ޓީސީ ސްޕޯޓްސް ކްލަބްގައި މިދިޔަ ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ސޮއިކޮށްފިއެވެ.
ގައުމީ ޓީމާ އެކު މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ހުނަރުވެރި ފޯވާޑް ވަނީ މާޒިޔާއާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނިމިދިޔަ ސީޒަނަކީ ފޭދޫ އިއްބެގެ ފުޓްބޯޅަ ކެރިއަރުގެ މިހާތަނަށް އެންމެ ކާމިޔާބު ސީޒަނެވެ. ޓީސީއާއެކު ދިވެހި ޕްރިމިއާ ލީގުގެ ޝީލްޑް އުފުލާލުމުގެ އިތުރުން ދިވެހި ގައުމީ ޓީމާއެކު އޭނާ ވަނީ އެންމެފަހުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފައެވެ. ފާއިތުވެދިޔަ ދެ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދެއްކި މަދު ކުޅުންތެރިންގެ ތެރޭގައި އޭނާ ވަނީ ހިމެނިފައެވެ.
ފޭދޫ އިއްބެ އަށް އެންމެ ފުރަތަމަ ގިނަ ބައެއްގެ ލޯ އަމާޒުވީ 2015 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގދ. ފަރެސްމާތޮޑާ ކޮޅަށް އޭނާ ޖެހި މޮޅު ގޯލާ އެކު އެވެ. އެގޯލުގެ ވީޑިއޯ ސޯޝަލް މީޑިޔާގައި ވައިރަލްވެ އެތައް ބަޔަކު އޭނާ ގައުމީ ޓީމަށް ނެގުމަށް ގޮވާލިއެވެ.
އޭގެފަހުން، ޖެހިގެން އައި 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ފޭދޫ ކުޅުނު ދެ މެޗުގައި ވެސް އިއްބެ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑު އޮތް މާޒިޔާ ކޮޅަށް ފޭދޫގެ ހަމައެކަނި ލަނޑު ޖެހީ ވެސް އިއްބެއެވެ. އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ކްލަބުތަކުން އިއްބެ އަށް ޝައުގުވެރިކަން ފާޅުކުރިއެވެ.
ފޭދޫ އިއްބެ ފުރަތަމަ ޑިވިޝަނަށް ތަޢާރަފްވީ 2017 ވަނަ އަހަރު ޓީސީންނެވެ. އެ ޓީމާއެކު ބަންގްލަދޭޝްގައި ބޭއްވުނު ޝެއިހް ކަމާލް އިންޓަނޭޝަން ފުޓްބޯޅަ މުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު ގައުމީ ޓީމުން ފުރުޞަތުލިބުނެވެ.
ފޭދޫ އިއްބެ ވަނީ މިދިޔަ އަހަރު ހޮވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. މީގެއިތުރުން، އޭނާ ވަނީ 2017 ވަނަ އަހަރު ޖޫލޭ އެވޯޑްވެސް ހޯދައިފައެވެ.
ފޭދޫ އިއްބެ އަކީ ޓީސީ ދޫކޮށް މި ސީޒަނަށް މާޒިޔާ އަށް ބަދަލުވި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރީން، ގައުމީ ޓީމުގެ އިތުބާރު މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ވެސް އެ ޓީމަށް ސޮއިކޮށްފައެވެ. މި ކުޅުންތެރިންގެ އިތުރުން މާޒިޔާއިން ވަނީ ނިއު އަށް ނިމިދިޔަ ސީޒަނުގައި ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި ވިކްޓްރީ ސްޕޯޓްސް ކްލަބާއެކު ރަނގަޅު ކުޅުމެއް ދައްކައި އެންމެފަހުގެ ސާފް ސުޒުކީ ކަޕްގައި ގައުމީ ޓީމުގައި މޮޅުކުޅުމެއް ދެއްކި ހުސެއިން ނިހާން (ނިހާޓް) ވެސް އެ ޓީމަށް ގެނެސްފައެވެ.
މާޒިޔާއާއެކު އެއްބަސްވުން އާކުރި ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި މުޖުތާޒް މުހައްމަދު (މުޖޭ) އާއި ސަމޫހު އަލީ (ސަމުއްޓެ) އާއި އަމްދާން އަލީ (އެންޑީ) އަދި މުހައްމަދު އިރުފާން (އިރޭ) ގެ އިތުރުން އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ހަސަން ޝިފާޒް (ޑުންގާ) އަދި މޫސާ ޔާމީން (ޔާމްބެ) ހިމެނެއެވެ.
އެ ޓީމު ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ބަދަލުވި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ސޮއިކުރި އިސްމާއިލް އީސާ (މެސީ) އަދި ކްލަބް ގްރީން ސްޓްރީޓްސް އާ ގުޅުނު ގާސިމް ސައްމާމު (ސައްމެ) އެވެ. މީގެއިތުރުން، މާޒިޔާގެ އަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ އެ ޓީމު ދޫކޮށްލުމަށްފަހު ދަ ގްރާންޑޭގެ ކޯޗުކަމާއި ހަވާލުވެފައެވެ.