މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިތުބާރު މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ފަރާތުން ފްރާންސްއާއެކު ވޯލްޑްކަޕް ތަށި އުފުލާލި ހުރިހާ ކުޅުންތެރިންނަށް އަލިމަހުން ފަރުމާކޮށްފައިވާ އަނގޮޓި ހަދިޔާކޮށްފިއެވެ.
މި ހުރިހާ އަނގޮޓިއެއްގައި ފްރާންސްގެ ދިދައިގައި ހިމެނޭ ނޫ، ހުދު އަދި ރަތް ކުލައިގެ އަލިމަހުގެ ޖަވާހިރު ބޭނުންކޮށްގެން ފަރުމާކޮށްފައިވަނީ އެމެރިކާގެ ޖޭސަން އޮފް ބެވަލީ ހިލްސް އިންނެވެ. އެގޮތުން، ކޮންމެ އަނގޮޓިއެއްގައި ތިން ކެރެޓުގެ ހުދު އަލިމަހާއި ރޫބީސްގެ އިތުރުން ސަފަޔާ ހިމެނެއެވެ. މި އަނގޮޓީ ގައި ފްރާންސްގެ ލޯގޯގެ އިތުރުން 'ވޯލްޑް ޗެމްޕިއަންސް' ޖަހާފައިވާއިރު އަނެއް ފަރާތުގައި އެ ކުޅުންތެރިއެއްގެ ނަންވެސް ޖަހާފައިވެއެވެ.
މިއީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ކުޅުންތެރިންނަށް ހާއްސަކޮށް 'ޗެމްޕިއަންޝިޕް ރިންގްސް' ފަރުމާކުރެވުނު ފުރަތަމަ ފަހަރެވެ. މީގެކުރީން، އެމެރިކާގެ އެންބީއޭގެ އިތުރުން އެންއެފްއެލްގެ ޗެމްޕިއަންކަން ހޯދާ ޓީމުގެ ކުޅުންތެރިންނަށް އަނގޮޓި ދެމުން އައިސްފައިވެއެވެ.
"މިއީ ފުޓްބޯޅައިގެ ތާރީހުގައި ވޯލްޑްކަޕް ކާމިޔާބުކުރި ޓީމަކުން އަނގޮޓި ފަރުމާކުރި ފުރަތަމަ ފަހަރު. މިކަމަށް އަހަރެމެން ފަހުރުވެރިވަން." ޖޭސަން އޮފް ބެވަލީ ހިލްސްގެ ފަރާތުން ބުންޏެވެ.
"އަހަރެމެން މިކަމުގައި ބައިވެރިކޮށްދިނީތީވެ ޕޮގްބާގެ އިތުރުން މިކަމާއި ގުޅުންހުރި އެންމެންނަށް ހާއްސަ ޝުކުރެއް އަދާކުރަން."
އަނގޮޓިތައް ހަދިޔާކުރުމަށްފަހު ފްރާންސްގެ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ޕޮގްބާ ބުނީ މިއީ އޭނާގެ އާއިލާ އަށް ދިން ކުޑަ ހަދިޔާއެއްކަމަށެވެ.
"ޓީމުގެ ހުރިހާ ކުޅުންތެރިންނަކީވެސް އަހަރެންގެ އާއިލާ. މިއީ އެންމެންނަށް ދިން ކުޑަ ހަދިޔާއެއް. އެހެންނަމަވެސް، މި އަނގޮޓި ގެއްލުނުކަމުގައިވިޔަސް ވޯލްޑްކަޕް އެއީ ގެއްލޭނެ އެއްޗެއް ނޫން." ޕޮގްބާ ބުންޏެވެ.
މިދިޔަ ޖުލައި މަހު ކުޅެވުނު ފީފާ ވޯލްޑްކަޕްގެ ފައިނަލްގައި ކްރޮއޭޝިއާ އަތުން 4-2 އިން ފްރާންސް މޮޅުވިއިރު އެ މެޗުގައި ގޯލެއް ކާމިޔާބުކުރި ޕޮގްބާ އަކީ އެ ޓީމުގެ މިޑްފީލްޑްގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޕޮގްބާ ވަނީ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއެކު މޮޅު ކުޅުމެއް ދައްކާފައެވެ.
ފްރާންސަށް ދެން އޮތީ ޔޫރޯ 2020 ގެ ކޮލިފައިންގައި މިރޭ ރަށުން ބޭރުގައި މޮލްޑޯވާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 00:45 ގައެވެ.