ހިތަދޫ އުތުރު ދާއިރާގައި މިހާރުން މިހާރަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ޢާއިލާތައް އެބަތިބިކަމަށާއި އެމީހުންނަށް އެމަޖެންސީ ބޯހިޔާވަހިކަން ފޯރުކޮއްދެއްވާނެކަމަށް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛު ޢަލީ އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޢަލީގެ ކެންޕެއިން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހިތަދޫ އުތުރު ދާއިރާ ތަރައްޤީ ކުރުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން ޢަލީ ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓާ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ހިތަދޫ އުތުރުދާއިރާއަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށްކަމަށެވެ. އެގޮތުން، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް މެޖޯރިޓީން ދޭންޖެހޭނީ ހާޒިރުވާ މެންބަރުން އެކުލެވޭގޮތައް ކަމަށް ވިދާޅުވިއެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓާ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުތައް ފުއްދަން މަސައްކަތް ކުރާނަން. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު މަސައްކަތްކުރާނީ ވަކި ޕާޓީއެއް ނުވަތަ ވަކި ބަޔަކު ބުނާ ގޮތަކަށް ނޫން. އަޅުގަނޑު ވަކާލާތު ކުރާނީ ރައްޔިތުންގެ ހައްޤުގައި. މިދާއިރާގެ ރައްޔިތުން ބުނާ ގޮތަކަށް އަޅުގަނޑު ކަންކަން ނިންމާނީ. އަޅުގަނޑު އިސްކުރާނީ ރައްޔިތުންގެ މަސްލަހަތު.”
ޢަލީ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޢަލީ ވިދާޅުވީ އެޖެންޑާ19 ވެސް އަދި އެހެން ކަމެއްވެސް ކުރެވޭނީ ޖަލްސާތަކަށް ހާޒިރުވެގެން ކަމަށެވެ. އަދި މިހާރުގެ މެންބަރު ބައެއް މުހިއްމު ބިލްތައް ފާސްކުރި ދުވަސްތަކުގައި ޖަލްސާތަކަށް ހާޒިރުނުވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުފަދަ މުހިއްމު ޤާނޫނުތައް ހިމެނެވެ.
“އަޅުގަނޑު މިދަންނަވަނީ އެޖެންޑާ 19 ވެސް ތަންފީޒުކުރެވޭނީ މަޖިލީހަށް ހާޒިރުވެގެން. އެޖެންޑާ 19 ވެސް ތަންފީޒުކުރެވޭނީ އަޅުގަނޑަށް. ބިލުތަކަށް ބަހުސްކުރާއިރު އުތުރު ދާއިރާގެ ރައްޔިތުންގެ އަޑު އިއްވައިގެން. އެމީހުންގެ ޚިޔާލާއެކު ބިލު ފާސްކުރަންޖެހެނީ. އަޅުގަނޑު މަޖިލީހަށް ހޮވިއްޖެނަމަ ހެދުނު އެތަނަށް ހާޒިރުވެވޭނެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީކަން ހަމަނުޖެހޭހާ ހިނދަކު މަޑަކުން ނުހުންނާނަން.” ޢަލީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މަޖިލީހަށް އިންތިޚާބު ވެއްޖެނަމަ، އެމަޖެންސީކޮށް ދާއިރާގައި ތިބި ބައެއް ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުށަހަޅުއްވާނެކަމަށެވެ. އެގޮތުން ވަރަށް ހާލުގައި ދިރިއުޅޭ ޢާއިލާތަށް ތިބިކަން ފާހަގަކުރައްވާ، އެކަމަށް މިހާރުން މިހާރަށް ހައްލުހޯދަންޖެހޭކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލުކުރާގޮތުގައި ފުރަތަމަ ހޮސްޕިޓަލް އެޅުމުގެ ކުރިން އަޅަންޖެހެނީ ގެ އެއް. ހޯދަދޭންޖެހެނީ ބޯހިޔާވަހިކަން. އެކަން ނުކޮށް ކިތަންމެވަރަކަށް ބޭސް ދިނަސް ބަލިން ސަލާމަތެއްނެތް. ދައުލަތުން ކޮންމެ މީހަށް 18 އަހަރުވާއިރު ބޯހިޔާވަހިކަން ފޯރުކޮށް ދެވެންޖެހޭނެ. އެވަރަށް ފައިސާވެސް އެބަހުރި. އަޅުގަނޑު އެކަން ޤާނޫނީ ގޮތުން ދައުލަތައް ލާޒިމްކުރަން ހުށަހަޅާނަން.
” ޢަލީ ވިދާޅުވިއެވެ.
އަލްއުސްތާޛު ޢަލީ އިބްރާހީމް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. އަދި އެނާއަށް ރައީސް މައުމޫން ވަނީ ތާޢީދުކުރައްވާފައެވެ.
ރޭގެ ޖަލްސާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްމާޢީލް ޒަބީހް ބައިވެރިވެވަޑައިގެން، މިސަރުކާރުން ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތް ހަމަކުރެއްވިއެވެ. އަދި އަލްއުސްތާޛު ޢަލީ އިބްރާހީމް ގެންގުޅުއްވާ ސިޔާސަތުތަކަށް ސަރުކާރުން ތާޢީދުކުރާކަން ހަމަކުރެއްވިއެވެ. މީގެ އިތުރުން ޖަލްސާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ފޯނު މެދުވެރިކޮށް މެސެޖެއް ދެއްވިއެވެ.
މިނިސްޓަރގެ މެސެޖުގައި ވިދާޅުވީ، މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ މަންފާ ޒުވާނުންނަށް ކުރާނެކަމަށެވެ. އަދި މިނިސްޓަރވެސް ވަނީ އަލްއުސްތާޛު ޢަލީ ިއިބްރާހީމަށް ތާޢީދުކުރައްވާކަން ހާމަކުރައްވާފައެވެ.
އަލްއުސްތާޛު ޢަލީ އިބްރާހީމްއަކީ ޤާނޫނީ ވަކީލެކެވެ. އަދި ހިލޭ ސާބަހަށް ވަރަށް ގިނަ ރައްޔިތުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ އެދާއިރާގެ ބޭފުޅެކެވެ.