Last Updated: November 23, 16:52
Saturday, November 23, 2024
ދުނިޔެ

ތާލިބާނުން ދިން ހަމަލާއެއްގައި އަފްޣާނިސްތާންގެ ހަތަރު މީހުން މަރުވެއްޖެ

ހަމަލާދީފައި ވަނީ ސްޓޭޑިއަމްގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުން ދަނިކޮށް - ފޮޓޯ: އަބްދުލް ޚާލިޤް (އޭޕީ)

ދެކުނު އަފްޣާނިސްތާންގެ ސްޓޭޑިއަމް އެއްގައި ދަނޑުވެރިކަމާއި ގުޅޭ ޝޯއެއް ކުރިއަށް ދަނިކޮށް ދިން ބޮމުގެ ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، 31 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަމަލާތައް ދީފައި ވަނީ ހަލަބޮލި ހެލްމޭންޑް ޕްރޮވިންސްގެ ވެރިރަށް ލަޝްކަރް ގާހްގައި ޕާޝިއަން ނިއު އިޔާގެ މުނާސަބަތާއި ގުޅުވައިގެންް ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުން ދަނިކޮށެވެ. ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި އެ ސްޓޭޑިއަމްގައި ގާތްގަނޑަކަށް 1،000 މީހުން އެއްވެފައި ތިއްބެވެ.

"ޓޯލޯނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި ހެލްމޭންޑްގެ އިކޮނޮމިކް ޗީފް، މުހައްމަދު ޚާން ނުސްރަތު ވެސް އެ ހާދިސާގައި ނިޔާވެފައިވާ ކަމަށެވެ.

ސްޓޭޑިއަމްގައި ހެލްމޭންޑްގެ ގަވަރުނަރު ވެސް އެވަގުތު ހުންނެވި ކަމަށާއި، ނަމަވެސް އޭނާ އަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ލަފާކުރެވޭ ގޮތުގައި އެ ހާދިސާ ހިނގީ، ދަނޑުވެރިންގެ އުފެއްދުންތައް ދައްކާލުމަށް ޖަހާފައި ހުރި ޓެންޓުތަކުގައި ހަރުކޮށްފައި ހުރި ބޮންތަކެއް ގޮވުމުގެ ސަބަބުންނެވެ.

މި ހާދިސާގެ ޒިންމާ، މީޑިއާ އަށް ފޮނުވި ބަޔާނެއްގައި ތާލިބާނުން ވަނީ ނަގާފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ހަމަލާ އަމާޒުކުރީ އަފްޣާންގެ މަތީ މަޤާމްތަކުގައި ތިއްބަވާ އޮފިޝަލުންނަށް ކަމަށާއި، އާންމު އެއްވެސް ރައްޔިތަކަށް ހަމަލާތަކުގައި އަނިޔާވެފައި ނުވާ ކަމަށެވެ.

އަފްޣާނިސްތާންގެ ރައީސް މުހައްމަދު އަޝްރަފް ޣަނީ ވަނީ މި ހަމަލާ ކުށްވެރިކުރައްވައިފަ އެވެ.