ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދެވޭނީ ސަރުކާރާ ގުޅިގެން ކަމަށާއި އެގޮތުން ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ ކެންޑިޑޭޓަކީ އޭނާ ކަމަށެވެ.
"އެމަނިކުފާނުގެ ނައިބު ރައީސް ފޮނުއްވާ އަޅުގަނޑަށް ތާއީދު ހޯދައި ދެއްވުމަށް މަސައްކަތް އެދަނީ ކުރައްވަމުން. އެމަނިކުފާނުގެ ކެބިނެޓުގެ ބޭފުޅުން އަޅުގަނޑާއި އެކު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. އެ އިތުބާރު އެބައޮތް އަޅުގަނޑަށް" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ކިނބިދޫ ދާއިރާ ދޫކޮށްލެއްވުމަށްފަހު އޭނާގެ އުފަން ރަށް ކަމަށްވާ ތިމަރަފުށީ ދާއިރާ އަށް މިފަހަރު ކުރިމަތިލެއްވީ އެ ދާއިރާގެ ރަށްތަކަށް ހިދުމަތް ކުރަން ބޭނުންވާތީއެވެ.
އެގޮތުން ތ.ވޭމަންޑޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެ ރަށުގެ އަތޮޅު ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅު ކުރުމާއެކު އެ ރަށުގެ ބޮޑެތި މަގުތަަށް ތަރައްގީވެ ތާރުއެޅެން ކަމަށާއި އޭނާ އެ ދާއިރާ އަށް ކުރިމަތިލެއްވީ މި ކަންކަން ކޮށްދެއްވުމަށް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
އަދި ގާނޫނު އަސާސީން ލާޒިމުކުރާ ފެނާއި ނަރުދަމާގެ ހިދުމަތުން ވޭމަންޑޫގެ ރައްޔިތުން މިހާތަނަށް ތިބީ މަހުރޫމު ވެފައި ކަމަށާއި މި ކަންކަން ހައްލުކުރުމަށް އެ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު މުސްތަފާ ކުރެއްވީ ކޮން ކަމެއްތޯ ވެސް ރިޔާޒު ވަނީ ސުވާލު ކުރައްވާފައެވެ.
"ކާކުތޯ އެކަމުގެ ޒިންމާ ނަގާނީ. ތިމަރަފުށީ ޒުވާނުން ބޭނުންވަނީ ވަޒީފާގެ ފުރުސަތުތައް. އެ ފުރުސަތުތައް ހޯދައިދޭން އަޅުގަނޑު މި އަންނަނީ. އެ އުއްމީދު ހާސިލުކޮށްދޭން. މަކުނުވާ ފުރާފައި އޮތް ތަނެއް ސާފުކޮށްދޭން އަޅުގަނޑު މި އައީ. އެއީ އުއްމީދަކީ. އެ އުއްމީދު ރައްޔިތުންނަށް ހާސިލުކޮށްދޭން މަސައްކަތް ކުރާނަން" ރިޔާޒު ވިދާޅުވިއެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ރިޔާޒު އާއި މުސްތަފާގެ އިތުރުން ދެން އެ ދާއިރާ އަށް ވާދަކުރައްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޭޓުން ކަމަށްވާ އަބްދުﷲ ޝަކީބު އާއި އިބްރާހިމް ސަނާހުއެވެ.