އިދިކޮޅު ޕީޕީއެމުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ފަސްކުރަން ކޯޓު އަމުރެއް ހޯދަން އުޅޭ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ހަނިމާދޫގައި، އެ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް އަބްދުލްޣަފޫރު މޫސާގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންތިޚާބު ފަސް ކުރަން ކުރާ މަސައްކަތެއް ކާމިޔާބެއް ނުވާނެ ކަމަށެވެ.
މީގެ ކުރިންވެސް ޕީޕީއެމަކީ އިންތިޚާބު ފަސްކުރަން މަސައްކަތް ކޮށްފައިވާ ޕާޓީއެކެވެ. އެގޮތުން ކައުންސިލް އިންތިޚާބު ކޯޓު މެދުވެރިކޮށް ފަސްކުރުމަށް ފަހު ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ނާކާމިޔާބުވުމުން އެމަނިކުފާނު ވަނީ އިންތިޚާބު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފައެވެ.
ސުޕްރީމް ކޯޓުން ޔާމީނާ ދެކޮޅަށް މައްސަލަ ނިންމާފައިވާއިރު އެމަނިކުފާނު ވަނީ ދާދި ފަހުންވެސް، ރިޔާސީ އިންތިޚާބަކީ ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވެފައެވެ.
މަޖިލިސް އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޔާމީން ވަނީ މަޖިލިސް އިންތިޚާބުގައި ޚަރަދު ކުރަން ބާއްވާފައި އޮތް ފައިސާކޮޅު ހިފަހައްޓާފައިވާތީ އެކަމާ ވެސް ނުރުހުން ފާޅުކޮށްފައެވެ.