Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އީސީގެ ސެކިއުރިޓީ ރޫމު ތެރެއަށް ފުލުހުންނަށް ނޭނގި ނުވަދެވޭނެ: ފުލުހުން

ފުލުހުން ބޭއްވި ނޫސް ކޮންފަރެންސް، ފޮޓޯ: ސަން

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކިއުރިޓީ ރޫމު ތެރެއަށް ފުލުހުންނަށް ނޭނގި ނުވަދެވޭނެ ކަމަށާއި މިފަހަރުގެ އިންތިހާބުގައި އެ ޝަކުވާ ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު މެންދުރުފަހު އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ރިޔާސީ އިންތިހާބަށް ފަހު ފުލުހުންނަށް ނޭނގި ވޯޓު ކަރުދާސްތައް ބަހައްޓާ ސެކިއުރިޓީ ރޫމު ތެރެއަށް ވަންނަކަމުގެ ޝަކުވާ ކުރި ނަމަވެސް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޝަކުވާ ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

މީގެ އިތުރަށް ފުލުހުން ބުނެފައި ވަނީ އީސީއާއި ފުލުހުންނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އިންތިހާބުގެ ސަލާމަތީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ފުރިހަމައަށް ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވެފައިވާ ކަމަށާއި ރާއްޖޭން ބޭރުގައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ވޯޓު ކަރުދާސްތައް ގެންދިއުމަށް ވެސް ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

"އިންތިހާބުގެ އަމާން ބެލެހެއްޓުމަށް ފުލުހުން ވަނީ ދުރާލާ ތައްޔާރުވެފައި. އެކަމަށް ތަމްރީނުތައް ވެސް ވަނީ ދެވިފައި. އަތޮޅު ތެރެއަށް އިތުރަށް ބޭނުންވާ ފުލުހުން ވެސް މިހާރު އަތޮޅުތަކަށް ވާނީ ފޮނުވާލެވިފައި. އޮޕަރޭޝަން ބްލޫ ޓައިޑްގެ ތެރެއިން އަމާން ވެއްޓެއްގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުލުހުން މަސައްކަތްކުރާނެ،" ފުލުހުން ބުންޏެވެ.

ކެމްޕޭން ކުރުމަށްޓަކައި މުދަލަށް ގެއްލުން ނުދިނުމަށާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ނުވާނެ ގޮތަށް ކެމްޕޭނުތައް ކުރިއަށްގެންދިއުމަށާއި އިންތިހާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި ސަޕޯޓަރުންގެ އެއްބާރުން ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިންތިހާބާ ގުޅޭ ޝަކުވާގެ މައްސަލަތައް ޖުމްލަ ގޮތެއްގައި އެހާ ގިނަ ނޫން ކަމަށާއި އަތޮޅު ތެރެއިން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ގދ. އަތޮޅުން ކަން ވެސް ފުލުހުން ފާހަގަކުރިއެވެ.

މަޖިލިސް އިންތިހާބު އެއްވެސް ދަތިކަމެއްނެތި ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާއިރު މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާ އަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.