އެންމެން ގުޅިގެން އިންދާލެވޭ ކޮންމެ ގަހަކީ ތިމާވެއްޓަށް ފޯރުކޮށް ދޭވޭ ރަނގަޅު އެހީތެރިމެއް ކަމަށް ވެގެން ދިއުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ) ވިދާޅުވެއްޖެ އެވެ.
ސޯބެ މިހެން ވިދާޅުވީ ތިމާވެށީގެ ދުވަސް ފާހަގަކު ރުމުގެ ގޮތުން މީދޫގައި ހުންނަ އެންވަޔަމަންޓް ޑިޕާޓްމެންޓާއި މީދޫގެ ބައެއް އަމިއްލަ ޖަމްއިއްޔާތަކާއި މީދޫގައި ހަރަކާތްތެރިވަމުން އަންނަ ރެޑްކްރެސެންޓް ޔުނިޓުން އިންތިޒާމްކޮށްގެން މި މަހުގެ 5 ވަނަ ދުވަހު ހަވީރު މީދޫގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި އިތުރަށް ވާހަކަ ފުޅު ދައްކަވަމުން ސޯބެ ވިދާޅުވީ ކުރާ ކޮންމެ ކަމެއްގައި ވެސް ރަށްރަށާއި ވެށި ހިމާޔަތް ކުރުމުގެ ވިސްނުން ބަހައްޓައިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ދުވަސްވީ ބޭބޭފުޅުންނަށް މިހާރު ވެސް އިއްޔެހެން ހަދާން ހުންނާނެ އަޅުގަނޑުމެންގެ އަތޮޅުގެ އެކި ހިސާބުތަކުގައި ހުރި އެކިއެކި ރީތިކަން ނެތިގެން ގޮސްފައިވާ ކަމުގެ މަންޒަރު. ކަނޑާ ފަޅާ ފަރުތައް އެތައް ގޮތަކަށް ބަދަލުވެގެން ގޮސްފައި އޮތް ތަން. އެެހެންވީމާ އަޅުގަޑުމެން މިކަމާ މެދު ފުންކޮށް ވިސްނާ ތިމާވެށީގެ ދުވަހު އަޅުގަނޑުމެންގެ ވެއްޓަށް އަޅުގަނޑުމެންގެ މި މާހައުލަށް އަޅުގަޑުމެންގެ މިރަށަށް ފައިދާހުރި ކޮންމެވެސް ކަމެއް ކޮށް ދިނުމަކީ މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެން،" ސޯބެ ވިދާޅުވި އެވެ. "އަދި ކުރިއަށް އަންނަން އޮތް ޖީލަށް އަމާނާތްތެރިކަމާ އެކު އަޅުގަނޑުމެންގެ ތިމާވެށި ރަށްކާތެރިކަމާ އެކު ފޯރުކޮށް ދެވި ވެއްޓަށް ގެއްލުން ނުލިބޭ ގޮތަކަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ނިޒާމެއް ގާއިމްކޮށްގެން."