ސޯޝަލް މީޑިއާ ޕްލެޓުފޯމު ޓްވިޓާގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ހަސަން މަނިކު އާއި ޑރ. މުހައްމަދު އިޔާޒު އާއި ދެމެދު ހޫނު ބަހުގެ ހަމަލާތައް ބަދަލުކޮށްފިއެވެ.
ޑރ. އިޔާޒު އާއި ނިހާނުގެ ޒުވާބު ފެށިފައިވަނީ އަދާލަތު ޕާޓީއާއި ޝެއިޚް އިމްރާނަށް އަމާޒުކޮށް ނިހާން ފޮނުއްވި ބަހުގެ ހަމަލާއަކުންނެވެ. އޮންލައިން ނޫހެއްގައި އަދާލަތު ޕާޓީ އޮތީ އެމްޑީޕީގެ ސިޔާސަތުތަކަށް ދެލޯ މަރައިގެން ކަމަށް ބުނެ ގެނެސްދިން ޚަބަރެއް ޓުވީޓު ކުރައްވަމުން ނިހާން ވިދާޅުވީ، ދިވެހިންގެ ދީނާ ދިވެހިން ގައުމިއްޔަތު ވެއްޔާ މޮޑެ ނިމޭއިރުވެސް ޝެއިޚް އިމްރާނާއި އަދާލަތު ޕާޓީން (ތިބީ) ދެލޯ މަރައިގެން ކަންފަތުގައި އަތް ޖަހައިގެން ކަމަށެވެ.
އޭނާގެ އެ ޓުވީޓަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، އެމްއެމްޕީއާރުސީ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ އެއްވެސް މީހަކު މަޖިލީހަށް ނުހޮވުމަށް ގޮވާލާފައެވެ. ނިހާން ވަނީ އެމްއެމްޕީއާރްސީގެ އެންމެ ފައިސާ ފޮއްޗެއްވެސް އޭނާއަށް ލިބިފައިނުވާނެ ކަމަށް ބުނެފައެވެ.
ނިހާނާއި އިޔާޒްގެ ޒުވާބު ގަދަވެފައިވާއިރު ނިހާން ވަނީ އޭނާއާ ދިމާލަށް އެއްޗެއް ކިޔައިފިނަމަ އެއަށްވުރެ ހުތުރުކޮށް އަދި ބާރަށް ކިޔާނެ ކަމަށް ބުނެފައެވެ.
ޑރ. އިޔާޒަކީ މުނާފިގެއް ކަމަށާއި ސޯޝަލް މީޑިޔާގައި "ހޭކެނޑިގެން" ތެޅެނީ ސުންނަތުގައި އޮވެގެންތޯ ވެސް ނިހާނު ވަނީ ސުވާލުކޮށްފައެވެ.
އޭނާގެ މި ބަސްމަގާ މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށް ޕާޓީއެއްގެ ޕާލަމެންޓްރީ ގްރޫޕު ލީޑަރުގެ މަގާމުގައި ހުރި ބޭފުޅަކު އެފަދަ ގޮތަކަށް އަމަލުކުރާތީ ފާޑުކިޔާފައެވެ.