އިޓަލީގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރު އަންދްރެއާ ޕިރްލޯ ޤަބޫލުކުރާގޮތުގައި ބާސެލޯނާ އަށް ވުރެ އޭނާގެ ކުރީގެ ޓީމު ޔުވެންޓަސް މޮޅުކަމަށާއި އެތުލެޓިކޯ މެޑްރިޑް އަތުން އެ ޓީމު މޮޅުވުމަކީ އޭގެ އެއް ހެކިކަމަށް ބުނެފިއެވެ.
ޔުވެންޓަސްއާއެކު ވިދިވިދިގެން ހަތަރު ފަހަރު އިޓާލިއަން ސެރިއޭ ހޯދައިފައިވާ ޕިރްލޯ އިތުރަށް ބުނިގޮތުގައި، މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުން އެންމެ ގާތީ ޔުވެންޓަސް އާއި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ މެންޗެސްޓާ ސިޓީ އެވެ.
"ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅެމުން އަންނައިރު އަބަދުވެސް ހިތަށް އަރަނީ މިއީ އަހަރެމެންގެ ފަހަރަކަށް ވެދާނެއޭ." ލާ ގެޒެއްޓާ ޑެލޯ ސްޕޯޓަށް ދިން އިންޓަވިއުގައި ޕިރްލޯ ބުންޏެވެ.
"އެތުލެޓިކޯ އަތުން ޔުވެންޓަސް މިހޯދީ ކާމިޔާބީއަކީ އޭގެ އެއް މިސާލު."
"އަހަރެންނަށް ވިސްނޭ ގޮތުގައި، ބާސެލޯނާ އަށް ވުރެ ޔުވެންޓަސް މޮޅު، ދެން ހުރި ކްލަބުތަކުގެ ތެރެއިން މި މުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު އެންމެ ބޮޑީ މެންޗެސްޓާ ސިޓީ." ޕިރްލޯ ބުންޏެވެ.
އިޓާލީއާއެކު 2006 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޕިރްލޯ ބުނިގޮތުގައި، ޔުވެންޓަސްގެ ފަރާތުން އެތުލެޓިކޯ ފަދަ މޮޅު ޓީމަކާ ދެކޮޅަށް މޮޅު ކުޅުމެއް ފެނިގެންދިއުމުގެ މައިގަނޑު ސަބަބަކީ އިޓަލީގެ ރެކޯޑް ފީ އަކަށް އެ ކްލަބަށް ގެނައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން އެ ޓީމުގެ އެހެން ކުޅުންތެރިންގެ ވިސްނުމުގެ އެއްގޮތްކަމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ ބޮޑުކަމުންނެވެ.
"އެތުލެޓިކޯ މެޗުގައި ރޮނާލްޑޯ ނެތްނަމަ ފަހަރުގައި އަހަރެމެން 1-0 އިން މޮޅުވުން އެކަށީގެންވޭ، ގައިމުވެސް 3-0 އިން މޮޅެއް ނުވާނެ." ޕިރްލޯ ބުންޏެވެ.
"އުމުރުން 33 އަހަރުގައި ފުޓްބޯޅަ ކެރިއަރުގައި ބޮޑު ބަދަލެއް ގެނެވޭނީ ވަރަށް ބޮޑު އިތުބާރެއް އޮވެގެން."
"ރޮނާލްޑޯ މިވަނީ ވަރަށް އަވަހަށް ޔުވެންޓަސްގެ ކުޅުމުގެ ސްޓައިލަށް ހޭނިފައި." ޕިރްލޯ ބުންޏެވެ.
ޕިރްލޯ ނިންމާލަމުން ބުނިގޮތުގައި، އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް މޮޅުވި ނަމަވެސް ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗު އެ ޓީމަށް ފަސޭހަނުވާނެ ކަމަށާއި އެ މެޗު ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑީ އޭނާގެ ކުރީގެ ކްލަބަށް ކަމަށެވެ.
"ޔުވެންޓަސް އިން އެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ. އަޔެކްސް އަށް ވުރެ ފިޒިކަލީ އަދި ހުރިހާ ގޮތަކަށް ވެސް އެމީހުން ވަރުގަދަ. މި މެޗު އަޔެކްސް އަށް ވަރަށް އުނދަގޫވާނެ."
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އަޔެކްސްއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ ފުރަތަމަ ލެގު އޮންނާނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ރޭ ރާއްޖޭގަޑިން ދަންވަރު 01:00 ގައެވެ.