ހުރިހާ ފަރާތްތަކާއެކު ވެސް މަސައްކަތް ކުރުމުގެ ގާބިލުކަން އެބަހުރި ކަމަށް، ހިތަދޫ ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ.އަހުމަދު އަދީލު ނަސީރު ވިދާޅުވެއްޖެއެވެ.
ޓީވީއެމް އިން ގެނެސްދިން "މަޖިލިސް ބަހުސް" ގައި ރޭ ވާހަކަދައްކަމުން އަދީލު ވިދާޅުވީ ރާއްޖޭގައި އެންމެ ފަހި ފުރުސަތުތަކެއް ހުޅުވާލެވިފައިވަނީ އައްޑޫ ސިޓީގައި ކަމަށާއި އެގޮތުން މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ ހަތް މެމްބަރުން ވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ މުޅި މި ރާއްޖޭގައި ވެސް އައްޑޫ ވަރުގެ ތަނެއް ނޯންނާނެ ކަމަށެވެ.
"ތަފާތު ހިޔާލުތައް ހުރުމަކީ މައްސަލައެއް ނޫން. އެހެން ނަމަވެސް އެ ކަންތައްތައް ތަހައްމަލު ނުވުމުގެ އަސްލަކީ ގާބިލުކަން ނެތުން. ގާބިލުކަން ހުރިނަމަ އެންމެން އެއްކޮށް ގުޅިގެން އެއް ތަނެއްގައި ހިޔާލުތަފާތުވީ ނަމަވެސް މަސައްކަތް ވެވޭނެ" އަދީލު ވިދާޅުވިއެވެ.
އަދީލު ވިދާޅުވީ އޭނާ އަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ނުވާތީ ހުރިހާ ފިކުރެއްގެ މީހުންނާއެކު ވެސް މަސައްކަތް ކުރުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި އައްޑޫގެ ތަރައްގީ އަށް ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން އެއް އަމާޒަކަށް އަދި އެއް ވިސްނުމަކަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެކަން ކުރެވޭނެ އެއް ފަރާތަކީ ކަށަވަރުކަމާއެކު ﷲ ގެ އިރާދަފުޅުން އަޅުގަނޑު" އަދީލު ވިދާޅުވިއެވެ.
އަދީލު ވިދާޅުވީ ކައުންސިލް ބާރުވެރި ކުރުވައި، ކައުންސިލުން ބާރު ހޯދުމަށް ސަލާން ޖަހަން ނުޖެހޭ ގޮތް މަޖްލިސް ތެރެއިން މަސައްކަތް ކުރައްވާނެކަމަށެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ އިންތިހާބުގައި އަދީލުއާ ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އިބްރާހިމް ނާޒިލް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ލަތީފުއެވެ.