ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެއްޖެނަމަ އައްޑޫ ސިޓީއަކީ ރާއްޖޭގެ ފައިނޭޝަލް ކެޕިޓަލްގެ ގޮތުގައި ކަނޑައަޅާނެކަމަށް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛު ޢަލީ އިބްރާހީމް ވިދާޅުވެއްޖެއެވެ. އެނާ މިހެން ވިދާޅުވީ މިއަދު އޮތް ހިތަދޫ އުތުރު ދާއިރާގެ ބަހުސްގައި ވާހަކަ ދައްކަމުންނެވެ.
އައްޑޫ ސިޓީއަށް ޚާއްސަކޮށް ހިތަދޫ އުތުރު ދާއިރާގެ ތަރައްޤީއަށް މެންބަރުން އިހުމާލުވެފައިވާކަން ފާހަގަކުރައްވާ، ޢަލީ ވިދާޅުވީ ފައިނޭންޝަލް ކެޕިޓަލްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައެޅުމުން، މުޅި ރާއްޖެއަށް އޭގެ މަންފާކުރާނެކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޤާނޫނީ ބިލު މިހާރު ޑްރާފްކޮށް ނިމިފައިވާކަން އޭނާ ފަހަގަކުރެއްވިއެވެ.
"އައްޑޫ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީއަކީ ރައްޖޭގެ ފައިނޭންޝަލް ކެޕިޓަލްގެ ގޮތުގައި ކަނޑައެޅުމަށް. އެއީ އައްޑޫއާއި މުޅި ރާއްޖެއަށް އޭގެ މަންފާ ކުރާނެކަމެއް. އެކަމަށް ބޭނުންވާ ޤާނޫނީ ބިލު އަޅުގަނޑުވަނީ މިހާރު ޑްރާފްޓްކޮށް ނިންމާފަ"
ޢަލީ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އޭނާ ވަނީ ރާއްޖެއަށާއި އައްޑޫ ސިޓީއަށް މުހިއްމު ގިނަ ކަންކަން ކުރައްވާނެ ހާމަކުރައްވާފައެވެ. އެގޮތުން، މުޅިން އަލަށް ތަޢާރަފުކުރައްވާނެ މުހިއްމު 5 ކަމެއް އޭނާ ފަހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ހަޔަރ ޕަރޗޭސިންގ އެކްޓާއި ހެލްތް ސަރވިސް އެކްޓާއި ފައިނޭޝަން ކެޕިޓަލް އެކްޓުއެކުލަވާލުމުގެ އިތުރުން ލާމަރުކަޒީ ޤާނޫނާއި އާއިލާއާއި ބެހޭ ޤާނޫނާއި ސިޔާސީ ޕާޓީތަކާއިބެހޭ ޤާނޫނުފަދަ ޤާނޫނުތައް އިސްލާހު ކުރުން ހިމެނެއެވެ.
މީގެ އިތުރުން ޢަލީ ވިދާޅުވީ ދާއިރާގައި މިހާރުން މިހާރަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ މީހުން އެބަތިބިކަމަށާއި ސަރުކާރުގެ އިދާރާތަކުން އެކަން ބަލާ އެމީހުންނަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމަށް އޭނާ ގޮވާލެއްވިއެވެ. އަދި އޭނާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެއްޖެނަމަ ދާއިރާގެ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމުގެ ރޫހާ އެއްގޮތަށް ބޭނުންވާ އަސާސީ ބައެއް ޚިދުމަތްތައް ޤާއިމުކުރުމަށް މަސައްކަތް ކުރާނެކަން ފާހަގަކުރިއެވެ. މީގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތާއި ހެލްތް ޕޯސްޓުގެ ޚިދުމަތާއި ޕޮލީސިންގެ ޚިދުމަތް ހިމެނެއެވެ.
އަލްއުސްތާޛު ޢަލީ އިބްރާހީމް ވާދައްކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމުގެ ތާޢީދާއެކުއެވެ. އޭނާކީ ހިތަދޫ އުތުރު ދާއިރާއަށް އުފަން އެދާއިރާގެ ބޭފުޅެކެވެ. އަދީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ ޤާނޫނީ ވަކީލެކެވެ.