"ލޭންޑް ޑޭ" އާއި މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ގާޒާ ބޯޑަރު ކައިރީގައި އިސްރާއީލް އާއި ދެކޮޅަށް ފަލަސްތީންގެ ރައްޔިތުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ކުރިއަށްގެންދާ މިޒާހަރާގެ ތެރެއިން، ފަލަސްތީންގެ އެކަކު ޝަހީދުކޮށްލައި، މަދުވެގެން 100 މީހުން ޒަޚަމްކޮށްލައިފި އެވެ.
ބޯޑަރު ކައިރީ މައި ފަސް ޕޮއިންޓެއް ކައިރިއަށް ގާތްގަނޑަކަށް ފަލަސްތީންގެ 40،000 ރައްޔިތުން އެއްވެފައިވާއިރު، އެމީހުން ދަނީ ގަލާއި ގޮވާޒާތުގެ ތަކެތި ބޯޑަރު ކައިރިއަށް އެއްލަމުންނެވެ. އިސްރާއީލްގެ އަސްކަރިއްޔާއިން ބުނީ މުޒާހަރާ ރޫޅާކުމަށް ލައިވް ފަޔަރ އާއި ކަރުނަ ގޭސްގެ ބޭނުންކޮށްފައިވާ ކަމަށެވެ.
އަދި މުޒާހަރާގެ ބައިވެރިންގެ ގަޔަކަށް ނޫކުލައިގެ ފެން ޖަހަމުންދާއިރު، އައިޑީއެފް އިން ދަނީ މުޒާހަރާ ރޫޅާލުމަށް އަޑުގަދަ ސައުންޑް މެޝިނެއްގެ ބޭނުންވެސް ކުރަމުންނެވެ.
ފަލަސްތީންގެ ހެލްތު މިނިސްޓްރީ އިން ރިޕޯޓްކުރާ ގޮތުގައި ޚާން ޔޫނިސްގައި އުމުރުން 13 އަހަރުގެ ކުޑަކުއްޖެއްގެ ބޮލަށް ބަޑިޖަހައި ޒަޚަމްކޮށްލާފައިވާއިރު، އުމުރުން 17 އަހަރުގެ އާދަމް އަމާރާ ވެސް ވަނީ ލައިވް ފަޔާގެ ސަބަބުން މަރުވެފައި ކަމަށެވެ.
އިތުރު 100 މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން 33 މީހަކު ވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.
އަސްކަރިއްޔާއިން ބުނާގޮތުގައި ހުކުރު ދުވަހު ބާއްވާ ސިލްސިލާ މުޒާހަރާތަކަށްވުރެ ގިނަ މީހުން މިއަދުގެ މުޒާހަރާގައި ތިބި ނަމަވެސް، ހަމަޖެހުންތައް އެހެން ދުވަސްތަކާއި އަޅާބަލާއިރު މަދު ކަމަށެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހު "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފަލަސްތީންގެ ރައްޔިތުން ގާޒާ ބޯޑަރުގައި މުޒާހަރާކުރަން ފެށީއްސުރެ މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 27،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާފައެވެ. މަރުވި މީހުންގެ ތެރޭގައި ނޫސްވެރިންނާއި ކުޑަކުދިންވެސް ހިމެނެއެވެ.