އެންޓި-ކޮރަޕްޝަން ކެންޑިޑޭޓް، ޒުޒާނާ ކަޕުތޮވާ ސްލޮވޭކިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި އެވެ. މިއާއެކު އެކަމަނާ ވެގެންދާނީ އެޤައުމުގެ ތާރީޚުގައި ވެސް އިންތިޚާބުވެވަޑައިގަތް ފުރަތަމަ އަންހެން ރައީސާ އަށެވެ.
މާބޮޑު ސިޔާސީ ތަޖުރިބާއެއް ލިބިވަޑައިގެންފައި ނުވާ ކަޕުތޮވާ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕާޓީ އިން ނޯމިނޭޓްކުރި މަޝްހޫރު ކެންޑިޑޭޓް، މާރޮސް ސެފްކޮވިޗް އާއި ވާދަކުރެއްވުމަށްފަހު އެވެ.
އެކަމަނާ ރިޔާސީ އިންތިޚާބު ސިފަކުރެއްވީ ރަނގަޅާއި ނުބައިގެ ދެމެދުގައި ކުރެވޭ ހަނގުރާމައެއްގެ ގޮތުގައެވެ.
އިންތިޚާބު ބާއްވާފައި މިވަނީ މިދިޔަ އަހަރު ތަޙުޤީޤީ ނޫސްވެރިޔަކު މަރާލާފައިވާ ދަނޑިވަޅެއްގަ އެވެ. ޔެން ކުސިއެކް އާއި އޭނާގެ ލޯބިވެރިޔާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަރާލާފައި ވަނީ ސިޔާސީ ލީޑަރުންނާއި ބޮޑެތި ކުށްތައް ހިންގާ ގޭންގްތަކާއި އޮންނަ ގުޅުން ތަޙުޤީޤުކުރަމުން ދަނިކޮށެވެ.
ކަޕުތޮވާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވަން އެކަމަނާ ނިންމެވި މައިގަނޑު އެއް ސަބަބަކީ ވެސް ކުސިއެކްގެ މަރު ކަމަށެވެ.
ގާތްގަނޑަކަށް ހުރިހާ ވޯޓެއް ގުނާ ނިމިފައިވާއިރު، އެކަމަނާ އަށް ވަނީ 58%ގެ މެޖޯރިޓީއެއް ލިބިވަޑައިގެންފަ އެވެ. އަދި ސެފްކޮވިޗް އަށް ލިބިވަޑައިގެންނެވީ 42% ވޯޓެވެ.
އެކަމަނާ މަޝްހޫރުވެފައި ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައެވެ. އުމުރުން 45 އަހަރުގެ ކަޕުތޮވާގެ ދެ ކުދިން ތިއްބެވިއިރު، އެކަމަނާ އާއި ކުދިންގެ ބައްޕަ ވަނީ ވަކިވެފައެވެ. އަދި އެކަމަނާ ނިސްބަތްވެވަޑައިގަންނަވަނީ މަޖިލީހުގެ އެއްވެސް ގޮނޑިއެއް ލިބިފައިނުވާ ސިޔާސީ ޕާޓީއެއް ކަމުގައިވާ ޕްރޮގްރެސިވް ސްލޮވޭކިއާ ޕާޓީ އަށެވެ.
އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ސެފްކޮވިޗް އަކީ ޔޫރޮޕިއަން ކޮމިޝަންގެ ނައިބު ރައީސް އެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުން ކަޕުތޮވާ އަށް 40% ވޯޓު ލިބިވަޑައިގެންނެވިއިރު، ސެފްކޮވިޗް އަށް ލިބިވަޑައިގެންނެވީ 19% އަށްވުރެ ވެސް މަދު ވޯޓެކެވެ.