ސިޔާސީ ސަބަބުތަކަށްޓަކައި ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކުރި 104 ފަރާތަކަށް ވަޒީފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި މީހުން ޝަކުވާ ހުށަހެޅުމަށް ރައީސް ސޯލިހު ދެއްވި ފުރުސަތުގައި 812 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވެއެވެ. އަދި މި މައްސަލަ ބެލުމަށް ރައީސް އެކުލަވާލި ހާއްސަ ކޮމިޝަނުން މައްސަލަ ބަލައި 104 ފަރާތަކަށް ވަޒީފާ ދިނުމަށް ވަނީ ހުށަހަޅާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސިޔާސީ ސަބަބުތަކަށްޓަަކައި އެންމެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުން ކަމަށެވެ. އެގޮތުން ފެނަކައިން 94 ޝަކުވާއެއް ހުށަހަޅާފައިވާއިރު އެމްޕީއެލްއަށް ރައްދުވާ 38 ޝަކުވާ ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ފުލުހުންނާއި ސިފައިންނާއި ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަން ހޫދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ފުލުހުންނާއި، ޤައުމީ ދިފާޢީ ބާރުގެ މައްޗަށް ރައްދުވާ 85 ޝަކުވާ ހުށައަޅާފައިވާކަމަށް ހޫދު ފާހަގަކުރެއްވިއެވެ.
ހޫދު ވިދާޅުވީ، ކޮމިޝަނަށް ހުށަހެޅުނު 812 މައްސަލަތަކުގެ ތެރެއުން 169 ޝަކުވާ އާއި ގުޅޭ އިިތުރު މަޢޫލޫމާތު ހޯދުމަށް އެ ޝަކުވާ ރައްދުވާ އިދާރާތަކަށް ފޮނުވާފައިވާކަމަށެވެ.
ކަމިޝަނުން މިހާތަނަށް ބަލައި ނިންމި މައްސަލަ ތަކުގެ ތެރެއިން 104 ފަރާތަކަށް ވަޒީފާ ދިނުމަށް ނިންމާފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ.
ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކި ކުރި ފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.