ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ފޯރިގަދަ ކެމްޕޭނު ތެރެއިން އެއް ދުވަހެއްގައި އެންމެ ގިނަ ސުރުޚީ އަތުލި ވާހަކައަށް ވެގެން ދިޔައީ، ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓު ހޯދި އަބްދުލް މުޣުނީއާ ދެކޮޅަށް "ހުށައެޅުނު" ގެވެށި އަނިޔާގެ މައްސަލައެއްގެ ސަބަބުން އޭނާއަށް އެމްޑީޕީން ކުރި ތާއީދު އަނބުރާ ނެގި ވާހަކައެވެ.
އެމްޑީޕީން، ގެވެށި އަނިޔާގެ ތުހުމަތެއް ކުރެވުނު ފަރާތަކަށް ތާއީދު ނުކުރާނެ ކަމަށާއި އެޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު އެފަދަ ކެންޑިޑޭޓެއްގެ ކެމްޕޭނުގައި ވެސް ބައިވެރިނުވާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެ ނިންމުން ޕާޓީން ނެގީ، ތުހުމަތު ރައްދުވާ މުޣުނީއާ އެއްވެސް މަޝްވަރާއެއް ވެސް ކުރުމެއް ނެތި ކަމަށް އޭނާ ބުނެއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން މުޣުނީ ވަނީ އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތު ދޮގުކޮށް، ފުލުސް އޮފީހުން ހޯދި ލިޔެކިޔުމެއް ހެއްކެއްގެ ގޮތުގައި ހުށައަޅާފައެވެ. މުޣުނީ ވަނީ ގެވެށި އަނިޔާގެ މައްސަލައެއް އޭނާއާ ދެކޮޅަށް ދުވަހަކުވެސް ކުރެވިފައިނުވާ ކަމަށް ފުލުހުންގެ ރެކޯޑު ދެއްކުމަށް ފަހު ނަން ސާފުކުރުމަށް އެދިފައެވެ.
އެއާ ހިސާބުން އަނެއްކާވެސް އެމްޑީޕީން ކުއްލި ސްޓޭންޑެއް ނަގައި ޕާޓީގެ ސްޓޭންޑު ބަދަލުކޮށްފިއެވެ. ސުވާލު ކުރެވުމުން ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އެކަމާ ގުޅޭގޮތުން ޕާޓީން ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށެވެ.
އިއްޔެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކާއި ހުވަދުއަށް ފެއްޓެވި ދަތުރުފުޅުގައި ތިނަދޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވައި ކެމްޕޭނު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަވެސް ދެއްކެވީ މުޣުނީއެވެ.
ނަޝީދު ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މުޣުނީ ދިފާއު ކުރައްވައި، އެމްޑީޕީގެ ކެންޑިޑޭޓުން ތިބީ ކަނޑައެޅިފައި ކަމަށާއި އެކަމާ މެދު ޝައްކެއް އޮޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ކުރަން އޮތް ހަމައެކަނި ސުވާލަކީ ގެވެށި އަނިޔާ ފަދަ ބޮޑު މައްސަލައެއްގައި ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް، އަދި އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް ވަކާލާތު ކުރާ ޕާޓީ ކަމަށް ދައުވާ ކުރާ ޕާޓީއިން މިފަދަ ނިންމުމެއް ނިންމައި އޭގައި ކޮޅުފައިން ޖެހިއިރު ޕާޓީގެ އެތެރެއިން ކުރަން ޖެހޭ ތަހުގީގާއި ހޯދަން ޖެހޭ ހޯދުން ނުހޯދަނީތޯއެވެ؟
މުޣުނީއާ ދެކޮޅަށް ގެވެށި އަނިޔާގެ ތުހުމަތު އުފުލި އޭނާގެ ކުރީގެ އަންހެނުން، އަދި އަންހެނުންގެ އެކުވެރިންނާއި އާއިލީ ބޭފުޅުން ވަނީ ފުލުސް އޮފީހުގައި ގެވެށި އަނިޔާގެ ރެކޯޑެއް މުޣުނީއާ ދެކޮޅަށް ކުރެވިފައި ނުވަނީ އެ މައްސަލައަކީ މީގެ އެތައް އަހަރެއް ކުރިން ހުށައެޅުނު މައްސަލައަކަށް ވެފައި، ގެވެށި އަނިޔާގެ ބިލް ތަސްދީގު ކުރެވުނީ 2012 ގައި ކަމަށް ވާތީ ކަމަށް ބުނެފައެވެ.
އެމްޑީޕީގެ މިނިންމުމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލައި ފާޑުކިޔާފައިވާއިރު ގެވެށި އަނިޔާގެ މައްސަލައެއް މިހާ އާދައިގެ ގޮތަކަށް ޕާޓީން ނެގީތީ ޕާޓީގެ ސިޔާސަތުތަކާ މެދު ސުވާލު އުފައްދާ މީހުންވެސް މަދެއް ނޫނެވެ.