ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ވޯޓަކުން ރުހުން ދީފިނަމަ އެކަމަށް ތާއީދު ކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޓީވީއެމުން އިންތިޒާމް ކޮށްގެން ބާއްވާ މަޖިލިސް އިންތިޚާބުގެ ބަހުސްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދު ވިދާޅުވީ ވަރަށް ގިނަ އަހަރުގެ ޚުދުމުޚުތާރު ރިޔާސީ ނިޒާމެއްގެ ވެރިކަން ދިވެހި ރައްޔިތުން ތަޖުރިބާ ކޮށްފައިވާ ކަމަށާއި މީގެ އަހަރުތަކެއް ކުރިން ރައްޔިތުންގެ މެދުގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ވޯޓެއް ނެގުނު ކަމަށެވެ. ނަމަވެސް އެ ވޯޓުގައި ވޯޓު ހައްގު މީހުނަށް ވުރެ ގިނަ މީހުން ވޯޓު ލީ ކަމަށް އިއުލާން ކުރެވުނު ކަމަށް ވިދާޅުވެ ނަޝީދު ވޯޓާ ގުޅޭގޮތުން ސުވާލު އުފައްދާފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އަޣުލަބިއްޔަތުން ރިޔާސީ ނިޒާމު ކުރިއަށް ގެންދިއުމަށް ނިންމައިފިނަމަ އެކަމަށް ތާއީދު ކުރައްވާ ކަމަށާއި އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓެއް ނެގިއްޖެނަމަ އެކަމަށްވެސް ތާއީދު ކުރައްވާ ކަމަށެވެ.