އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލޭގައި ޢާންމުން ފަތަން ބޭނުން ކުރަމުންދާ ޓްރެކް ސަރަޙައްދުން މޫދަށް އެރި އުޅުނު ދެމީހަކު، ހާމަކަން ބޮޑު ގޮތަކަށް ބަދުއަހުލާޤީ ޢަމަލު ހިންގާފައިވާ މަންޒަރު ގިނަ ބަޔަކަށް ފެނިފައިވާއިރު، އެ އަމަލު ހިންގި މީހުން ހޯދާ އެމީހުންނާއިމެދު ހަރުކަށި ފިޔަވަޅު އެޅެން ޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ އެކަމަށް އިޝާރާތް ކުރައްވާ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
Roamaa dhuvaalu, ladheh hayaatheh nethi, track sarahahdhugai, enmen kurimathee badhu akhlaaqee amal hingi meehunnakee kobaikan hoadhai harukashi fiyavalhu elhen eba jehe eve! Ehbayaku roa oriyaamun ulhumah guestunnah magufahi kohdhenee eve! Aneh bayaku mihiree ulhey vahthareve!
— Ali Zaid (@alizaid1000) March 23, 2019
"ރޯމާދުވާލު، ލަދެއް ހަޔާތެއްނެތި، ޓްރެކް ސަރަހައްދުގައި އެންމެން ކުރިމަތީ ބަދުއަޚްލާޤީ ޢަމަލި ހިންގި މީހުންނަކީ ކޮބައިކަން ހޯދާ ހަރުކަށި ފިޔަވަޅު އެޅެން އެބަޖެހެއެވެ!އެއްބަޔަކު ރޯއޮރިޔާމުން އުޅުމަށް ގެސްޓުންނަށް މަގުފަހިކޮށްދެނީއެވެ! އަނެއް ބަޔަކު މިހިރީ އުޅޭ ވައްތަރެވެ!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.
މި އަމަލު ހިނގި މަންޒަރު ގިނަ ބަޔަކަށް ފެނުނުއިރު، އެވަގުތު އެތަނުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި ޢާންމުންގެ ގިނަ ބަޔަކު ތިބި ކަމަށް ވެއެވެ. މި މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ފޮޓޯ އިން ފެންނަނީ އަންހެނަކާއި ފިރިހެނަކު ގައިގޯޅިވެ އުޅޭ މަންޒަރެވެ.