Last Updated: November 30, 06:26
Saturday, November 30, 2024
ޚަބަރު

ސަރުކާރުން ބޭނުންވަނީ ކައުންސިލް ފުދުންތެރިވެ އަމިއްލައަށް ހިންގަން: ރައީސް

ސަރުކާރުން ބޭނުންވަނީ ރަށްތައް ފުދުންތެރިކޮށް ބާރު ތައް ދޫކޮށްލުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ޓޫރިޒަމަށް ޚާއްސަކޮށްގެން އިފްތިތާހުކުރި ވެބްސައިޓް "އައިލެންޑްސް އެމްވީ" ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ކައުންސިލްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްކަމަށެވެ.

ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ރަށްތަކުގައި ކުރިއަރުވަން ބޭނުންވާ އިރު އެކަމަށްޓަކައި ގިނަ ބާރުތައް ކައުންްސިލަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. އެގޮތުން ރަށްރަށުގައި ހިންގާ ވިޔަފާރިތަކާއި އެނޫން ލޯކަލް ޓޫރިޒަމް އާއި ގުޅުން ހުރި ކަންކަން ކައުންސިލްތަކަށް ދޫކޮށްލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމަށް އަމާޒުކޮށްގެން ތައްޔާރުކުރި އައިލެންޑާސް އެމްވީއަކީ ސަރުކާރުން ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް ރަށްތަކުން ލިބެން ހުރި ހިދްމަތްތަކާއި އެކު ތައްޔާރުކޮށްފައިވާ ވެބް ޕޯޓަލް އެކެވެ. ރައީސް ވިދާޅުވީ މި ޕޯޓަލް ބެލެހެެއްޓުންވެސް ކައުންސިލަށް ދޫކޮށްލައްވާނެކަމަށެވެ.

ކައުންސިލް ތައް ބާރުވެރި ފުދުންތެރި ތަނަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.