މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރި ހޯސޭ މޮރީނިއޯ ރެއާލް މެޑްރިޑާ ގުޅެން އުޅޭ ކަމުގެ އަޑު ގަދަވެފައިވަނިކޮށް ރެއާލުން ކުއްލި ގޮތަކަށް ޒިދާން ގެނައުމުން މޮރީނިއޯ ހޯދުމަށް އަނެއްކާވެސް ކުލަބުތަކުން މަސައްކަތް ފަށައިފިއެވެ.
މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި އަންނަ ސީޒަނުގައި އޭނާ ފެނުން އެންމެ ގާތީ ކުރީގެ ކުލަބު އިންޓަ މިިލާން، ޕީއެސްޖީ އަދި އެވަޓަން، މި ތިން ޓީމުން އެއް ޓީމެއްގައެވެ.
މޮރީނިއޯ ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުރެވެސް ޕީއެސްޖީން އޭނާ ފެނިދާނެ ކަމަށް ބުނެފައެވެ. އޭނާ ބުނެފައިވަނީ އެއް ކުލަބެއްގައި ގިނަ އަހަރު ވަންދެން ހުންނާނެ ކޯޗެއްގެ ގޮތުގައި އޭނާ ނުބެލެވޭ ކަމަށާއި ޕީއެސްޖީ އަށް ދިއުން ވެސް މުސްތަގުބަލުގައި އެކަށީގެންވާ ކަމަށެވެ.
އިންޓަ މިލާނަކީ މޮރީނިއޯގެ ވަރަށް ޚާއްސަ ޓީމެއް ކަމަށް އޭނާ އަބަދުވެސް ބުނެއެވެ. މޮރީނިއޯ ވަނީ ރެއާލާ ގުޅުމުގެ ކުރިން އިންޓަ މިލާނުގައި ޗެމްޕިއަންސް ލީގުވެސް ހޯދާފައެވެ. އެހެންކަމުން އިންޓައިން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ.
މޮރީނިއޯ ވަނީ އޭނާ ބޭނުންވަނީ ފޯރިގަދަ ލީގެއްގައި ކޯޗުކުރަން ކަމަށް ކުރިން ވެސް ބުނެފައެވެ. އަދި އިނގިރޭސި ލީގުގައި މަޑުކުރަން ބޭނުންވާ ކަމަށް ޔުނައިޓެޑުގައި ހުރިއިރުވެސް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން އިނގިރޭސި ޓީމު އެވަޓަންއާ އޭނާ ގުޅިދާނެ ކަމަށް ވެސް ޚަބަރު ވަނީ ފެތުރިފައެވެ.
މީގެ އިތުރުން ފްރާންސުގެ ލިއޯން އަދި މޮނަކޯއިން ވެސް މޮރީނިއޯ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޚަބަރު ލިބެއެވެ.