ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ ލިބިފައި އޮތް މަޖިލީހުން ސަރުކާރަށް ބިރު ދައްކަމުން އަންނަ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ނުސީދާގޮތުން ބަހުގެ ހަމަލާ ފޮނުވަމުން އަސްލަމް ވިދާޅުވީ މަޖިލީހުން ސަރުކާރަށް ބިރު ދައްކަމުން އަންނަނީ ޖޭޕީގެ މެމްބަރުންގެ ބައިވެރިވުމާ ވެސް އެކުގައި ކަމަށެވެ. އަދި ޖޭޕީން އެޕާޓީ އަސްލު އޮތް ފަޅި ހާމަކުރުމަށް އަސްލަމް ވަނީ ގޮވާލާފައެވެ.
ވަކި ގޮތަކަށް ރޭވިގެން ބައެއް ކަންކަން މަޖިލީހުން ނިންމަމުން ދާއިރު ސަރުކާރަށް ދަތިވާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށް މަޖިލީހަށް ލިބިފައި އޮތް ބާރު، ނަހަމަ ގޮތުގައި ހިފަމުންދާކަމަށް އަސްލަމް ވަނީ ތުހުމަތުކޮށްފައެވެ.
ސަރުކާރުން ހުށައަޅާ ބިލްތަކަށް ވޯޓަށް ނޭހިފައިވަނީ ތިން ފަހަރު މަތިން ބިލް އެޖެންޑާ ކުރުމުންވެސް އިދިކޮޅު މެމްބަރުންނާއެކު ޖޭޕީގެ ބައެއް މެމްބަރުން އަދި އެމްޑީޕީގެ އެއް މެމްބަރަކު ހާޒިރުނުވުމުންނެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ބިލް އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާލާފައެވެ.
މަޖިލީހުން ވަނީ މިހާރު މުއްދަތެއް ނެތް ގޮތަށް ޗުއްޓީއެއް ނަގާފައެވެ. 18 ވަނަ މަޖިލިސް ނިމިގެންދާއިރު ވެސް ސަރުކާރުން ހުށައެޅި ބިލަކަށް ވޯޓަށް އެހޭނެ ކަމަށް ނުބެލެވެއެވެ.