އައްޑޫ ފޭދޫ ރައްޔިތުން ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑަށް ކުރި އެއް ޝަކުވާއަކީ ބިމުގެ ދަތިކަމުގެ ޝަކުވާއެވެ. އާބާދީ ބޮޑު ފޭދޫގެ ރައްޔިތުން ތިބީ ބޯހިޔާވަހިކަން ހޯދޭނެ ގޮތެއް ނެތިފައެވެ.
ކޮންމެ ސަރުކާރެއްގައިވެސް ރައްޔިތުން އެދުމުން ދިޔައީ ފޭދޫގެ ބިން ހިއްކައި ދިނުމަށެވެ. ކޮންމެ މަޖްލިސް މެމްބަރެއްގެ ގާތުންވެސް ރައްޔިތުން އެދުނީ ބިމުގެ މައްސަލަ ހައްލުކޮށްދިނުމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ފޭދޫގައި އެޅި 24 ފްލެޓަށް އެދި 300 އަށް ވުރެ ގިނަ މީހުން ކުރިމަތިލީ އެފަދަ ދެވަނަ ގޮތެއް ނެތިގެންނެވެ. ފޭދޫ ރައްޔިތުންގެ މި ކަންބޮޑުވުމަށް މިއަދު މިވަނީ ހައްލެއް ލިބިފައެވެ. 2014 ވަނަ އަހަރުގެ މަޖްލިސް އިންތިހާބު ކާމިޔާބު ކުރެއްވި މިހާރުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)ގެ މަސައްކަތުން ސަރުކާރުން މިއަދު މިވަނީ ފޭދޫގެ ބިން ހިއްކާދީފައެވެ.
ފޭދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އައިބީގެ މެމްބަރު ކަމުގައި ވަނީ ފޭދޫ ވަރުގެ ބިމެއް ހިއްކާފައެވެ. މީގެ އިތުރުން ހިއްކި ބިމުގެ ވަށައިގެން ރިވެޓްމަންޓު ޖަހައި ބިން ވަނީ ރައްކާތެރި ކޮށްފައެވެ. އަދި ބިމާއި ގުޅޭ ޕްލޭން ހަދައި ބިމުގެ މަންފާ ދާދި އަވަހަށް ރައްޔިތުންނަށް ލިބިގެންދާ މަންޒަރު ފެނިގެންދާނެއެވެ.
ބިމުގެ ދަތިކަން ފިޔަވައި ރަށުގެ މީހުންގެ ދެން އެންމެ ބޮޑަށް ކުރި އެއް ޝަކުވާއަކީ ފެނާއި ނަރުދަމާގެ ޝަކުވާއެވެ. އެ މަސައްކަތް މިއަދު ވަނީ ނިމިފައެވެ.
ވާރޭ މޫސުމުގައި ފޭދޫގައި ފެން ބޮޑުވުމަކީ އާއްމުކަމެކެވެ. އަދި އެތައް ބޮޑެތި ގެއްލުންތައް ރައްޔިތުންނަށް ވަނީ ލިބިފައެވެ. މި މައްސަލައިގެ ޝަކުވާ އަކީ ހިނގަމުން މިދާ މަޖްލިސް ދައުރުގައި ފޭދޫ ރައްުޔިތުން އައިބީ ގާތު އެންމެ ގިނައިން ކުރި އެއް ޝަކުވާއެވެ. މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް ބަޖެޓުގައި ހިމަނައިގެން މި ބޮޑު މައްސަލަ މިއަދު މިދަނީ ނިމެމުންނެވެ.
ފޭދޫ ސްކޫލްގެ ޖާގައިގެ ޝަކުވާއަކީ ދަރިވަރުންނާއި ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއެވެ. ފެންވަރު ރަނގަޅު ވަސީލަތާއި އެކު މަލްޓި ޕާޕަސް ހޯލެއް ފޭދޫ ސްކޫލަށް ބޭނުންވެއެވެ. އެކަމަށް އެތައް ފަހަރަކު އެޑިއުކޭޝަން މިނިސްޓްރީ އާއި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް އަދި ސީދާ މެމްބަރު އައިބީއަށް ހުށަހެޅުނެވެ. އައިބީ ވަނީ ފޭދޫ ސްކޫލްގެ ހަތަރު ބުރީގެ އިމާރާތް ބަޖެޓުގައި ހިމަނައި ފައިސާ ހޯދައި ފޭދޫ ސްކޫލްގައި މި އިމާރާތް ގާއިމް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މިއަދު ދަރިވަރުން އެދަނީ އެއިމާރާތުގެ ބޭނުން ކުރަމުންނެވެ. މީގެ އިތުރުން ދަރިވަރުންނަށް ހާއްސަ ސްކޫލް ބަހެއް ގެނެސް މިއަދު ދަރުވަރުން މި ބަސް ބޭނުން ކުރަމުން އަންނަ އިރު މިއީ ރާއްޖޭގައި މިވަގުތު އޮތް ހަމައެކަނި ސްކޫލް ބަހެވެ.
ފޭދޫ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ފޭދޫ ސިއްހީ މަރުކަޒަށް ބޭނުންވާ ކަންކަން ސަރުކާރުގެ ތެރެއިން ހަމަޖެއްސުމުގައި އައިބީ ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. އަދި ފޭދޫ ސިއްޙީ މަރުކަޒަށް ޒަމާނީ އެމްބިއުލެންސެއް ހޯދައި، ހުޅުމީދޫން ގެންނަ ބަލި މީހުންނާއި ފޭދޫ އަދި ޖުމްލަކޮށް މުޅި އައްޑޫ ރައްޔިތުންނަށް މި އެމްބިއުލެންސްގެ ހިދްމަތް ދަނީ ލިބެމުންނެވެ. އަދި ފޭދޫ ސިއްހީ މަރުކަޒުގެ ވޯޑުތައް އޭސީކޮށް އެތަން ވަނީ ތަރައްޤީ ކުރެވިފައެވެ.
ވަޒީފާގެ ފުރުސަތު ނެތް އެތައް ޒުވާނުންނަށް ރަށުން ވަޒީފާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގައި އައިބީގެ ދައުރު ބޮޑެވެ. ދެކުނު ޓްރާންސްޕޯޓު ލިންކު ފޭދޫ ބަނދަރުގައި ގާއިމްކޮށް އެތަނުން އެތައް ބަޔަކަށް ވަޒީފާ ލިބިގެން ގޮސްފައިވަނީ އައިބީގެ މެމްބަރު ކަމުގައެވެ.
މަޖްލިސްގެ ފަސް އަހަރުގެ ދައުރު ނިމެމުން އަންނަ އިރު ދާއިރާއަށް 107 ފަހަރު ޒިޔާރަތްކޮށް ރައްޔިތުންގެ ހާލުވަނީ ގާތުން ބައްލަވާފައެވެ. މިހާރުވެސް ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވައި ކެމްޕެއިން ކުރައްވާ އިރު ފޭދޫގެ ކޮންމެ ދިމާލަކަށް ބަލާލިއަސް މިއަދު ފެންނަނީ އައިބީގެ މެމްބަރު ކަމުގައި ފޭދޫއަށް އައިސްފައިވާ ތަރައްްޤީއެވެ. އަތޮޅު އެހެން ރަށްތަކާއި ފޭދޫ ތަފާތުވެފައިވާ މަންޒަރެވެ. ފޭދޫ ރައްޔިތުން އެންމެ ބޭނުންވިކަންކަން ފުރިހަމަ ވެފައިވާ މަންޒަރެވެ.
ފޭދޫ ރައްޔިތުން މިއަދު ވިސްނަންވީ މެމްބަރެއްގެ ގޮތުގައި އައިބީ ކޮށްދެއްވާފައިވާ މަސައްކަތްތަކެވެ. މިއި ދޮގު ނުކުރެވޭނެ ކަންކަމެވެ. އައްޑޫގެ އެކި ދާއިރާތަކުގެ ރައްޔިތުން މިއަދު ބުނަމުން ދަނީ އެދާއިރާތަކަށް ބޭނުންވަނީ އައިބީ ފަދަ މެމްބަރެއް ކަމަށެވެ.