ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ވިހެއުމުންދޭ ހަމަސް ދުވަހުގެ ޗުއްޓީ ރިސޯޓު މުވައްޒަފުންނަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. އަހުމަދު އަދީލު ނަސީރު ފާޅުކުރައްވައިފިއެވެ.
މަޖްލިސް އިންތިހާބުގެ ކަންމަތީ ކެމްޕެއިން ހަރަކާތުގައި ރޭ ވާހަކަ ދައްކަވަމުން ޑރ. އަދީލް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތުކަމަށެވެ. އަދީލް ވިދާޅުވީ މި ސިނާއަތުގައި މަސައްކަތް ކުރައްވާ އެތައް ސަތޭކަ އަންހެން ފިރިހެން މުވައްޒަފުން ތިބި އިރު އެ މުވައްޒަފުންނަށް ވިހެއުމުން އަންހެން މުވައްޒަފުންނަށް ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީ އަދި ފިރިހެން މުވައްޒަފުންނަށް ލިބޭ 1 މަސް ދުވަހުގެ ޗުއްޓީ ނުލިބޭ ކަމަށެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އަދީލް ވިދާޅުވިއެވެ.
އަދީލް ވިދާޅުވީ ރައީސްގެ މި ރިޔާސީ ވައުދަށް، ސަރުކާރު ކުންފުނިތަކާއި ބައެއް އަމިއްލަ ކުންފުނި ތަކުން އަމަލު ކުރަން ފަށާފައިވާ އިރު ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރަމުން އަންނަ ރިސޯޓު ތަކުން އިޖާބަ ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ގިނަ މުވައްޒަފުން މި ތިބެނީ އާއިލާ އާއި ދުރުގައި، މިގޮތަށް ވިހެއުމުން ލިބޭ ޗުއްޓީ އެފަދަ މުވައްޒަފުންނަށް ނުހަނު ބޭނުން، އެކަމަކު އަދި އަޅުގަނޑަށް އެނގިފައިނެތް އެއްވެސް ރިސޯޓަކުން މިފަދަ ލީވް ދޭކަމެއް، އަޅުގަނޑު އެކަމަށް ތިޔަ މުވައްޒަފުންގެ ފަރާތުން ވަކާލާތު ކޮށްދޭނަން" އަދީލް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އަދީލް އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަ ތަކާއި އެކަމަށް ހައްލު ހޯދަން ޖެހޭ ސަބަބު ތަކާއި ގުޅޭ ގޮތުންނެވެ. އެގޮތުން ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އަކީ ސާވިސް ޗާޖު ބަރާބަރަށް ނުލިބުންކަން ފާހަގަ ކުރެއްވިއެވެ.
އަދީލް ވިދާޅުވީ ރިސޯޓުތަކުގެ އާމްދަނީ ހިސާބުތައް ބަރާބަރަށް ބަލަހައްޓައި، އޭގެއިން މުވައްޒަފުންނަށް ލިބެންޖެހޭ ސާވިސް ޗާޖު ގާނޫނު ހަދައިގެން ވިޔަސް މުވައްޒަފުންނަށް ދޭން ޖެހޭކަމަށެވެ. އަދި އެކަމަށް މަޖްލިސްއަށް އިންތިހާބުކޮށްދެއްވައިފިނަމަ ވަކާލާތު ކޮށްދެއްވާނެކަމަށެވެ.
ތައުލީމީ ދާއިރާގައި ހިދްމަތް ކުރެއްވި އަދީލް އަންނަނީ މުޖްތަމައުގައި ހުރި މުހިއްމު މައްސަލަތަކަށް އަމާޒުކޮށް އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކޮށްދެއްވާނެކަަށް ވިދާޅުވަމުންއެވެ. އެގޮތުން ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއި، ޓީޗަރުންގެ ހައްގު ހޯދައި ދިނުމާއި ބޯހިޔާވަހިކަން މިހާރަށް ވުރެ ރަނގަޅަށް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.