އައްޑޫގެ ތަސައްވަރު އެކުލަވާލައި، އައްޑޫގެ ވައުދު ނާމާ ތައްޔާރުކޮށް އައްޑޫ ތަރައްޤީ ކުރުމަށް ނިކުމެތީ ތިބީ އެމްޑީޕީ ކަމަށާއި އެކަމަށް ހުރި ސަރުކާރުގެ ހަމައެކަނި ކެންޑިޑޭޓަކީ އޭނާކަމަށް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އިދިކޮޅު މެމްބަރުން އައްޑޫގެ ތަސައްވުރާއި، އައްޑޫގެ ވައުދުނާމާ ހިއްޕަވައިގެން ކެމްޕެއިން ކުރައްވާއިރު އެ ޕްލޭނާއި ވައުދުނާމާގައި ލިޔެފައިވާ އެއްޗެއް އެނގިވަޑައި ނުގަންނަވާކަމަށެވެ.
އަސްލަމް ވިދާޅުވީ އެބޭފުޅުން އެ ވިދާޅުވާ ޕްލޭނާއި ވައުދުނާމާ ތައްޔާރު ކުރީ އެމްޑީޕީންކަމަށާއި އެކަން ކުރުމުގައި ހުންނެވީ އޭނާކަމަށެވެ. އަދި އެޕްލޭން ހަގީގަތަކަށް ހަދައިދޭނީ ސަރުކާރުން ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
އައްޑޫ ވައުދުނާމާ އަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބަށް އައްޑޫ ތަރައްޤީ ކުރުމަށް އެކުލަވާލި ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއްބޭފުޅަކީ މެމްބަރު އަސްލަމްއެވެ.
އަސްލަމް ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުކަމަށް އިދިކޮޅު ބައެއް ކެންޑިޑޭޓުން ހެދިގެން އުޅޭއިރު ހިތަދޫ އުތުރު ދާއިރާގެ ކޯލަޝަން ކެންޑިޑޭޓަކީވެސް އަދި ރައީސް ސޯލިހުގެ ކެންޑިޑޭޓަކީވެސް އަދި އެމްޑީޕީ ކެންޑިޑޭޓަކީވެސް އޭނާ ކަމަށެވެ.
އިދިކޮޅު ކެންޑީޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެވުނީ އިއްޔެ މިއަދަކު ނޫންކަމަށާއި ތަސައްރަފު ފުރުނު އިރުންފެށިގެންވެސް ހުރީ ސިޔާސީ ކަންކަން ސާފުވެފައިކަމަށެވެ. އަދި ވޯޓު އޮޅުވާލުމާއި ، ވޯޓަށް މަކަރު ހަދަނީ ކޮން ބައެއްކަން އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ މިއަދުވެސް ވޯޓު އޮޅުވާލިކަމަށް ވާހަކަ ދައްކަމުންދާ މީހުންނަށް ކަމަށެވެ.
އަސްލަމް ވިދާޅުވީ އޭނާ އަކީ އަދި އެމްޑީޕީ އަކީ މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ވަކާލާތު ކުރި މީހުން ކަމަށެވެ.
ރޭގެ ކަންމަތީ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އައްޑޫ ތަރައްޤީ ކުރެވެން އޮތީ ރައީސް ސޯލިހުގެ ސަރުކާރަށް އެއްބާރުލުން ލިބިގެން ކަމަށާއި މީގެ ކުރިން އެމްޑީޕީ ސަރުކާރުގެ ކުރު މުއްދަތުގައި އައްޑޫއަށް އައި ކުރިއެރުން ފެނިފައިވާ ކަމަށެވެ. އަދި ފާއިތުވި ހަތް އަހަރު ރައްޔިތުން އެތައް ގުރުބާނީ އާއި އުއްމީދުކޮށްގެން ތިއްބާ އެ އުއްމީދު ހާސިލް ނުކުރެވޭނެ ގޮތަށް ކަންކަން ދިޔަ ދީގެން ނުވާނެކަމަށެވެ.