ސައިކްލޯން އީޑާއިގެ ސަބަބުން މޯޒަމްބީކް، ޒިމްބާބްވޭ، އަދި މަލާވީ އަށް ލިބިފައިވާ ގެއްލުންތަކާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެ ޤައުމްތަކުގެ ޚާރިޖީ ވަޒީރުންނަށް ހަމްދަރުދީގެ މެސެޖް ފޮނުވައިފިއެވެ.
މޯޒަމްބީކްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން ހިޒް އެކްސެލެންސީ ހޯޒޭ ކޮންޑުންގުއާ އެންޓޯނިއޯ ޕަޗެއޯ އާއި، ޒިމްބާބްވޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ޓްރޭޑް، ހިޒް އެކްސެލެންސީ ލެފްޓިނަންޓް ޖެނެރަލް (ރިޓަޔާރޑް) ޑރ. ސިބުސިސޯ ބުސޮ މޮޔޯ އަދި މަލާވީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން ހިޒް އެކްސެލެންސީ ޑރ. އެމަނުއެލް ފަބިއާނޯ އެމް. ޕީ. އަށް ވަކިވަކިން މިނިސްޓަރ ޝާހިދު ފޮނުއްވެވި މެސެޖުތަކުގައި ސައިކްލޯން އީޑާއިގެ ސަބަބުން މީހުންގެ ފުރާނައާއި މުދަލަށް ލިބިފައިވާ ގެއްލުންތަކާއި ގުޅިގެން ހިތާމަކުރައްވާ ކަމަށާއި މި ހިތާމަވެރި ދަނޑިވަޅުގައި އެ ޤައުމުތަކުގެ ސަރުކާރާއި ރައްޔިތުންނާއި މެދު ޙަމްދަރުދީވެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.
އަދި ދިވެހިރާއްޖޭގެ ސަރުކާރާއި، ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި، މި ހާދިސާގެ އަސަރުކޮށްފައިވާ ޢާއިލާތަކަށް ތައުޒިޔާ އަދާކުރައްވާ، މި ޚާދިސާގައި ގެއްލުން ލިބިފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ރުޖޫޢަކުރުމުގައި އަވަސް ކާމިޔާބީއަށް އެދޭކަންވެސް ހާމަކުރައްވާފައިވެއެވެ.