Last Updated: November 23, 20:35
Saturday, November 23, 2024
ޚަބަރު

އެޖެންޑާ 19- ދިވެހިންނާއި ބިދޭސީންގެ މުސާރަ ހަމަހަމަ ވާނެ: ނަޝީދު

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ދިވެހިންގެ މުސާރަ ހަމަހަމަކުރުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގދ. މަޑަވެލީ އެމްޑީޕީ ކެންޑިޑޭޓު ހުސެއިން ފިރުޝާންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 އަކީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ އެޖެންޑާކަމަށެވެ. އެމްޑީޕީން މަސައްކަތް ކުރަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި، ދިވެހިންނާއި ބިދޭސީންގެ މުސާރަ ހަމަހަމަ ކުރުމަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ދިވެހިންނަށް މިއަދު ވަޒީފާ ނުލިބޭ އެންމެ ބޮޑު މައްސަލައަކީ ދިވެހިންނަށް އަދާ ކުރެވޭ ވަޒީފާތަކަށް ކުޑަ މުސާރާގައި ބިދޭސީން ގެނެވެން އޮތުން ކަމަށެވެ. އަދި އެކަން ބަދަލުކުރާނީ އެޖެންޑާ 19 އިން ކަމަށެވެ.

އެޖެންޑާ 19 އިން ޖޮބް ސެންޓަރުތައް ގާއިމްކޮށް ވަޒީފާ ނެތް މީހުންގެ ދަފްތަރު އެކުލާވާލައި، ވަޒީފާ ހަމަޖެހެންދެން އިނާޔަތްތަކެއް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

ނަޝީދު ވިދާޅުވީ ރިސޯޓު ހަދާ މަހުޖަނުން ބިދޭސީން ކުޑަ މުސާރައަށް ގެނެސް މަސައްކަތް ކުރުވާ އިރު ބިދޭސީންނާއި ދިވެހިންގެ މުސާރަ ހަމަހަމަކޮށް ނުވަތަ ބިދޭސީންގެ މޔސާރަ ބޮޑު ކުރަބން ޖެހޭ ގޮތަށް ބަދަލު ކުރުމުން ބިދޭސީން ރާއްޖެ ގެންނަން މަހުޖަނު މަސައްކަތް ނުކުރާނެކަމަށެވެ.

އެމްޑީޕީން ނިކުމެ ތިބީ ރައްޔިތުންގެ ދިރިއުޅުން ބަދަލުކޮށްދޭން ކަމަށާއި، މީގެ ކުރިން ދޮށީ އުމުރުގެ މީހުންނަށް އިނާޔަތެއް ދިނުމާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ހާއްސަ އިނާޔަތެއް ދިނުމުގެ ވާހަކަ ދެއްކުމުން އެވާހަކަތައް ބަލައިގަތުމަށް ރައްޔިތުންނަށް ކުޑަކޮށް ދަތިވި ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިއަދު ރައްޔިތުން އެކަން ގަބޫލްކޮށްފި ކަމަށާއި، ދެންވެސް ރައްޔިތުންގެ ހާލު ބަދަލު ކުރާނީ އެމްޑީޕީންކަމަށް ނަޝީދު ވިދާޅުވިއެވެ.