ޕާކިސްތާނުގެ ޕަލަސް ވެލީ ނަމަކަށް ކިޔާ އަވަށަކަށް އުފަން، 30 އަހަރުގެ އަފްޒަލް ކޮހިސްތާނީއަކީ ޕާކިސްތާނުގައި ޢާންމުގޮތެއްގައި ޢިއްޒަތް ދެމެހެއްޓުމުގެ ނަމުގައި ހިންގަމުންދާ ޤަތުލުތަކާއި ދެކޮޅަށް އަޑުއުފުލައި އެކަމަށް ވަކާލާތު ކުރަމުންދިޔަ މީހެކެވެ. އަހަރުތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ އޭނާވެސް ހަމަ އެފަދަ އިހާނެތި ޤާތިލުންތަކެއްގެ އަތް ދަށުވެ މަރުވެގެންދިޔުމެވެ.
އޭނާ މަރާލުމާ ހަމައަށްވެސް އޭނާ މަސައްކަތްކުރަމުން ދިޔައީ ޢިއްޒަތުގެ ނަމުގައި މަރާލެވުނު އޭނާގެ 3 ބޭބެއިންނާއި 3 އަންހެނުނަށް އިންސާފު ހޯދައި، ބާކީތިބި އާއިލާގެ މެމްބަރުންނަށް ހިމާޔަތް ހޯދުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އޭނާގެ މަސައްކަތް ފެށިގެންދިޔައީ 2012 ވަނަ އަހަރު އާންމުވި ވީޑިއޯއަކުން ބައެއްކެ ކައިވެނި ހަފްލާގައި އޭނާގެ 2 ފިރިހެން ކޮއްކޮ ކަމަށްވާ ބިން ޔާސިރާއި، ގުލް ނަޒަރުގެ އިތުރުން އެހެން އަވަށެއްގެ 4 އަހަންހެނުންކަމަށްވާ، ބޭގަމް ޖާން، ޝީރީން ޖާން، ބާޒިޣާ އަދި އާމްނާ ނަށަންތިބި ވީޑިއޯއަކުންނެވެ. މިވީޑިއޯ އާންމުވުމާއެކު އެ އަވަށުގައި ކަންކަން ނިންމަން އޮންނަ "ޖިގްރާ" ނަމަކަށް ކިޔާ ކައުންސިލު ބައްދަލުވުމަކުންވަނީ ވީޑިއޯއިން ފެންނަ އެންމެންވެސް މަރާލުމަށް ހުކުމްކޮށްފައެވެ. މި ޖިގްރާ ކުރިއަށް ގެންދިޔައީ އަންހެނުންގެ އަވަށުގެ ފަރާތުން ޖާވިދު އަޒަދްޚެލް ނަމަކަށް ކިޔާ މީހެކެވެ.
މިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަފްޒަލް 2012 ވަނަ އަހަރު އިސްލާމްއަބާދުގެ ސުޕްރީމްކޯޓުގެ ބޭރުގައި ޕްރެސްކޮންފެރެންސެއްވެސް ބޭއްވިއެވެ. އަދި އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެދުނެވެ. ނަމަވެސް އޭގެ ހަފްތާއެއް ފަހުން އޭނާ ވަނީ ވީޑިއޯއިން ފެނިގެންދިޔަ އަންހެނުން ބަޔަކު މަރާލާފައިވާކަން ހާމަކޮށްފައެވެ. އަދި އެހާ ހިސާބުން އޭނާ ވަނީ މި މަައްސަލަ ކުރިއަށްގެންދެވެން އޮތް އެންމެ މައްޗަކާއިހަމައަށް ގެންގޮސްފައެވެ. އެގޮތުން އެނާ ޕޮލިހަށާއި، ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކުގެ އިތުރުން ކޯޓަށްވެސް މައްސަލަ ހުށައަޅައި ޤާތިލުން ހައްޔަރުކޮށް، އާއިލާތަކަށް ރައްކާތެރިކަންފޯރުކޮށްދޭން އެދުނެވެ.
ގުލް ނަޒަރާއި ބިން ޔާސިރު ވަނީ ފުރާނައަށް ބިރުން 2012 ވަނަަ އަހަރުން ފެށިގެން މުޅި އާއިލާގެ 44 ހަތަރު މީހުންނާއެއްކޮށް ފިލައިގެން އުޅެން ފަށާފައެވެ. އެހެންނަމަވެސް، އެއްވެސް އެހީތެރިކަމެއް ނުލިބި ތިއްބާ، 2013 ވަނަ އަހަރު ބަޔަކުވަނީ އަފްޒަލްގެ ދޮށީ ތިން ބޭބެއިން މިސްކިތަކުން ނިކުތްވަގުތު ބަޑިޖަހައި މަރާލާފައެވެ.
ހަތްއަހަރުވަންދެން ކުރި މަސައްކަތުން ކޯޓުތަކުގައި މައްސަލަބަލައި މިމައްސަލަތަކުގައި އިންސާފުނުލިބިތިބި ފަރާތްތަކަށް އިންސާފުހޯދުމުގައި މަސައްކަތްކުރަމުންދިޔަ އަފްޒަލް، އެނާގެ އާއިލާ ފިލައިގެން އުޅޭ ޕާކިސްތާނުގެ އަބޮއްތަބާދަށް ދިޔައީ މައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށެވެ. މާރޗު 6 ވަނަ ދުވަހު އެ އަވަށުގެ ބާޒާރު ސަރަހައްދުން އޭނާ ސުޒުކީ ޕިކަޕު-ވޭނަކަށް އެރީ އެނާއަށް ބޮޑުބޭބެ ކިޔާ ފައިޒުއް ރަހްމާންއާއެއްކޮށެވެ.
އަފްޒަލް ކޯޓަށް ކުރާ ދަތުރުތަކުގައި ސަލާމަތީކަންކަން ބެލެހެއްޓުމަށްޓަކައި އަފްޒަލްއާއެއްކޮށް އަބަދުވެސް ފައިޒުދެއެވެ. އެހެންނަމަވެސް، މިދުވަހު ކަންދިމާކުރީ އެހެންގޮތަކަށެވެ. މަންޒަރުދުށް މީހުން ބުނާގޮތުގައި ފުރަތަމަ އަޑު އިވުނީ ހަތަރު ފަހަރު ބަޑި ޖެހި އަޑެވެ. ދެން ފެނުނީ ފައިޒް ވަޔަށް ބަޑި ޖަހަމުން، އަފްޒަލް މަރާލިކަމަށް އޭނާ ބުނާ ތިން މީހުން ފަހާދުއްވައިގަތްތަނެވެ. އެހެންނަމަވެސް މިމައްސަލައިގައި ހާދިސާދޫކޮށް ފިލަންއުޅުމުގެ ތުހުމަތުގައި ކަމަށްބުނެ، ފުލުހުންވަނީ ފައިޒް ހައްޔަރުކޮށްފައެވެ. މިހުރިހާކަމެއް ހިނގާދިޔައިރު އަފްޒަލް އޮތީ އޭނާގެ އަމިއްލަ ލޭއިން ފޯވެ، ވޭން ތެރޭގައި މަރުވެފައެވެ.
އަފްޒަލްގެ މަރުގެ ހާދިސާއާއި ގުޅިގެން އޭނާގެ ކޮއްކޮ ގުލް ނަޒަރު ބުނާގޮތުގައި ފައިޒް އަފްޒަލް ނުމަރާނެއެވެ. "ފައިޒް އެތަނަށް ފޮނުވުނީ އަފްޒަލްގެ ހިމާޔަތުގަ. އެއީ އަފްޒަލްއަށް ދަރިއެއްފަދަ މީހެއް – ދަރިއަކު ބައްޕަ މަރާލާނީ ކިހިނެތް؟" އޭނާ ބުންޔެވެ.
އަފްޒަލްގެ މަރާއެކު އޭނާގެ އާއިލާވަނީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި ވަރަށް ބޮޑަށް ހާލުގަވެސް ޖެހިފައެވެ. އާއިލާގެ އެންމެންނަށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދިނުމުގައި މަސައްކަތްކުރި މީހަކީ އޭނައެވެ. މަރާލާނެ ކަމުގެ ބިރުއޮތުމުން ޔާސިރާއި ނަޒަރަށްވެސް ބޭރަށް ނިކުންނާކަށް ނުކެރެއެވެ. ނަމަވެސް އިންސާފު ހޯދުމަށްޓަކައި މުޅި ޕާކިސްތާނު ކުޑަކޮށްލި އަފްޒަލްއެއް މިއަދަކުނެތެވެ.
އަފްޒަލް މަރާލިނަމަވެސް، އޭނާގެ އާއިލާއިން އަދިވެސް މަސައްކަތް ކުރަމުންދަނީ އިންސާފުހޯދުމަށެވެ. އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ މުހައްމަދު އިސްހާގު ވަނީ މިފަހުން ބޭއްވުނު ޕާކިސްތާނުގެ ޤައުމީ ކޮމިޝަން އޮފް ހިއުމަން ރައިޓްސްގެ މީޓިންގއެއްގައި ވާހަކަ ދައްކަމުން އަދިވެސް ޖިގްރާތަކާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެކަމަށް ބުނެފައެވެ.
މިފަދަ ހަމަލާތަކަކީ ޕާކިސްތާނުގައި ވަރަށް ޢާންމު ކަމެކެވެ. ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2012 ވަނަ އަހަރުންފެށިގެން މިއަދާ ހަމައަށް މިފަދަ 4،900 މަރު ރިކޯޑު ކުރެވިފައިވެއެވެ.