އަންނަ ހޮނިހިރު ދުވަހު ބޭއްވޭ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ފަސް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިންތިޚާބު ފަސްކުރަން އުޅޭ ކަމަށް އަޑު ފެތުރެމުން ދިޔަ ނަމަވެސް، އެކަން ކުރުމަށް އެއްވެސް ފަރާތަކުން ކޯޓަށް މައްސަލަ ހުށައެޅިކަން އެނގިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި އިންތިޚާބު ފަސްކުރަން ޖާގައެއް ނެތް ކަމަށާއި ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ވޯޓު ފޮށިތައް ރަށްރަށަށް ފޮނުވުމާއި ކަރުދާސް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އޮބްސާވަރުންނާއި އޮފިޝަލުން ވަނީ މިހާރު ކަނޑައެޅިފައެވެ.
މިކަމާ ގުޅޭގޮތުން ޝަރީފާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންތިޚާބަށް ކެމްޕޭނު ކުރަން ގާނޫނީ ގޮތުން ކަނޑައެޅިފައިވާ 30 ދުވަސް ހުރިހާ ޕާޓީއެއްގެ ހުރިހާ ކެންޑިޑޭޓުންނަށް ދެވިފައިވާނެ ކަމަށާއި އަމިއްލައަށް ކެމްޕޭނު ނުކުރުމަކީ އީސީގެ މައްސަލައެއް ނޫން ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.