Last Updated: November 23, 10:09
Saturday, November 23, 2024
ދުނިޔެ

ތިން މަސް ވަންދެން ސިކުނޑި މަރުވެފައި އޮތް އަންހެނަކު ވިހައިފި

ކެޓަރީނާގެ ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލާނީ އިތުރު ތިން ހަފްތާއަށްފަހު - ފޮޓޯ: ގެޓީ އިމޭޖެސް

މިދިޔަ ޑިސެމްބަރ މަހުން ފެށިގެން ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނި އުމުރުން 26 އަހަރުގެ އަންހެނަކު ކުޑަ ފިރިހެން ކުއްޖަކު ވިހައިފި އެވެ.

ބައިނަލްއަޤްވާމީ ކެނޯއިސްޓެއް ކަމުގައިވާ ކެޓަރީނާ ސެކީރާގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނީ އެސްތުމާ އެޓޭކެއް ޖެހުމާއި ގުޅިގެންނެވެ.

ސެލްވެޑޯރގެ ނަމުން ނަން ދީފައިވާ ކުޑަކުއްޖާ ވިހެއިރު ކެޓަރީނާގެ ބަނޑަށް 32 ހަފްތާއެވެ. އެކުއްޖާ އަށް ދަނީ މިހާރު ނިއޯނެޓަލް ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ.

މިއީ ސިކުނޑި މަރުވެފައިވާ މަންމައަކަށް ޕޯޗުގަލްގައި ކުއްޖަކު ލިބުނު ދެވަނަ ފަހަރެވެ.

ކެޓަރީނާ އަކީ ހުނަރުވެރި ކެނޯއިސްޓެކެވެ. އޭނާ އަކީ ކުޑައިރުއްސުރެވެސް ނޭވާހިއްލުވުމުގެ މައްސަލަ ހުންނަ މީހެކެވެ. އޭނާގެ ބަނޑަށް 19 މަހުގައި ޖެހުނު އެސްތުމާ އެޓޭކެއްގެ ސަބަބުން ކެޓަރީނާ ކޯމާ އަކަށް ދިޔައެވެ. މާގިނަ ދުވަސްތަކެއް ނުވެ އޭނާގެ ސިއްޙީ ހާލަތު ގޯސްވަމުން ގޮސް، މިދިޔަ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ނިންމައިފައެވެ. އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތްކުރުމަށް 56 ދުވަސް ވަންދެން އޭނާ އޮތީ ވެންޓިލޭޓަރަކާއި ގުޅާފައެވެ.

ޑޮކްޓަރުން ބުނީ އޭނާގެ ބަނޑަށް 32 ހަފްތާ ފުރެންދެން މަޑުކުރަން ރާވައިގެން ތިބި ނަމަވެސް، ކެޓަރީނާގެ ހާލު ގޯސްވުމުގެ ސަބަބުން ބުރާސްފަތި ދުވަހު ވަނީ ސިޒޭރިއަން ހެދުމަށްފަހު ކުއްޖާ ނަގާފައި ކަމަށެވެ.

ކުއްޖާ ވިހަންދެން ކެޓަރީނާ ވެންޓިލޭޓަރުގެ އެހީގައި ބަހައްޓާފައި އޮތީ އޭނާގެ އާއިލާ އާއި މަޝްވަރާކުރުމަށްފަހު އެވެ. ކުއްޖާގެ ބައްޕަ އަދި އާއިލާގެ އެހެން މެމްބަރުންވެސް ބޭނުންވީ ކުއްޖާ ވިހެއުމަށް ކަމަށް ހޮސްޕިޓަލްގެ އޮފިޝަލުން ބުނެއެވެ.

ކެޓަރީނާގެ މަންމަ މަރިއާ ދި ފާތިމާ ބްރޭންކޯ ޕޯޗުގަލްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ، އޭނާގެ ދަރިފުޅަށް 26 ޑިސެމްބަރގައި އަލްވަދާޢު ކިޔާފައިވާ ކަމަށާއި، ދަރިފުޅު ސަލާމަތްކުރަން ނިންމީ ދަރިފުޅުގެ ބައްޕަ ބްރޫނޯ، އަބަދުވެސް ބައްޕައަކަށް ވާން ބޭނުންވާތީ ކަމަށެވެ.

ވިހެއިރު ބަރުދަނުގައި 1.7ކިލޯ ހުރި އެ ކުއްޖާ މަދުވެގެން ތިން ހަފްތާ ވަންދެން ހޮސްޕިޓަލްގައި ބާއްވަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކެޓަރީނާގެ ވެންޓިލޭޓަރު ނިއްވާލާފައިވާއިރު، އޭނާގެ ޖަނާޒާ ވަނީ އިއްޔެ ބާއްވައިފަ އެވެ.