ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެކު ކޯލިޝަން ހެދިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެމަނިކުފާނަށް ކާމިޔާބެއް ނުލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރާ އަލީ ނިޔާޒްގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ސީދާ ގޮތުން ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު، ކުރީގެ ރައީސް ޔާމީނާއެކު ކޯލިޝަން ހެދިޔަސް، ހުޅުވާލެވިފައިވާ 86 ގޮނޑިން، 6 ގޮނޑިވެސް ކާމިޔާބު ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި މިހާރު ގާސިމް އިބްރާހިމް އެ އުޅުއްވަނީ ނަގޫ ގޮށް ޖެހެން ކަމަށާއި އެކަން އެގޮތަށް ނޫން ގޮތަކަށް ނުހިނގާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. "ނަގޫ ގޮށް ޖެހޭނީ އެބޭފުޅުން އެބޭފުޅުންނަށް. އެއީ އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކަ. ބައްލަވާ، އެ އުޅުއްވަނީ ނަގޫ ގޮށް ޖެހެން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދުމަށް އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ނަޝީދު މިރޭވެސް ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ. އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ނުލިބި ރައީސް ސޯލިހުގެ ވައުދުތައް ނުފުއްދޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށާއި ވެރިކަން ބަދަލުވި ފަހުން، ރައްޔިތުންގެ މަޖިލީހުގައި ކަންކަން ހިނގާދިޔަ ގޮތުން އެކަން ސާފު ވެގެން ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ މިރޭގެ ޖަލްސާގައި އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން އަދާލަތު ޕާޓީން އެމްޑީޕީ އަށް ގޮނޑިތައް ދޫކޮށް ކޯލިޝަން ހަދާފައިވާކަން ފާހަގަކޮށްފައިވާއިރު އެމްޑީޕީން ވެސް ވަނީ ބައެއް ދާއިރާ އަދާލަތު ޕާޓީއަށް ދޫކޮށްލާފައެވެ.