އިންޓަ މިލާނާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމާއިމެދު އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީއާ ކްލަބާ ދެމެދު އޮތް ގުޅުން ހީނަރުވެ އޭނާ އަތުން ކެޕްޓަން ބޭންޑް އަތުލުމާއިގުޅިގެން ޓީމުގެ އެންމެހާ ކަންކަމުން މަހެއްހާ ދުވަހު އެކަހެރިވެހުރުމަށްފަހު އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ބެލެވޭގޮތުގައި، އިކާޑީ އަލުން އިންޓަގެ ފަރިތަކުރުންތަކުގައި އަލުން ބައިވެރިވާން ނިންމާފައިވަނީ އޭނާގެ ވަކީލާއި އެ ކްލަބުގެ ޗީފް އެގްޒެކެޓިވް ގުއިސެއްޕޭ މަރޯޓާ އަދި ޕައޮލޯ ނިކޮލޭޓީއާއެކު އިއްޔެ ބޭއްވުނު ބައްދަލުވުމަށްފަހުގައެވެ.
މީގެކުރީން، އިކާޑީ ބުނެފައިވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެހުރީ ކަކުލު ހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް، އެ ކްލަބުގެ މެޑިކަލް ޓީމުން ހެދި ޓެސްޓުތަކަށްފަހު އަނިޔާގެ އެއްވެސް މައްސަލައެއް ހުރިކަމަށް ދައްކާފައެއްނުވެއެވެ.
އުމުރުން 26 އަހަރުގެ އިކާޑީ ވަނީ މިއަދު ބޭއްވުނު އިންޓަގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އެގޮތުން، މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނީ އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމުތަކާއި ނުގުޅި ތިބި ކުޅުންތެރިން އެކަނިއެވެ.
ނިމިދިޔަ ސީޒަނުގައި އިޓާލިއަން ސެރިއޭގައި 29 ލަނޑުޖަހައިގެން ލާޒިއޯގެ ޗީރޯ އިމޯބިލޭއާއެކު އެންމެ ގިނަ ގޯލް ޖަހައިގެންދޭ ރަންބޫޓު ހޯދި އިކާޑީ އަށް މި ސީޒަނުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. މިހާތަނަށް ލީގުގައި ކުޅުނު 20 މެޗުގައި ޖެހިފައިވަނީ 9 ގޯލެވެ.
އިންޓަގެ ޓީމާއި އޭނާ ވަކިވި ހިސާބުން އެ ޓީމުގެ ފޯމު ދަށްވި ނަމަވެސް ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި ވާދަވެރި އޭސީ މިލާން އަތުން 3-2 އިން އެ ޓީމު މޮޅުވެފައިވެއެވެ. އިކާޑީ ނެތްތަން އިންޓަގެ ޓީމުގައި ފޫބައްދައިދީފައިވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އާޖެންޓީނާގެ ފޯވާޑް ލޮޓާރޯ މާޓިނޭޒް އެވެ. އޭނާ ވަނީ އެންމެފަހުން ކުޅުނު 9 މެޗުގައި ހަތަރު ލަނޑުޖަހާފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިކާޑީ އެންމެ އަވަހަށް އިންޓަގެ ޖާޒީގައި ފެނިގެންދާނީ ލީގުގައި މި މަހުގެ 31 ވަނަ ދުވަހު ލާޒިއޯއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. މި މެޗު ކުޅެވޭނީ އިންޓަގެ ސެންސީރޯގައެވެ.