Last Updated: November 23, 20:35
Saturday, November 23, 2024
ޚަބަރު

އެންމެ ވޯޓަކީވެސް މުހިންމު ވޯޓެއް، އެންމެ މެންބަރެއް ވެސް މުހިންމު: ރައީސް

ހޮނިހިރު ދުވަހު ބާއްވާ މަޖްލިސް އިންތިހާބުގައި އެންމެ ވޯޓަކީވެސް މުހިންމު އެއްޗެއް ކަމަށާއި އަދި ރައްޔިތުންގެ މަޖުލީހުގައި އިންނަވާ އެންމެ މެންބަރަކީވެސް މުހިންމު މެންބަރެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު ނ. ލަންދޫ އަށް ވަޑައިގެން އެދާއިރާއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓު އަޙުމަދު ހާރޫން ގެ ކެމްޕެއިން ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދި ހޮނިހިރު ދުވަހު މި ބާއްވޭ އިންތިހާބު ގައި ނަތީޖާއިން ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްްޔިތުން ނިންމި ނިންމުމަށް އަސަރުކޮށްފާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

"23 ސެޕްޓެމްބަރގައި އަޅުގަނޑުމެން ނިންމި ނިންމުމަށް އަސަރު ކޮށްފާނެ، ހޮނިހިރު ދުވަހު އަޅުގަނޑުމެންގެ ނިންމުން ވަރަށް ސާފު ވާން ވާނެ. އެދުވަހު ނިންމޭ ގޮތަކުން އަޅުގަނޑުމެން މި އުއްމީދު ކުރި އުއްމީދު ކުރުން، ބޭނުންވާ ބަދަލުތައް ގެނައުމަށް ހުރަސްތަކެއް އެޅިގެން ހިނގައިދާނެ. އެހެންކަމުން މިދާއިރާގެ ނިންމުން ވާން ވާނީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން އެވީ ވަޢުދު ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް އެއްބާރުލުން ލިބޭ ގޮތަށް ނިންމާ ނިންމުމަކަށް."

ރައީސް ވިދާޅުވީ ކެމްޕޭންގެ އެންމެ ފަހު ވަގުތުވެސް ނ. އަތޮޅަށާއި މި ދާއިރާ އަށް މިދަތުރު ކުރަނީ ރައްޔިތުންގެ ކިބައިން އެންމެ ފަހު ވަގުތުވެސް މިވާހަކަ ދަންނަވާލުމަށް ކަމަށެވެ.

"ތި ބޭފުޅުންގެ އަރިހުގައި އެންމެ ފަހު ވަގުތުވެސް މިވާހަކަ ދަންނަވާލަން ބޭނުން ވާތީ، އަޅުގަނޑު ވީ ވަޢުދު ތަކަކީ މުހިންމު ވަޢުދު ތަކެއް. ރައްޔިތުންނަށް، މިޤައުމަށް މުހިންމު ވަޢުދުތަކެއް. ބޭނުންތެރި ބަދަލުތަކެއް ގެންނަން ޖެހޭ. އަޅުގަނޑުގެ އަމިއްލަ އެއްވެސް ބޭނުމެއް އެއަކު ނެތް. އެހެން ކަމުން އެކަމަށް ސަމާލުވެ ވަޑައިގެން ތިބޭފުޅުން މިދާއިރާ އަށް މި ރަށަށް ތަރައްގީ ގެންނަން ބޭނުން ކަމަށްވަންޔާ 23 ސެޕްޓެންބަރ ގައި އެ ނިންމި ނިންމުން އަނެއްކާ ވެސް އަންނަ ހޮނިހިރު ދުވަހު ތަކުރާރު ކުރަން ޖެހޭ. ދައްކާ ވާހަކަ އަޅުގަނޑުމެން ގެ ޢަމަލުތައް އެބަޖެހޭ އެެއް މިސްރާބަކަށް އެއްގޮތަކަށް ހުންނަަން. އެހެން ނޫނީ ދާނީ އަނެއްކާ ވެސް އެ ބިރުވެރިކަމާއި އެ ނާމާން ކަމާއި ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް "

އަދި ހުރިހާ ރައްޔިތުން ވެސް މިކަންކަމަށް ވިސްނެވުމަށްފަހު ހޮނިހިރު ދުވަހު ވޯޓު ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.