މަޖިލިސް އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެމްޑީޕީގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޮޑު ތިލަދުންމައްޗަށް ވަޑައިގެންފިއެވެ. ރައީސް ސޯލިހާ އެކު މިދަތުރުފުޅުގައި އެމްޑީޕިގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ހަނިމާދޫ ދާއިރާގެ ކެންޑިޑޭޓް އަދި މިހާރުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކެންޑިޑޭޓް އަބްދުލްޣަފޫރު މޫސާގެ ކެމްޕޭނު ޖަލްސާގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަނިމާދޫގައި ޑިޓޮކްސް ސެންޓަރެއް ރައީސް މިއަދު ހުޅުވައި ދެއްވާނެއެވެ.
އެއަށްފަހު ރައީސް ސޯލިހު ހއ. ގެ ރަށްތަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު ނަޝީދު ހދ. ގެ ރަށްތަކަށް ވަޑައިގެން ކެމްޕޭނު ހަރަކާތްތައް ބާއްވާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.